ޚަބަރު
މާދަމާއަކީ އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ދުވަހެއް!
ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުގެ އެތެރެއިން ފެންނަ 3ޑީ ކުރެހުމެއް / ފޮޓޯ: ޕީއެސްއެމް
މާދަމާއަކީ އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ދުވަހެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓާއެކު، މުޅިން އައު ޞަފްޙާއެއްގައި ތާރީޙު ލިޔެވި، ރާއްޖޭގެ އިޤުތިޞާދުގެ ދުވެލި ހަލުވިކުރުމަށް ކުރަހާފައިވާ ބޮޑު މަންޒަރު މާދަމާ ރަސްމީކޮށް މުޅި ދުނިޔެއަށް ފެނިގެންދާނެއެވެ.
ފަތުރުވެރިކަމަކީ ދިވެހި އިޤުތިޞާދުގެ އެންމެ ބޮޑު ޙިއްޞާއެއް އޮންނަ ސިނާއަތްކަމަށް ވިޔަސް، އެ ސިނާއަތުގެ ފޮނިމީރުކަން ހަޤީޤީ މާނައިގައި ބޮޑު ތިލަދުންމައްޗަށް ކުރަމުން ގޮސްފައެއް ނުވެއެވެ. މިކަމުގެ އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމެވެ. މީގެ އިތުރުން، އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމަކީ ވެސް އުތުރަށް ފަތުރުވެރިން ގެންދިއުމަށް އޮތް ހުރަހެކެވެ.
މި ހުރަސްތައް ގިރާކުރުމަށް އޮތް ފާލަމަކީ މީގެ 35 ވަރަކަށް އަހަރުކުރިން ހުޅުވުމަށްފަހު، 2012ވަނަ އަހަރު ބައިނަލްއަޤުވާމީ އުދުހުންތައް ފެށި ނަމަވެސް، އޮޕަރޭޓު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި އޮތް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.
އެހެންކަމުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އައު އިންޓަރނޭޝަނަލް ޓަރމިނަލެއް ޤާއިމުކޮށް، ރަންވޭ ދިގުކުރުމުގެ މަސައްކަތް ނިމުމަކަށް މިހާރު އައިސްފައިވާއިރު، ކުރިން ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބުމުގެ ކޮޅުމަތި މިވަނީ ފެނިފައެވެ.
އެ އެއާރޕޯޓު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ނިންމުމަށްފަހު އައު ޓާރމިނަލުން ޚިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހެވެ. އެގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ފަސިންޖަރުންނަށް ޚިދުމަތްދީ ޓަރމިނަލްގެ އޮޕަރޭޝަން ޗެކްކޮށް ވެސް ނިންމާފައެވެ.
ހަނިމާދޫ އިންޓްރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއަރބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.
މި އެއާރޕޯޓުގެ ޑިޒައިންކޮށްފައި ވަނީ ދިވެހި ވަންތަކަމާއި ސަޤާފަތުގެ ރީތި މިސާލެއް ދައްކުވައިދޭ ތަނެއްގެ ގޮތުގައެވެ. އެގޮތުން ދިވެހި ކަނޑުތަކުގެ ރީތިކަމާއި، ދިވެހި ތާރީޚީ މިސްކިތްތަކާއި ޢިމާރާތްތަކުގައި ބޭނުންކޮށްފައި ހުންނަ ހިރިގަލުގެ ކުރެހުންތަކާއި، ރާއްޖޭގެ ރަށްތައް ހުންނަ ގޮތާއި އަދި ޖަޒީރާވަންތަ ދިރިއުޅުމުގެ ރީތިކަން ދައްކުވައިދޭ މަންޒަރުތަކުން އެއާރޕޯޓު ވަނީ ޖަރީވެފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފިޔަވާ އެއިރޯ ބްރިޖާއެކު ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިމަޝްރޫޢަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.