Ads by Stelco

ޚަބަރު

ތިމާވެށީގެ ދާއިރާގެ 24 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

ތިމާވެށީގެ ދާއިރާގެ 24 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

އެއްބަަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 05:07

06 ނޮވެމްބަރު 2025، 05:07

ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ޖުމްލަ 24 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޭސްޓް މެނޭޖްމަންޓްގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހިންގާނެ މުހިންމު މަސައްކަތްތަކެކެވެ.

މި މަޝްރޫޢުތަކާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަސެލޯ ނަސަންދުރާގައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަޝްރޫޢުތައް ހަވާލުކުރި ފަސް އަމިއްލަ ކުންފުނީގެ އިސްވެރިންނެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، އަދި ވީ އެންމެ އަވަހަކަށް މަސައްކަތްތައް ނިންމޭނެ ގޮތެއްގެ މަތިންނެވެ.

ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ ރާއްޖޭގެ 19 ރަށެއްގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ (ޑަބްލިއުއާރުއެމްސީ) ޤާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް، ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް، އާލާފް ޕްރައިވެޓް ލިމިޓެޑް، އަދި ޓަރަސްޓް އެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި ސެންޓަރުތައް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ފިނޭ، ށ. ބިލެއްފަހި، އަދި ހއ. ތަކަންދޫ ފަދަ ރަށްތައް ހިމެނެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދޭ ވެމްކޯއަށް ބޭނުންވާ އުޅަނދުތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ވެސް ވަނީ ހަވާލުކޮށްފައެވެ. ލިޓަސް އޮޓޯމޮބައިލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ 20 ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމުގެ ޕްރޮކިއުމަންޓް މަސައްކަތް ހިމެނެއެވެ.

 އަދި އައްޑޫ، ފޯއްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގައި ބޭނުންވާ މޮބައިލް ޝްރެޑާ އާއި މޮބައިލް ސޫއަރ ހޯދުމުގެ މަސައްކަތް ވެސް މި ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ޒޯން 6 އަދި 7 ގެ ވޭސްޓް ޓްރާންސްފައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ބޭނުންވާ ވެހިކަލްތަކަށް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ސަރުކާރުން މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން، ދިވެހި ރައްޔިތުން ޝާމިލުވާ އެތައް ކުންފުންޏަކަށް މާލީ ތަނަވަސްކަން ލިބި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން