ޚަބަރު
ހަނިމާދޫ އެއާރޕޯޓަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުމުގެ ރަމްޒެއް: ނައިޑޫ
ހަނިމާދޫ އެއާރޕޯތު ހުޅުވުން---
މިރޭ ރަސްމީކޮށް ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުމުގެ ރަމްޒެއްކަމުގައި، އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރ، ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ތަރައްޤީކޮށްފައިވާ މި އެއާރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިޑޫ ވިދާޅުވީ، ހަނިމާދޫ އެއާރޕޯޓަކީ ހަމައެކަނި އުމްރާނީ ތަރައްޤީގެ ރޮނގުން ހޯދުނު ކުރިއެރުމެއް ނޫންކަމަށާއި، ނަމަވެސް އެއީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ދައްކުވައިދޭ ރަމްޒެއްކަމުގައެވެ.

ނައިޑޫ އިތުރަށް ވިދާޅުވީ، މި މަސައްކަތުން ދައްކުވައިދެނީ ދެ ޤައުމަށް ފައިދާހުރި ކަންކަން ހާސިލްކުރުމުގައި ހޯދަމުންދާ ކާމިޔާބީ ކަމުގައެވެ. އަދި މިއީ އެކުވެރިކަމާއި، އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ލީޑަރުންގެ ފަހުގެ ޒިޔާރަތްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަމަށް ވެސް ނައިޑޫ ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސް، ޑރ. މުޢިއްޒު އަދި އަޅުގަނޑުގެ ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީގެ ލީޑަރޝިޕްގެ ދަށުން، އަޅުގަނޑުމެންގެ ދެ ޤައުމުގެ ގުޅުން ވަނީ ޙަޤީޤަތުގައިވެސް ގިނަ ދާއިރާތަކަށް ފުޅާވެގެން ގޮސްފައި. މި ގުޅުން ބިނާވެފައިވަނީ، ވަށައިޖެހޭ ތަރައްޤީގެ ތެރެއިން އަވަށްޓެރި ޤައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތާއި، އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ "މަހާ ސާގަރ" ތަޞައްވުރުގެ މައްޗަށް. މި ތަޞައްވުރަކީ ސަރަޙައްދީ ސަލާމަތާއި ކުރިއެރުން ޙާޞިލުކުރުމަށް އޮތް އެހީތެރިއެއް."
އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރ، ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ ވިދާޅުވިއެވެ.
ހަމައެއާއެކު ތަރަށްޤީއާ ގުޅޭ ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ މުހިންމު ތަނބެއްގެ ގޮތުގައި ފާހަކުރެވޭ ކަމަށާއި، އެގޮތުން ލުއި ލޯނު، ބަޖެޓަށް ދޭ އެހީ އަދި ޤާބިލުކަން އިތުރުކުރުމުގެ ތަމްރީނުތަކާއި، ގެދޮރިވެރިކަމާއި، ޞިއްޙަތާއި، އިއާދަކުރަނިވި ހަކަތަ އާއި ފެން، ނަރުދަމާ އަދި މިހާރު ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރުގެ އަސާސީ ވަސީލަތްތަކުގެ ދާއިރާގައި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރުވެރިކަމެއްކަމަށް ނައިޑޫ ވިދާޅުވިއެވެ.
މީގެ އިތުރުން، އަލަށް ޙުއްދަ ދިން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީއާއެކު އިތުރު ދާއިރާތަކުން ވެސް ދެ ޤައުމުން ގުޅިގެން ކާމިޔާބީތައް ހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ތިން އަހަރަށްފަހު ނިމުމަކާ ހަމައަށް އައި މި ބޮޑު މަޝްރޫޢަށް 136.6 މިލިޔަން ޑޮލަރު ނުވަަތަ ދެ ބިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި އެއަރޕޯޓު ހުޅުވުމަކީ އުތުރުގެ އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.