ޚަބަރު
އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ހަރަކާތެއް ބާއްވަނީ
އިސްރަށްވެހިން
ފަރުދުން
12 ނޮވެމްބަރު 2025، 05:27
12 ނޮވެމްބަރު 2025، 05:27
ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "ޝާމިލް 2025" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ހަމައެހެންމެ، "ޝާމިލް 2025" ތެރެއިން އިފްތިތާޙްކުރެވިގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ 'ޝާމިލް ލޯގޯ' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ދެމެހެއްޓިނިވި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވޭ ޚާއްޞަ ބްރޭންޑެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން ވިދާޅުވީ، މި ލޯގޯ ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށް ކަމަށާއި، މި މަސައްކަތަކީ އެ ވުޒާރާ އަދި ބިޒްނަސް ކޯޕަރޭޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވުނު މުހިންމު ކަމެއްކަން ފާހަގަ ކޮށްފައިވެއެވެ.
"ޝާމިލް 2025" ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ.
މި ގަޑިތަކުގައި ކޮންމެ ބޭފުޅަކަށް ވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.