ޚަބަރު
މެޖިސްޓްރޭޓު ފަނޑިޔާރުން ފަސް އަހަރު ތެރޭގައި ޑިގްރީ ޙާޞިލުކުރުމަށް ލާޒިމުކުރާ އިޞްލާޙު ފާސްކޮށްފި
ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓެއް.
ފަރުދުން
10 ނޮވެމްބަރު 2025، 04:44
10 ނޮވެމްބަރު 2025، 04:44
މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުން އެންމެ ދަށްވެގެން ޝަރުޢީ ދާއިރާގެ ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަކީ ލާޒިމު ކަމަކަށް ހެދުމަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
ފަނޑިޔާރުންގެ ޤާނޫނު އަދު އޮތް ގޮތުން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ތަޢުލީމީ ޝަރުޠަކީ ޑިޕްލޮމާ ޙާޞިލުކޮށްފައިވުމެވެ. ނަމަވެސް އެ ޤާނޫނު އިޞްލާޙު ކުރުމަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީ.އެން.ސީ. މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހެޅުއްވި ބިލްގައިވާ ގޮތުން، އެ މަޤާމުގެ ތަޢުލީމީ ޝަރުޠަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ޑިގްރީ ފެންވަރަށް ކިޔަވާފައިވުމެވެ. އަދި މިހާރު އެ ޝަރުޠު ހަމަނުވާ މެޖިސްޓްރޭޓުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޙާޞިލުކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޑިގްރީ ނެތް ފަނޑިޔާރުން އެއް އަަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވުން ލާޒިމު ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޑިގްރީ ޙާޞިލުކުރުމުންމ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.)އިން އެކަން ބެލުމަށް ފަހު، ޝަރުޠު ހަމަވާ ކަމަށް ނިންމަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.
ވީމާ، އިސްވެ ދެންނެވުނު ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަޤުބޫލު ޢުޛުރަކާ ލައިގެން މެނުވީ ޑިގްރީ ޙާޞިލުނުކުރާ ފަނޑިޔާރުން މަޤާމުން ވަކިކުރުމަކީ، މި ބިލުގެ ނަތީޖާއެއްް ވެސްމެއެވެ.
އަދި ހަމަ އެހެންމެ، ޢުމުރުން 55 އަހަރު ނުވި ނަމަވެސް، އަމިއްލަ އެދުމުގެ މަތީން ފަނޑިޔާރުންނަށް ރިޓަޔާވެވޭ ގޮތަށް ވެސް އެ އިޞްލާޙުގައި ހިމަނާފައިވެއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ފާސްކުރީ، އެ ކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.