ދުނިޔެ

ބަލިވެ އިންދައި ފިރިމީހާ ޝަހީދުކޮށްލި، އެހެން މީހަކާ އިނުމުން އެ މީހާ ވެސް ޝަހީދުކޮށްލި!

ބަލިވެ އިންދައި ފިރިމީހާ ޝަހީދުކޮށްލި، އެހެން މީހަކާ އިނުމުން އެ މީހާ ވެސް ޝަހީދުކޮށްލި!

މަރްޔަމްގެ ވާހަކަ.

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 04:09

04 ނޮވެމްބަރު 2025، 04:09

މި ލިޔުމުގައި މި ގެނެސްދެނީ ފަލަސްޠީނު އަންހެން މީހެއްގެ ހިތާމަވެރި ވާހަކައެވެ.

މަރްޔަމް ނަމަކަށް ކިޔާ ފަލަސްޠީނު އަންހެން މީހަކު ކައިވެނިކޮށްގެން އުޅުނީ ޣައްޒާގެ ޙަމްދާން ދަރިކޮޅުގެ މީހަކާއެވެ. ނަމަވެސް، 2021ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކެއްގައި، މަރްޔަމްގެ ފިރިމީހާ ޝަހީދުކޮށްލިއެވެ. އެއިރު ބަލިވެ އިން މަރްޔަމް ހުވަފަތްވެ، އޭނާގެ ދަރިފުޅު ޔަތީމުވީއެވެ.

މަރްޔަމް ވިހެއީ ލޯބި ލޯބި އަންހެން ދަރިފުޅެކެވެ. ޣައްޒާގެ ނުރައްކައުތެރި ޙާލަތާއެކުގައި ވެސް މަރްޔަމް އައީ ދަރިފުޅަށް އިންތިހާއަށް އަޅައިލަމުންނެވެ.

މި ވާހަކައިގެ އަނެއް ކޮޅަށް ޖެހިލާއިރު، ޚާން ޔޫނިސްގެ ފޭލިގެއެއްގައި ޙާތިމް ނަމަކަށް ކިޔާ މީހަކު އޭނާގެ ޢާއިލާއާއެކު ދިރިއުޅެމުންދިޔައެވެ. ނަމަވެސް ޙާތިމްމެންގެ ފޭލިގެއަށް ދިން ވައިގެ ޙަމަލާއެއްގައި، އޭނާގެ އަނބިމީހާގެ އިތުރުން، އެންމެ ފިރިހެން ކުއްޖަކު ފިޔަވައި ދެންތިބި ދަރީން ޝަހީދުވެގެންދިޔައެވެ.

މަރްޔަމާއި ޙާތިމަކީ އެއްކަހަލަ ޙާލަތެއް ކުރިމަތިވެފައިވާ ދެ މީހުން ކަމުގައިވާތީ، އެ ދެމީހުން ކައިވެނިކުރާން ނިންމިއެވެ. މަރްޔަމާއި ޙާތިމް ކައިވެނިކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އޭރުއްސުރެން އެ ދެމީހުން ދިރިއުޅެމުން އައީ ލޯތްބާއި ކުލުނާއެކުގައެވެ.

ނަމަވެސް ހިތާމައަކީ، މިދިޔަ މަހު އިސްރާއީލުން އެ ދެމަފިރީންގެ ގެޔަށް ބޮން އެޅުމުގެ ސަބަބުން، މަރްޔަމަށް ކުރީގެ ފިރިމީހާގެ ފަރާތުން ލިބުނު އަންހެން ދަރިފުޅާއި، ޙާތިމް ކުރީގެ އަނބިމީހާ ވިހެއި ފިރިހެން ދަރިފުޅު ޝަހީދުވެގެން ދިޔަކަމެވެ. މި ޙަމަލާގައި ޙާތިމަށް ވެސް ބޮޑެތި ޒަޚަމުތަކެއް ލިބި، ހަސްފަތާލުގައި ފަރުވާދެމުން ގެންދިޔައެވެ.

ޙާތިމް ހަސްފަތާލުން ދޫކޮށްލީ އޭގެ ދެތީން ދުވަސް ފަހުންނެވެ. ނަމަވެސް، އިސްރާއީލާއި ފަލަސްޠީނާ ދެމެދު ވެވުނު ޞުލްޙައިގެ މުޢާހަދާއަށް ތިން ހަފުތާ ނުވަނީސް، ޙާތިމް ގަޔަށް ޙަމަލާދީ، އޭނާ ވަނީ ޝަހީދުކޮށްލާފައެވެ.

މި ވަޤުތު ބަލިވެ އިން މަރްޔަމް އަނެއްކާ ވެސް ހުވަފަތްވެ، އޭނާގެ ދަރިފުޅެއް އަނެއްކާ ވެސް ޔަތީމުވީއެވެ.

މަރްޔަމް ޞިފަކުރާ ގޮތުގައި، ޞުލްޙައިގެ މުޢާހަދާއަކީ "ބޮޑު ދޮގެކެވެ".

ފަލަސްޠީނުގެ ޔުނިވަރސިޓީއެއްގައި އުނގަންނަވައިދެއްވާ މަޝްހޫރު ޕްރޮފެސަރެއް ކަމުގައިވާ ޑރ. ފާއިޒް އަބޫ ޝައްމާލާ މި ވާހަކަ ޙިއްޞާކުރައްވާފައިވާއިރު، ތަފާތު ޢަރަބި މީޑިޔާތަކުން މި ވާހަކަ ގެނެސްދީފައިވެއެވެ. ޑރ. ފާއިޒް އެކްސްގައި މި ވާހަކަ ޙިއްޞާކުރެއްވި ޕޯސްޓަށް، 4،300 ލައިކް ވަނީ ލިބިފައެވެ.

މަރްޔަމަކީ ޣައްޒާގައި މި ފަދަ ވޭނީ ހިތްދަތިކަން ތަޙައްމަލުކުރަމުންދާ ހަމައެކަނި މީހާއެއް ނޫނެވެ. އަންހެނަކަށް ކުޑަކުއްޖަކަށް ބަލިމީހަކަށް، މުސްކުޅިއަކަށް ބެލުމެއްނެތި އިސްރާއީލުން ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަކުގައި އެތައް މަޔަކު އެކަނިވެރިވެފައި ވެއެވެ. އެތައް ބަފައެއްގެ އަނބިދަރީން ޝަހީދުވެފައިވެއެވެ. އެތައް ޢާއިލާތަކެއް ރޫޅި، އެތައް މަޢުޞޫމު ކުޑަކުދީންނެއް ޔަތީމުވެފައިވެއެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މަރްޔަމާއި އޭނާ ފަދަ އެހެން މީހުންނަށް ކެތްތެރިކަމާއި ހެޔޮޖަޒާ މިންވަރުކުރައްވައި، ފަލަސްޠީނުގެ އިތުރުން، މުސްލިމު އުންމަތުގައި އަނިޔާ ލިބެމުންދާ އެހެނިގެން ޤައުމުތަކުގެ މީހުންގެ ދިފާޢުގައި، ކެރިގެން ތެދުވާ ބަޔަކު އަޅުގަނޑުމެންގެ ތެރެއިން ލެއްވުމެވެ. އަދި މަޡުލޫމުންގެ ގޮތުގައި ޝަހީދުވެފައިވާ ފަރާތްތަކަށް ހެއު ރަޙުމަތް މިންވަރުކުރެއްވުމެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން