ޚަބަރު
ވަގަށް ވަދެގެން އުޅުނު މަސް ބޯޓުން 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ
އެމްއެންޑީއެފްއިން މި ބޯޓު ހިފެހެއްޓީ ރާއްޖެ ސަރަޙައްދަށް ވަގަށް ވަދެގެން އުޅެނިކޮށް---
ފަރުދުން
10 ނޮވެމްބަރު 2025، 11:36
10 ނޮވެމްބަރު 2025، 11:36
ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށް ވަގަށް ވަދެގެން އުޅެނިކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ މަސް ބޯޓުގައި 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ހާމަކޮށްފިއެވެ.
"އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މި ބޯޓު ކޯސްޓުގާޑުން ހިފެހެއްޓީ 2025 ނޮވެމްބަރ 07 ވަނަ ދުވަހުއެވެ. އަދި އެމްއެންޑީއެފްއިން އެ އުޅަނދު ބަލައި ފާސްކުރުމަށްފަހު، ބޯޓާއިއެކު އޭގައި ތިބި 5 ފަޅުވެރިން ފުލުހުންނާ ހަވާލުކުރީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ބޯޓުގައި ހުރިކަން ފާހަގަކުރެވިގެންނެވެ. އެއީ 2025 ނޮވެމްބަރ 9 ވަނަ ދުވަހުއެވެ.
އަދި 2025 ނޮވެމްބަރ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރިއިރު، ބޯޓުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ހުރިކަމަށާއި، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯގެ ތަކެތިކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 39 އަހަރާއި، 42 އަހަރާއި، 28 އަހަރާއި، 34 އަހަރާއި އަދި 63 އަހަރުގެ 5 ފިރިހެނުންނެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުޤީޤު ކުރަމުންނެވެ.