ޚަބަރު
ތަރިކަ ދިރާސާކުރުމަށް ޚާއްސަ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" 40 ފަރާތަކަށް އެވޯޑުކޮށްފި
ތަރިކަ ދިރާސާކުރުމަށް ޚާއްސަ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ފޮޓޯ: ޕީއެސްއެމް
ދިވެހި ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ހުޅުވާލި "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" 40 ފަރާތަކަށް މިއަދު އެވޯޑުކޮށްފިއެވެ. މި ފަރާތްތަކަށް ސްކޮލަރޝިޕް ލިބުންކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ސިގްނޭޗަރ ސްކޮލަރޝިޕްތަކަކީ، ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމަށްޓަކައި ހުޅުވާލެވުނު ފުރުޞަތުތަކެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، މި ސްކޮލަރޝިޕްތައް ސްޕޮންސަރކުރަނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ޚައިޞިއްޔަތަށް އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރުމާއި އެ ދިރާސަތައް ޝާއިޢުކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ. މި ސްކޮލަރޝިޕް ފުރުޞަތުތަކުގައި ކިޔަވާ ފަރާތްތަކުގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުޞަތު ދެއްވާފައިވެއެވެ. މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން، މި ހުޅުވުނު 40 ސިގްނޭޗަރ ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.