ކުޅިވަރު

ހޮޅުދޫގެ އަވަށްތަކުން ޓީމުތައް ތަމްސީލުކުރާ ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު ފަށައިފި

ހޮޅުދޫގެ އަވަށްތަކުން ޓީމުތައް ތަމްސީލުކުރާ ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު ފަށައިފި

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގެ ފުރަތަމަ ކުޅުނު ބަނދަރު ސިޓީ އާއި އަރާ ކުރި ބައްދަލުކުރި މެޗު / ފޮޓޯ: ހޮޅުހިޔަލަ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ނޮވެމްބަރު 2025، 09:45

12 ނޮވެމްބަރު 2025، 09:45

ނ. ހޮޅުދޫގެ އަވަށްތަކުން ޓީމުތައް ތަމްސީލުކުރާ ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025 އަންގާރަ ދުވަހުގެރޭ ފަށައިފިއެވެ.

ހޮޅުހިޔަލައަކީ ހޮޅުދޫގެ އަންހެން ކަނބަލުންގެ ކުރިއެރުމަށް ޚާއްޞަކޮށް އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އުފައްދާފައިވާ ބްރޭންޑެއްކަމަށް، ހޮޅުހިޔަލައިގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޢަލީ ޒާއިދު ބުންޏެވެ. އެގޮތުން މިއީ ހޮޅުހިޔަލައިން އިންތިޒާމުކުރާ ފުރަތަމަ މުބާރާތެވެ.

ހޮޅުދޫގައި 6 ވިލި ނުވަތަ އަވަށް އޮންނައިރު، މުބާރާތަށް ލިބުނު ތަރުޙީބަށް ބަލާއިރު ވެސް، މިފަދަ ހަރަކާތްތަކަށް ހޮޅުދޫގެ އަންހެން ކަނބަލުން ބޭނުންވެފައި އޮތް މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ. 

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގައި ވާދަކުރާ ޓީމުތައް:

  • އިރު ދެކުނު އަވަށުން އިރު ދެކުނު ޓީމް
  • ހުޅަނގު ދެކުނު އަވަށުން އަރާ ތަރި
  • ހުޅަނގު އުތުރު އަވަށުން ބަނދަރު ސިޓީ
  • އިރު މެދު އަވަށުން އަރާ ކުރި
  • ހުޅަނގު މެދު އަވަށުން ހުޅަނގު މެދު ޓީމް

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ބަނދަރު ސިޓީ އާއި އަރާ ކުރިއެވެ. މި މެޗު 12-1 އިން ކާމިޔާބުކުރީ އަރާ ކުރިއެވެ. އަދި ދެވަނަ މެޗުގައި އިރު ދެކުނު ޓީމާއި ހުޅަނގު މެދު ޓީމުން ބައްދަލުކުރި ފޯރިގަދަ މެޗު 5-4 އިން ކާމިޔާބުކުރީ ހުޅަނގު މެދު ޓީމުންނެވެ.

 ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގެ ފުރަތަމަ ކުޅުނު ބަނދަރު ސިޓީ އާއި އަރާ ކުރި ބައްދަލުކުރި މެޗު / ފޮޓޯ: ހޮޅުހިޔަލަ 

ހޮޅުދޫ ފުޓުބޯޅަ ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ކޮންމެ ރެއަކު ދެމެޗެ ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަރާ ކުރި އާއި އަރާ ތަރިއެވެ. މި މެޗު ފަށާނީ ރޭގަނޑު 8:00ގައެވެ. އަދި ދެވަނަ މެޗު 9:00ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ބަނދަރު ސިޓީ އާއި ހުޅަނގު މެދު ޓީމެވެ.

މި މުބާރާތުގެ ލީގު ބުރުގައި ހުރިހާ ޓީމެއް ހުރިހާ ޓީމަކާއި ބައްދަލުކުރާއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ސީދާ ފައިނަލުން ފުރުސަތު ލިބޭނެއެވެ. އަދި ފައިނަލުގެ ދެވަނަ ފުރުސަތު ލިބޭނީ ދެވަނައަށްދާ ޓީމާއި ތިންވަނައަށްދާ ޓީމު ކުޅޭ ޕްލޭ އޮފް މެޗު ކާމިޔާބުކުރާ ޓީމަށެވެ.

ހޮޅުހިޔަލައިގެ މައިގަނޑު އެއް މަޤުސަދަކީ ހޮޅުދޫގައި ކުޅިވަރުގެ ހަރަކާތްތަކުގައި އުޅެމުން އަންނަ ޒުވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމުން، މި މުބާރާތަކީ ހަމައެކަނި ހޮޅުދޫއަށް ނިސްބަތްވާ ކުޅުންތެރިންނަށް ވާދަކުރެވޭ ގޮތަށް ކުރިޔަށްގެންދާ މުބާރާތެކެވެ. 

އަދި ހޮޅުހިޔަލައިން އެންމެ ފުރަތަމަ ހޭންޑްބޯލް މުބާރާތެއް ބާއްވަން ނިންމީ، އެއީ އަންހެން ކަންބަލުން ކުޅޭ ކުޅިވަރުތަކުގެ ތެރެއިން މިހާރު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރަށް ވުމުންކަމަށް ޒާއިދު ހާމަކުރިއެވެ. 

އަންހެން ކަނބަލުންގެ ކުރިއެރުމާއި ދުޅަހެޔޮކަމަށް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ އިތުރުން، ހޮޅުހިޔަލައިގެ ހަރަކާތްތަކުގެ ތެރެއިން ރަށުގެ އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވާނެ ޖީލެއް އުފެއްދުމަކީ ވެސް ހާސިލްކުރަން ބޭނުންވާ ކަމެއްކަމަށް ޒާއިދު ބުންޏެވެ. 

އަޅުގަނޑުމެންގެ ޓާގެޓެއް އެއީ ހޮޅުދޫގައި ލީޑަރުން އުފެއްދުން. ފޮޓޯ ގްރަފީ ވިޔަސް، ލައިވް ވިޔަސް، އޮގަނައިޒިން ވިޔަސް، ޒުވާންކުދިންގެ ހިތްތަކުގައި މިކަންކަމަށް ޝައުގު އުފައްދައި، ކޮމިއުނިޓީ ތެރޭގައި ލީޑުކޮށްލަން އުޅޭނެ، އެ ހިތްވަރު އަޅުގަނޑުމެން ބޭނުން ހޯދައިދޭން.

ޒާއިދު ބުންޏެވެ.

ހޮޅުހިޔަލައިގެ ފަރާތުން ކުރިޔަށް އޮތް ތަނުގައި ހޭންޑް ބޯލްގެ އިތުރުން، އަންހެން ކަނބަލުންނަށް ޚާއްޞަކޮށް ފުޓްސަލް މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތައް ވެސް އިންތިޒާމު ކުރުމަށް ދަނީ ރާވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން