ޚަބަރު
"އޮޕަރޭޝަން އަލިމަގު" އަދާހަމަ: އޮޕަރޭޝަނުގައި މިހާތަނަށް 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
"އޮޕަރޭޝަން އަލިމަގު" އޮޕަރޭޝަންގެ ތެރެއިން
ފަރުދުން
13 ނޮވެމްބަރު 2025، 01:01
13 ނޮވެމްބަރު 2025، 01:01
ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން، "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އަދާހަމަ ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެންނަ ފޮޓޯތަކެއް އާންމު ކޮށްފައެވެ. ފޮޓޯތަށް އާންމު ކުރައްވާ، ހިއްސާކުރެއްވި ޕޯސްޓުގައި ފުލުހުން ވިދާޅުވީ، އޮޕަރޭޝަނުގައި މިހާތަނަށް 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައެވެ. "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ފަށާފައެވެ. މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.
މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދެއެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.