Ads by Stelco

ޚަބަރު

އަންނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީގެ ބަޖެޓު %170.5 އިތުރު

އަންނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީގެ ބަޖެޓު %170.5 އިތުރު

ބޮޑު މީހަކު ކުޑަ ކުއްޖަކު އުރައިގެން---

farudhun logo

ފަރުދުން

08 ނޮވެމްބަރު 2025، 04:35

08 ނޮވެމްބަރު 2025، 04:35

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދެމުންދާ އެހީތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި އެ ކަމަށް ކަނޑައަޅާފައިވާ ފައިސާގެ ޢަދަދު 170.5 އިންސައްތަ އިތުރުކުރުމަށް ނިންމާފައިވާކަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 2026ވަނަ އަހަރަށް އަންދާޒާކުރާ ބަޖެޓުން ހާމަވެއްޖެއެވެ.

ބަޖެޓުގެ ޙިސާބުތަކަށް ބަލާއިރު، ފާއިތުވި 2024ވަނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ ޢިނާޔަތަށް ޚަރަދުވެފައިވަނީ 66.7 މިލިޔަން ރުފިޔާއެވެ. މި އަހަރުގެ ނިޔަލަަށް އެކަނިވެރި މައިންނާއި ބަފައިންނަށް ޢިނާޔަތް ދިނުމަށް ޚަރަދުވާނޭ ކަމަށް ބެލެވެނީ 78.4 މިލިޔަން ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ ޢިނާޔަތަށް 211،608،000 (ދުއިސައްތަ އެގާރަ މިލިޔަން ހަލައްކަ އަށްހާސް) ރުފިޔާގެ ބަޖެޓެއް އަންދާޒާކޮށްފައިވެއެވެ. އެއީ މި އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ޢިނާޔަތަށް ހޭދަވާ ޢަދަދަށް ވުރެ 170.5 އިންސައްތަަ އިތުރު ޢަދަދެކެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ  ޚަރަދު އަންނަ އަހަރަށް އިތުރުވެފައިވަނީ، އެފަދަ ފަރާތްތަކަށް ލިބޭ ފައިސާގެ ޢަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ގޮތުން، ހުސްވި އޮކްޓޫބަރު މަހުގެ 21ވަނަ ދުވަހު ހައްދުންމަތީ ގަމު ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެކަނިވެރި މައިންބަފައިންނަށް ދައުލަތުން ދޭ ޢިނާޔަތް އިތުރުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވެއެވެ.

އެއީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ކަމަކަށް ވާއިރު، އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓަމުންދާ ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް ދައުލަތުން އެކަނިވެރި މައިންބަފައިންނަށް ޢިނާޔަތުގެ ގޮތުގައި ދެމުން އައިސްފައިވަނީ ކޮންމެ ކުއްޖަކަށް 2،000 ރުފިޔާގެ މަގުންނެވެ.

ސަރުކާރުގެ މި ނިންމުމާ އެކު، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ޢިނާޔަތް ޙައްޤުވާ 5،878 މީހުންނަށް މާލީ ގޮތުން އިތުރަށް ލުއި ލިބިގެން ދާނެއެވެ. މިއީ އެކަނިވެރި ޙާލުގައި، އެހެން މީހެއްގެ މަދަދުވެރިކަމަކާ ނުލައި ދަރީން ބަލަމުން އަންނަ ބެލެނިވެރީންނަށްޓަކައި ސަރުކާރުން ނިންމެވި ވަރަށް މުހިންމު ފައިޞަލާއެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން