ޚަބަރު
ތާރު އެޅުމުގެ މަސައްކަތްކުރުމަށް ބޮޑުތަކުރުފާނު މަގު ހިމެނޭހެން ބައެއް ސަރަހައްދުތައް ބަންދުކޮށްފި
                    ތާރު އެޅުމުގެ މަސައްކަތްކުރުމަށް ބަންދު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު
ފަރުދުން
04 ނޮވެމްބަރު 2025، 09:57
04 ނޮވެމްބަރު 2025، 09:57
ތާރު އެޅުމުގެ މަސައްކަތްކުރުމަށް މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހިމެނޭހެން ބައެއް ސަރަހައްދުތައް ބަންދުކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާއި ހަމައަށް އެމަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތެވެ. މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ޗާޓުން ފެންނަ ގޮތުގައި ބަންދު ކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ޝަހީދު މުޙައްމަދު ހުސައިން ހިނގުމުން ހުސޭނީ ގޯޅިއާ ހަމައަށް، މުހައްމަދު އިސްމާއިލް ގޯޅީގެ ބަޔަކާއި، ކަނޑިދޮންމަކިނު ގޯޅީގެ ބައެއް އަދި ޗާންދަނީ މަގުން އިބްރާހިމް ހަސަން ދީދީ މަގާއި ހަމައަށެވެ. ހަމަ އެއާއެކު ޖުމްހޫރީ ހިނގުން، އަމީރު އަހްމަދު މަގާއި ހަމައަށް ބަންދުކޮށްފައިވާއިރު ޕާކް ކުރުން މަނާ ސަރަހައްދެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން ޕާކް ކުރުން މަނާ ސަރަހައްދެއް ކަމުގައި ކަނޑައަޅާފައިވަނީ ހުސައިނީ ގޯޅިން ފެށިގެން އޯކިޑް މަގާ ހަމައަށެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު މިރޭގެ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން. pic.twitter.com/EZuTBt4NyX
— Maldives Police (@PoliceMv) November 3, 2025
ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.