ޚަބަރު
އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
                    ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
04 ނޮވެމްބަރު 2025، 11:38
04 ނޮވެމްބަރު 2025، 11:38
އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އައްޑޫ އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމަށާއި، އައްޑޫ ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުއްވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި އިޞްލާޙާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ. މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.