ޚަބަރު
3000 ހައުސިންގ ޔުނިޓް އެޅުމަށް ބީއެމްއެލްއަށް ބިން ހަވާލުކޮށްފި
3000 ހައުސިންގ ޔުނިޓް އެޅުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން މިއަދު ބީއެމްއެލްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުންނެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ މި މަޝްރޫޢަށް ޚާއްސަކޮށް އުފެއްދި އެފޯޑަބަލް ހޯމް ލީޒިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމެވެ. މި ސްކީމްގެ ދަށުން ތަރައްޤީކުރާ 3000 ހައުސިން ޔުނިޓް ތެރެއިން 300 ޔުނިޓް ވިލިމާލޭގައި އަދި ބާކީ 2700 ޔުނިޓް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުންނެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ކުއްޔަށް ދޫކޮށް، ފައިސާ ހަމަވުމުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭ ނިޒާމެކެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކުގެ ޙައިސިއްޔަތުން މިކަމުގައި ޒިންމާދާރުކަމާއެކު އިސްނަގަންޖެހޭކަމަށް ދެކޭތީ، އެމްއެމްއޭގެ ޤަވާއިދުތަކާ އެއްގޮތަށް މިކަމަށް ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފެއްދީކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ސަރުކާރުން ބިންދޭ ގޮތަށް މި މޮޑެލްގައި ސްކީމް ކުރިއަށްގެންދިއުމުން، ލޭންޑް ކޮސްޓް، ފައިނޭންސް އަދި ޑިވެލޮޕްމަންޓް ކޮސްޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށެވެ.
"އެހެންވީމަ ކުއްޔަށް ދޫކުރެވޭ އަގުތައްވެސް ވަރަށް ބޮޑަށް ކުޑަކުޑަކުރެވޭނެ. މީގެ ތަފްސީލްތައް ހާމަކުރާނަން،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި ދޫކުރާ ލޯނުގެ ފައިސާގެ އަދަދުގެ %52 ޙިއްސާކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މި މަސައްކަތްވެސް ކަނޑައަޅާ ތާވަލަށް އަވަހަށް ކުރިއަށްގެންގޮސް ނިންމާ ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ހޯދައިދޭނެކަމަށެވެ.