ޚަބަރު
ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ހުޅުދޫ-މީދޫ ބަދަލުވާނީ ދުބާއިއަށާއި އަބޫދާބީއަށް: މެންބަރު ޝާހިދު
މެންބަރު ޝާހިދު (ޝާޑު) ހުޅުދޫ އަދި މީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަނީ.
ފަރުދުން
05 ނޮވެމްބަރު 2025، 03:40
05 ނޮވެމްބަރު 2025، 03:40
ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އައްޑޫ ހުޅުދޫ އަދި މީދޫ ބަދަލުވެގެންދާނީ އެކުވެރި ޢަރަބި އިމާރާތުގެ މަޝްހޫރު ދެ ސިޓީ ދުބާއިއަށާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީ.އެން.ސީ. މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހުޅުދޫ-މީދޫ ރައްޔިތުންނާ މުޚާޠަވުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު މިއަދު ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހުޅުދޫ-މީދޫގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށާއި، އެ ކަމުގެ އެއް ހެތްކަކީ އިހަށް ދުވަހު ނެގިގެންދިޔަ ވޯޓު ކަމަށެވެ. ޝާޑުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި ވޯޓަކީ، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފެއްދުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް މި ފަހަކުން ނެގި ވޯޓެވެ.
އިލެކްޝަންސް ކޮމިޝަން (އީ.ސީ.)ގެ ފަރާތުން މިދިޔަ މަހުގެ ފަހުކޮޅު މާލެއާއި އައްޑޫ ސިޓީގައި ބޭއްވުނު ވޯޓުގައި ހުޅުދޫ އަދި މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ރަށު ކައުންސިލެއް އެކުލަވައިލުމަށް އެދޭ ކަމަށް ވޯޓު ދިން މީހުންގެ ނިސްބަތުން ގިނަ މީހުން ވަނީ ބުނެފައެވެ. ޝާޑު ވިދާޅުވީ މީގެ ކުރީން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އެއްވެސް ވެރިއަކަށް މި ކަމާ ގުޅޭ ވޯޓެއް ނެގުމަށް "ކެރިވަޑައިނުގެންނެވި" ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު، އެ ކަން ފުރިހަމަކޮށްދެއްވާފައިވާ ކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ރައީސަކު، ފުރަތަމަ ފަހަރަށް މިއޮތް މާސިންގާ ބޮޑު ކަނޑު ހުރަސް ކުރައްވާފައި ހުޅުދޫ-މީދުއަށް މިއަދު ވަޑައިގަތުމުން ތިޔަ ބޭފުޅުން އެ މަނިކުފާނަށް މަރުޙަބާ ދަންނަވަން ވަޑައިގެންނެވީ، ހުޅުދޫ-މީދޫ ރައްޔިތުން މިއަދުގެ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި އޮތް ޔަޤީންކަމާއި އިތުބާރު އޮތީމަ
ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
މުޙައްމަދު ޝާހިދު (ޝާޑު) އިތުރަށް ވިދާޅުވީ، ހުޅުދޫ އާއި މީދޫ ވަކީން އޮތީމާ، އެ ދެ ރަށުގައި އުޅެނީ ނިކަމެތި ރައްޔިތުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ރާއްޖޭގެ ބިމުގެ ޙަޖުމަށް ބަލާއިރު، ހުޅުދޫ-މީދުއަކީ ރާއްޖޭގެ 5ވަނައަށް އެންމެ ބިން ބޮޑު ދެ ރަށް ކަމަށް ޝާޑު ވިދާޅުވިއެވެ. އަދި އާބާދީއަށް ބަލާއިރު، ރާއްޖޭގެ ނިސްބަތުން 6ވަނައަށް އެންމެ ބޮޑުވާނީ ހުޅުދޫ-މީދޫ ކަމަށް ވެސް ޝާޑު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެންނަކީ ނިކަމެތި ބައެއް ނޫން." ޝާޑު ވިދާޅުވިއެވެ.
ހުޅުދޫ-މީދޫ ރައްޔިތުންގެ ތެރޭގައި ތަފާތު ރޮނގުރޮނގުން ތަޢުލީމު ޙާޞިލުކޮށްފައިވާ ދިވެހީން އެބަތިބި ކަމަށް ޝާޑު ވިދާޅުވިއެވެ.
ޝާޑު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ އިޚުލާޞްތެރި ނިޔަތަކާ އެކުގައި، ތެދުވެރިކަމާއި ވަފާތެރިކަމާ އެކުގައި، ރައްޔިތުންނާ ވީހައި ގާތަކުން މަސައްކަތް ކުރައްވާ އަދި ރައްޔިތުންގެ ޝަކުވާގެ އަޑު އައްސަވާ ވެރިއަކީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.
ﷲ ގެ އިރާދަފުޅުން ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި މި ދެ ރަށް ވެގެން ދާނީ ދުބާއީއަށާއި އަބޫދާބީއަށް. މިއީކީ ސަމާސާ ވާހަކައެއް ނޫން.
ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
ޝާޑު ވިދާޅުވީ ދެ ރަށުގެ ރައްޔިތުންނަކީ ވެސް ވަރަށް އެކުވެރި، މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ، އަދި ސަރުކާރާ އެކީގައި ބުރަކޮށް މަސައްކަތް ކުރާ ބަޔެއް ކަމަށެވެ. ރައީސް ޑރ. މުޢިއްޒު، ދެ ރަށުގެ ރައްޔިތުން ދެކިވަޑައިގެން ލޯބިވެވަޑައިގަންނަވާ މިންވަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަނީ ޝާޑަށް ކަމަށް ވެސް ޝާޑު ވިދާޅުވެފައިވެއެވެ.
ތިޔަބޭފުޅުން އެއްވެސް ވަރަކަށް މާޔޫސްވެ[ވަޑައިގަންނަވާނެ] ކަމެއް ނެތް. މި ދެރަށަށް ރައީސް ވަޢުދުވެވަޑައިގެންނެވި ކަންތައްތަކުގެ އިތުރުން ވެސް ބައިވަރު ކަންކަން އަންނަން އެބަހުރި. މިއީ އިންތިޚާބެއް އޮތީމަ ދައްކާ ވާހަކައެއް ނޫން.
ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު