Ads by Stelco

ޚަބަރު

ބިދޭސީންގެ މައްސަލަ: ޤަވާޢިދާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް އިހަވަންދޫގައި

ބިދޭސީންގެ މައްސަލަ: ޤަވާޢިދާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް އިހަވަންދޫގައި

ޤަވާޢިދާ މެދު ބިދޭސީންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް އިހަވަންދޫގައި ބޭއްވުން.

farudhun logo

ފަރުދުން

09 ނޮވެމްބަރު 2025، 04:25

09 ނޮވެމްބަރު 2025، 04:25

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން، ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުވުމަށްޓަކައި، މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ފުލުހުންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 7ވަނަ ދުވަހު ބޭއްވި މި ސެޝަނުގެ މަޤުޞަދަކީ، އިހަވަންދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީން އިތުރުވަމުންދިއުމާ އެކު، ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުގެ މައްސަލަތައް މަދުކުރުމަށް ފަހިކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރީންނަށް ޤާނޫނުން ލިބިދޭ ޙައްޤުތައް އޮޅުންފިލުވައިދީ، އަހުލުވެރިކުރުވުން ކަމަށް ފުލުހުން ހާމަކުރެއެވެ. މި ސެޝަންގައި 140 ބިދޭސީންނަށް ބައިވެރިވެފައިވެއެވެ.

މި ސެޝަންގައި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބިދޭސީންގެ މައްޗަށް ތުހުމަތުކެރޭ ޖިނާއީ ކުށްތަކާއި، އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބިދޭސީންކުރާ ކުށްތަކާއި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުގެ ޤާނޫނުގައި ހިމެނޭ ޢަމަލުތަކުގެ ތެރެއިން ބިދޭސީންނާ ގުޅޭގޮތުން ޢާންމުކޮށް ހުށަހެޅޭ ޝަކުވާތަކާއި، އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ހަމަ އެހެންމެ، ވަޡީފާއާ ބެހޭ ޤާނޫނާއި، ބިދޭސީ މަސައްކަތްތެރީންނާ ގުޅޭ ޤަވާޢިދުގައި ހިމެނޭ މުހިންމު ބައިތައް ކިޔައިދީ، ބިދޭސީންނަށް ލިބިގެންވާ ޙައްޤުތަކަށް އަލިއަޅުވާފައިވެއެވެ.

މީގެ އިތުރުން، ރަށުގައި ދިރިއުޅުމުގައި ގެންގުޅެންޖެހޭ ރިވެތި އަދަބުތަކަށް ކަމޭހިތުމަށާއި، ޚާއްޞަކޮށް ގައިޠާހިރުކަމަށް ސަމާލުކަން ދިނުމަށް ބާރުއަޅާފައިވެއެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޢަމަލުކުރާނެ ގޮތްތައް ވެސް މި ސެޝަން މެދުވެރިކޮށް ކިޔައިދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިއީ ޤަވާޢިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި އުޅުމާއި، ޤަވާޢިދާ ޚިލާފު ޢަމަލުތައް ހިންގުމާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަން ފާހަގަކުރަމެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން