Ads by Stelco

ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު 2241 މީހަކާ މިހާތަނަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅިފަޅުން ގޯތި ލިބުނު 2241 މީހަކާ މިހާތަނަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅީފަޅުން ދޫކުރާ ގޯތިތަކުގައި ނަންބަރުޖެހުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2025، 11:58

12 ނޮވެމްބަރު 2025، 11:58

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، މިހާތަނަށް 2241 މީހަކާ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

 މިއީ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވި 2200 އަށްވުރެ ގިނަ މީހުންނެވެ. ގުޅިފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. ވުޒާރާއިން ވަނީ ގޯތި ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ދީފައެވެ. ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަކާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްފަހު، ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ބަދަލުގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ބައެއް ޕްލޮޓްތައް ބަދަލުވެފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދިއުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނުގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގއަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެތާނގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ހިމެނެއެވެ. އަދި ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށްވެސް ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން