ޚަބަރު
އައްޑޫ މީދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: މީދޫ އަވަށު އޮފީސް
އައްޑޫ ސިޓީގެ މީދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މީދޫ އަވަށު އޮފީހާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި ދެމެދުއެވެ. ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ވަނީ މީގެ ކުރިން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫގައި ވެސް އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޑީއެންއާރުން ވިދާޅުވީ، އައްޑޫ ސިޓީ މީދޫގައި އައިޑީ ކާޑުގެ ޚިދުމަތް ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެއްކަން ފާހަގަކުރައްވާ ޑީއެންއާރުން ވިދާޅުވީ، މި ޚިދުމަތް ފުޅާކުރުމުގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، މިހާރަށް ވުރެ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މި ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއީ، ގއ. ވިލިނގިލީގައެވެ.