ޚަބަރު
ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅުނު ލަންކާގެ ބޯޓާއި، ބޯޓުގަ ހުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފި
ދިވެހިރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓް: ފޮޓޯ- އެމްއެންޑީއެފް-ޕ؛ޕ0
ފަރުދުން
09 ނޮވެމްބަރު 2025، 08:09
09 ނޮވެމްބަރު 2025، 08:09
ޤަވާޢިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ސްރީލަންކާގެ ބޯޓާއި އެބޯޓުގައި ހުރި މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ގިނައަދަދެއްގެ ތަކެތި، އެމްއެންޑީއެފުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށެވެ.
އެމްއެންޑީއެފްއިން މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5ވަނަ ދުވަހުގެ ރޭގަނޑު ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސިފައިން އަތުލައިގަތީ އެ ޤައުމުގެ ބޯޓެކެވެ. އެ ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށްވާއިރު، އެ އުޅަނދުގައި 6 މީހުން ތިބިކަމަށްވެސް ވަނީ އެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.