ޚަބަރު
ޒުވާނުން ތަމްރީނު ކުރުމަށް އެމްޕީއެލް އާއި ޒުވާނުންގެ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުން އައުކޮށްފި
                    އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްޕީއެލް
ޒުވާނުން ތަމްރީނު ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ މި އެއްބަސްވުން މިއަދު އައުކޮށްފައިވަނީ އިތުރު 3 އަހަރުގެ މުއްދަތަކަށެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާނެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސާރ އައިޝަތު ޝިމްލާއެވެ.

އެމްޕީއެލް އިން ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް ޤައުމީ ފެންވަރުގެ ތަޢުލީމް ފޯރުކޮށްދިނުމުގައިސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުން ކަމަަށެވެ. ހަމަ އެހެންމެ، މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރާނެއެވެ.
އެމްޕީއެލްއިން ޒުވާނުންގެ ވުޒާރާއާ ގުޅިގެން ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް އަރުވާނެއެވެ.