Ads by Stelco

ޚަބަރު

އައު އޮނިގަނޑާއެކު އިތުރުގަޑީގެ ކެޕް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުގުނާނެ

އައު އޮނިގަނޑާއެކު އިތުރުގަޑީގެ ކެޕް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުގުނާނެ

އެއް އިމާރާތެއްގައި އެންމެ ގިނަ ސިވިލް ސާރވިސް މުވައްޒަފުން މަސައްކަތްކުރަމުންދާ ވެލާނާގެ ބިލްޑިންގ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ނޮވެމްބަރު 2025، 10:39

02 ނޮވެމްބަރު 2025، 10:39

ދައުލަތުގެ ޕޭ ފްރޭމްވަރކްގައި އެއްހަމަ މިންގަނޑުތަކެއް ހުރިހާ ފަންނުތަކެއްގެ މެދުގައި ގެންގުޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، 1 ނޮވެމްބަރުން ފެށިގެން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން، މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް ވަނީ ބަދަލުގެނަސްފައެވެ. 

މި ބަދަލުތަކަށް މުސާރަ ހިސާބުކޮށްފައި ވަނީ 8 ގަޑިއިރަށްކަމަށް ވުމުން، މި ބަދަލާއެކު އިތުރުގަޑީގެ ވަގުތު ގުނާ މިންގަނޑަށް ވަނީ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން އިތުރުގަޑި ދިނުމަށް ނިންމާފައިވަނީ އަސާސީ މުސާރައިގެ 10 އިންސައްތައާ ހަމައަށެވެ. އަދި އިތުރުގަޑި ގުނަން ފަށާނީ މަސައްކަތު ކޮންމެ ދުވަހެއްގައި ވެސް 8 ގަޑިއިރު ހަމަވުމުން ކަމުގައި ވަނީ ހާމަކޮށްފައެވެ. 

ނަމަވެސް އިތުރުގަޑީގެ ކެޕް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތަށް އެންމެ ފަހުގެ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ކެޕް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތައް ނުގުނާނެ ޙާލަތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

ޕޭ ޕްރޭމްވަރކްގައި އިތުރުގަޑީގެ ކެޕް ކަނޑައެޅުމުގައި އިސްތިސްނާވާނެ ކަންކަން ބަޔާންކޮށްފައިވާ ޙާލަތްތައް:

  • ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށްވާ ދުވަސްތައް
  • 2025 އޮކްޓޫބަރު 22ވަނަ ދުވަހަށްފަހު، ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތައް 
  • ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތައް 

މީގެ އިތުރުން، 8 ގަޑިއިރަށް ވުރެ އިތުރުވާ ގޮތަށް ޑިއުޓީ ކުރަންޖެހޭނަމަ، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ވަކި ގޮތެއްގެ މަތީން އިތުރު އިނާޔަތެއް ދެވިދާނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. 

މުސާރައާ ގުޅޭ ސިޔާސަތުތަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ބަދަލުތަކަށް ޚަރަދުކުރުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 1.68 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. 

ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ، ދުވަސްވީ ކަންބޮޑުވުމެކެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް ފުރަތަމަ ފަހަރަށް ބަދަލެއް ގެނެސްފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން އެކި ނަންނަމުގައި އެލަވަންސްތައް ދިންނަމަވެސް، އެކަށީގެންވާ ގޮތެއްގައި މުސާރައަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 2022 ވަނަ އަހަރު ނަރުހުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން