ދުނިޔެ

ހޯންގ ކޯންގުގެ ޗިޕްސް ފެކްޓަރީއެއްގެ އަލުވިބަސްތާ ތެރެއިން ފުރަތަމަ ބޮޑު ހަނގުރާމައިގެ ގްރެނޭޑެއް ފެނިއްޖެ

ހޯންގ ކޯންގުގެ ޗިޕްސް ފެކްޓަރީއެއްގެ އަލުވިބަސްތާ ތެރެއިން ފުރަތަމަ ބޮޑު ހަނގުރާމައިގެ ގްރެނޭޑެއް ފެނިއްޖެ

ފުރަތަމަ ބޮޑު ހަނގުރާމައިގެ ގްރެނޭޑް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ނޮވެމްބަރު 2024، 08:08

05 ނޮވެމްބަރު 2024، 08:08

ހޯންގ ކޯންގުގެ ކަލްބީ ފޯ ސީސް ކުންފުނީގެ ޗިޕްސް ފެކްޓަރީއަކުން އަލުވި ބަސްތާ ޕްރޮސެސް ކުރަމުންދަނިކޮށް، އެއް އަލުވި ޕްރޮސެސް ނުކުރެވުމުން ބެލިބެލުމުން އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ޒަމާނުގެ ޖަރުމަނުވިލާތުން އުފައްދާފައިވާ ގްރެނޭޑެއްކަން ވަނީ ފާހަގަކުރެވިފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގައެވެ.

 ސަތޭކަ އަހަރު ވެފައިވާ މި ގްރެނޭޑުގެ ބޭރު ފަށަލަ ދަބަރުޖަހައި، ހަލާކުވެފަ ވީނަމަވެސް، އޭގެ އެތެރޭގައި ހުރި ތަކެތި އަދިވެސް ގޮވައި ނުރައްކާތެރި ހާދިސާއެއް ހިންގުމުގެ ޤާބިލުކަން ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ.

 ހޯންގ ކޯންގު ފުލުހުންގެ ބަހުން މި ގްރެނޭޑަކީ ވަރަށް ނާޒުކު ހާލަތެއްގައި އޮތް އެއްޗެއް ކަމަށް ބުނެ، އެ ގްރެނޭޑު ރައްކާތެރިކަމާއެކު ގޮއްވާލުމަށް ޚާއްޞަ ފެން ޕަންޕެއް ބޭނުންކޮށްގެން ހުސް މަގެއްގެ ނަރުދަމާ ވަޅެއްގައި ގޮއްވާލާފައިވެއެވެ. ފުލުހުންގެ ސުޕްރިންޓެންޑެންޓް ވޯންގ ހޯ-ހޯން ވިދާޅުވި ގޮތުގައި މި ގްރެނޭޑަކީ ވަގުތުން ވަގުތަށް ރައްކާތެރިކަމާއެކު ނައްތާލަންޖެހޭ ނުރައްކާތެރި އެއްޗެކެވެ.

 މި ގްރެނޭޑުގެ ބަރުދަނަކީ 1 ކިލޯ އާއި ގާތްކުރާ މިންވަރެކެވެ. މިއީ އާންމު އަލުވީގެ ބަރުދަނަށްވުރެ 5 ގުނަ ބަރު އެއްޗެއް ނަމަވެސް، ސައިޒުގެ ގޮތުން އަލުވިއަކާ އެއްވަރުވުމުގެ ސަބަބުން އަލުވި ހޮވުމުގައި ނޭނގި ހޮވިފައިވާ ކަމަށް ބެލެވެއެވެ.

 ހޯންގ ކޯންގ ބެޕްޓިސްޓް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އަދި އަސްކަރީ ތާރީޚުވެރިއެއް ކަމަށްވާ ކްވޯންގ ޗީ-މަން ވިދާޅުވި ގޮތުގައި ފުރަތަމަ ބޮޑު ހަނގުރާމައިގެ ޒަމާނުގެ ގިނަ ގްރެނޭޑުތަކެއް ބޮންގޮއްވުމުގެ ތެރޭގައި ވަޅުލެވިފައި ހުރެއެވެ. މިފަދަ ހަތިޔާރުތައް ޔޫރަޕުގެ އެކި ގައުމުތަކުން މިއަދާ ހަމައަށްވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން