ޚަބަރު
ނޮޅިވަރަންފަރު ބަނދަރުގައި ހުރި ވެލިފުނިން ޢާންމުން ވެއްޔަށް އެދުމަށް ހުޅުވާލައިފި
ހ.ދ. ނޮޅިވަރަންފަރު. ފޮޓޯ: ވަގުތު.
ފަރުދުން
30 އޮކްޓޯބަރު 2025، 03:20
30 އޮކްޓޯބަރު 2025، 03:20
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ބަނދަރުގެ ހުޅަނގު ފަރާތުގައު ހުރި ވެލިފުނީން އެ ރަށު ޢާންމުންނަށް ވެލި ދޫކުރުމަށް ނިންމައިފިއެވެ.
ނޮޅިވަރަންފަރު ކައުންސިލުން ޝާއިޢުކުރި އިޢުލާނެއްގައި ބުނީ، އެ ރަށު ބަނދަރު ސަރަޙައްދުގެ ހުޅަނގުގައިވާ ވެލިފުނީން، ޢާންމު ރަޢިއްޔަތުން ދިރިއުޅެމުން އަންނަ ގޭބީސީތަކަށާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޮވެތިތަކުގެ ތެރެއިން ރަޖިސްޓްރީކޮށްފައިވާ ގެވަޅުތަކަގައި ކުރަމުންދާ މަސައްކަތްތަކަށް، ކޮންމެ ގެއަކަށް 100 ޑަބިޔަލުގެ ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ވީމާ، ވެލި ބޭނުންވާ ފަރާތްތަކުން ފެށޭ ނޮވެންބަރު މަހުގެ 4ވަނަ ދުވަހު މެންދުރުފަހު 1 ޖެހުމުގެ ކުރީން، ކައުންސިލު އިދާރާގައި ނަން ޖެއްސުމަށް ކައުންސިލުން ވަނީ އެދިފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ބުނީ، ކޮންމެ މީހަކަށް ވެސް ނަން ނޯޓުކުރެވޭނީ އެންމެ ފަހަރަކު ކަމުގައެވެ.
ނަން ނޯޓުކުރުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުން، ނަން ނޯޓު ކުރެވިފައިވާ ފަރާތްތަކަށް ގުޅާނޭ ކަމަށާއި، ވެލި ދޫކުރާނީ ރަސްމީ ދުވަސްދުވަހު ހަވީރު 4އަކުން 6އަށް ކަމަށް ކައުންސިލުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ނޮޅިވަރަންފަރު ކައުންސިލުން އިތުރަށް ބުނެފައިވަނީ، އެ އިދާރާއިން ވެލި ދޫކުރާ ދުވަހު ޙާޟިރު ނުވެއްޖެ ނަމަ، އެ ފަރާތަކަށް ވެލި ދޫކުރާނީ ލިސްޓުގެ ތަރުތީބުން ވެލި ނެގުމަށް އެދިފައިވާ އެންމެހައި ފަރާތްތަކުން ވެލި ނަގާ ނިމުމުން ކަމަށެވެ. އަދި އެ ދުވަހެއްގައި ޙަވާލުކުރެވޭ ވެލި އެ ދުވަހަކު ގެންދަންވާނޭ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.