ކޮލަމް / ދުނިޔެ

މާދަމާރޭގެ އުޑުމަތިިން ފާއިތުވީ 6 އަހަރުތެރޭ ފެންނަ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ސުޕަރމޫން ފެނިގެންދާނެ

މާދަމާރޭގެ އުޑުމަތިިން ފާއިތުވީ 6 އަހަރުތެރޭ ފެންނަ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ސުޕަރމޫން ފެނިގެންދާނެ

ސުޕަރމޫން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 07:39

04 ނޮވެމްބަރު 2025، 07:39

އުޑުމަތިން އާދަޔާ ހިލާފު ރީތި މަންޒަރެއް މާދަމާރޭ ދެކިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފަލަކީ އިލްމުވެރިން ބުނާގޮތުން މާދަމާރޭ، ނޮވެމްބަރު 5 ވަނަ ދުވަހުގެރޭ، މިދިޔަ 6 އަހަރު ތެރޭގައިވެސް ފެނިފައިނުވާވަރަށް ބޮޑު އަދި އަލިގަދަ "ސުޕަރމޫން"އެއް ދުނިޔެއަށް ފެނިގެންދާނެއެވެ.

ސުޕަރމޫންއަކީ ކޮބާ؟

އުޑުމަތިން ރޭގަނޑު ހަނދު ފެންނައިރު އާއްމުކޮށް ނުފެންނަވަރަށްވުރެ ބޮޑުކޮށް ފެންނަ ފަހަރު އާދެއެވެ. މިއީ ދުނިޔެ ވަށައިގެން ހަނދު ދަތުރުކުރާ އޯބިޓުގައި ހިމެނޭ ދުނިޔެއާ އެންމެ ކައިރި ޕޮއިންޓުކަމަށްވާ "ޕެރިޖީ"އަށް ހަނދު އެރުމުން ދިމާވާ ކަމެކެވެ. ޕެރިޖީގައި ހަނދު ހުންނައިރު ދުނިޔެއަށް ހަނދު ފެންނަ ސައިޒު ބޮޑުވުމުގެ އިތުރުން، އޭގެ އަލިވެސް އާއްމުކޮށް ފެންނަ ވަރަށްވުރެ ގަދަވާނެއެވެ. މިފަދަ ހާލަތްތަކުގައި ފަޅި ހަނދެއްގެ ބަދަލުގައި ފުރިހަމަ ހަނދަކާއި ދިމާވާނަމަ، ކިޔާ އުޅެނީ "ސުޕަރމޫން"އެވެ.

މިއަހަރުގެ ސުޕަރމޫންތައް

ކޮންމެ އަހަރަކުވެސް އެތައް ސުޕަރމޫންއެއް ދުނިޔެއަށް ފެނެއެވެ. މިއަހަރުވެސް 3 ސުޕަރމޫންއެއް ފެންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނެފައިވެއެވެ. މިގޮތުން، މިއަހަރުގެ ފުރަތަމަ ސުޕަރމޫން ފެނުނީ މިދިޔަ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުއެވެ. މިއަހަރުގެ އެންމެ ފަހު ސުޕަރމޫން ފެންނާނީ އަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

ނޮވެމްބަރު 5 ވަނަ ދުވަހުގެރޭގެ ސުޕަރމޫން

މިއަހަރުގެ އެންމެ ޚާއްސަ ސުޕަރމޫންއެއް މާދަމާރޭ، ނޮވެމްބަރު 5 ވަނަ ދުވަހުގެރޭ ދުނިޔެއަށް ފެންނާނެއެވެ. ފަލަކީ އިލްމުވެރިން ހާމަކުރާގޮތުން މާދަމާރޭ ފެންނަ ސުޕަރމޫންއަކީ މިދިޔަ 6 އަހަރު ތެރޭގައިވެސް ފެންނާނީ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ހަނދެވެ. މިއީ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 19 ވަނަ ދުވަހު ފެނުނު ސުޕަރމޫންއަށްފަހު ދުނިޔެއާ އެންމެ ކައިރިން ފެންނާނެ ސުޕަރމޫންއެވެ. މާދަމާރޭ ހަނދު ފެންނައިރު ހުންނާނީ އާއްމުކޮށް ފެންނަވަރަށްވުރެ 14 ގުނަ ބޮޑުކޮށް، އަދި 30 ގުނަ އަލިގަދަކޮށެވެ.

ފަލަކީ އިލްމުވެރިން ބުނާގޮތުން ނޮވެމްބަރު 4، 5 އަދި 6 ވަނަދުވަހުގެރޭވެސް ފެންނަ ހަނދު އާދަޔާ ހިލާފަށް ބޮޑުވެފައި، އަލިގަދަވާނެއެވެ. ނަމަވެސް އޭގެތެރެއިން އެންމެ ރީތިވާނީ ނޮވެމްބަރު 5 ވަނަ ދުވަހުގެރޭ ހަނދުކަމަށް ޚަބަރުތައް ބުނެއެވެ.

ކުރިއަށް އޮތް ސުޕަރމޫންތައް

މާދަމާރޭ ފެންނަ މި ރީތި ސުޕަރމޫންއަށްފަހު، މިފަދަ ހަނދެއް ދެން ފެންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުގެރެއެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުވެސް 3 ސުޕަރމޫންއެއް ފެންނާނެއެވެ. ފަލަކީ އިލްމުވެރިން ލަފާކުރާގޮތުގައި 2026 ވަނަ އަހަރު ފެންނަ ސުޕަރމޫންގެ ތެރެއިން ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުގެރޭ ފެންނާނެ ސުޕަރމޫންއަކީ މާދަމާރޭ ފެންނަ ސުޕަރމޫންއަށްވުރެވެސް ބޮޑު، އަދި އަލިގަދަވާނެ ހަނދެއްކަމަށް ވެސް ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން