ޚަބަރު
ނޫސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން އެހީތެރިވާނެކަމުގެ ޔަގީންކަން ދެއްވައިފި
އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ފޮޓޯ: އެމްއެންޔޫ
ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އެހީތެރިވެދޭން ތައްޔާރަށްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތު އޮތީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައެވެ. މި ފަހުމުނާމާގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހިމް ވަހީދެވެ. އަދި ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދުވަނީ މި އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއްކަމަށް ވިދާޅުވެ، ރާއްޖޭގެ ނޫސްވެރިންނަށް މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގައި ގިނަ ނޫސްވެރިންގެ ލެކްވަނީ ފޮތުގައި ލިޔެފައި އޮތް އެއްޗެއް ދަސްކޮށްގެން މި ކުރަންޖެހޭ މަސައްކަތް. ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް %90 ކުދިންނަކީ މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ސްކޫލް ނިންމިގޮތަށް ނޫސްވެރިކަމަށް ވަދެ އެކަމުގެ ތެރެއިން ދަސްވި އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން. އެއީވެސް މުޅިއަކުން ގޯސްގޮތެއް ނޫން އެހެންނަމަވެސް އަޅުގަނޑު ހަމަ ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާލާނަމަ ދަންނަވާނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވާށޭ. ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތުވާނެ. ތިބޭފުޅުންނަށް އިނގޭ މިންވަރު ތަފާތު ވާނެ. ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސްކުރާ އެއްޗާއި ލިޔާ އެއްޗާއި ތަފާތުވާނެ,
ވަޒީރު
މި ހަފްލާގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ދެފަރާތުގެ މަސައްކަތްތަކަށް އައު ހަލުވިކަމެއް ލިބި ގައުމީ ތަރައްޤީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެކަމަށެވެ. ގައުމީ ޔުނިވަރސިޓީގެ އަސާސީ މަސްއޫލިއްޔަތަކީ ތައުލީމީ ގޮތުން ގައުމަށް ޚިދުމަތްކުރުންކަމަށާއި، މި މަސްއޫލިއްޔަތުގެ ދަށުން ވުޒާރާއާއެކުވެސް ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޝެހެނާޒް ދެއްވިއެވެ.
މިއަދު ސޮއިކުރެވުނު މިފަހުމުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާއި، އޮން ދަ ޖޮބް ޓްރެއިނިން ސެޝަންތައް ހިންގުމާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނޭ
ޝެހެނާޒް
މި ފަހުމުނާމާއާއެކު ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމަށް އެހީތެރިވެދޭނެއެވެ. އަދި މީޑިއާއާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވާނެކަމަށް ގައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ. އެހެންކަމުން މި ފަހުމުނާމާއަކީ ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުނގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެއްގެ ގޮތުގައި ގައުމީ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.