ރިޕޯޓް

ސަރުކާރަށް 104 ހަފުތާ: ޞިއްޙީ ދާއިރާ ނަގާ ކޮޅަށް ޖެހުމުގައި މިއީ މުޅިން އެހެން ލެވަލްއެއް!

ސަރުކާރަށް 104 ހަފުތާ: ޞިއްޙީ ދާއިރާ ނަގާ ކޮޅަށް ޖެހުމުގައި މިއީ މުޅިން އެހެން ލެވަލްއެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

farudhun logo

ފަރުދުން

16 ނޮވެމްބަރު 2025، 02:39

16 ނޮވެމްބަރު 2025، 02:39

މި ސަރުކާރުގެ ދެ އަހަރު ދުވަސް ފާއިތުވެ، 104 ހަފުތާ ފުރިހަމަވެފައިވާއިރު، ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކުން ފެނިފައިވާ ކުރިއެރުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއޭ ބުނުމުން ދޮގަކަށް ނުވާނެކަން ޔަޤީނެވެ. ވޭތުވެދިޔަ ސަރުކާރުތަކުގައި މި ދާއިރާއަށް ދެވިފައިވާ އިސްކަން ވަރަށް ކުޑަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު އިތުރުވެފައިވާކަން އެއީ މި ދާއިރާއަށް އަޅާނުލާ ދޫކޮށްލާފައިވާކަމުގެ ހެއްކެކެވެ. އާދައިގެ ބަލިތަކަށް ވެސް ރާއްޖެއިން ފަރުވާ ނުލިބި، އާދައިގެ އާސަންދަ ފައިސާ ނުލިބޭ ޒަމާނެއްވެސް ދިވެހިން ތަޖުރިބާކޮށްފައިވެއެވެ.

ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައިސް ޞިއްޙީ ދާއިރާއަކީ ޤައުމީ ސަލާމަތުގެ މުހިންމު ބައެއްގެ ގޮތުގައި ދެކި، ޢާންމު ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ޙާއްޞަ އެހީއަށް ބޭނުންވާ ފަރުވާތައް ރާއްޖޭގެ އަތޮޅު ތެރެއިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކޮށް، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ބޭނުންވާ މެޝިނަރީއާއި، އެކަށީގެންވާ ޞިއްޙީ ޚިދުމަތްދޭ މުވައްޒަފުން އިތުރުކުރުމަށް ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ސަރުކާރުން މި ދާއިރާއަށް ދެމުންދާ އިސްކަމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ޞިއްޙީ ދާއިރާ މުޅިން އެހެން 'ލެވަލް' އަކަށް ކުރިއަރާނެކަމުގެ އުންމީދު ބޮޑެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ވަނީ ފަށްޓަވަވާފައެވެ. އެގޮތުން، ރައްޔިތުންނަށް ލުއިފަސޭހަ، ޚަރަދުކުޑަވާނެ ގޮތަކަށް ވިސްނުމަށްފަހު، ރައްޔިތުންގެ ލަފައާއެކު ގިނަ މަޝްރޫޢުތަކެއް މިވަޤުތު ހަލުވިކަމާއެކު ހިނގަމުންދާއިރު، މި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މިހާރު ނިމިފައިވާ މަޝްރޫޢުތަކާއި ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ނިންމާފައިވާ މަޝްރޫޢުތައް ވެސް މަދެއް ނޫނެވެ. މި ލިޔުމުގައި، މިފަދަ 15 މަޝްރޫޢެއްގެ މައްޗަށް އަލިއަޅުއްވާލާނަމެވެ.


ޒަކާތު ފަންޑުގެ އެހީގައި 'ބޯންމެރޯ' ފަރުވާ

ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރު ކަނޑައަޅާފައިވާ 10 ކުދިންގެ ތެރެއިން 3 ކުއްޖަކު މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ބާކީ ތިބި 7 ކުދިން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވަނީ ފަރުވާ ހޯދުމަށް ފޮނުވާފައެވެ.

 

ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން، މި ނިންމެވުމާއި ގުޅިގެން މިދިޔަ އަހަރުގެ އެކި ދުވަސްވަރުގެ މަތިން 14 ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން 6 ކުއްޖަކު މިހާރު ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހެދުމަށްފަހު ވަނީ ރާއްޖެ އައިސްފައެވެ. އަދި ބޯންމެރޯ ހެދުމަށް މިދިޔަ އަހަރު ފޮނުވި 1 ކުއްޖަކު ނިޔާވެފައިވާއިރު، ބޯންމެރޯއަށް ފަހު 3 މަހާއި 6 މަހުގެ މުއްދަތެއް އެ ކުދިން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރަންޖެހޭކަން ފާހަގަކޮށްލެވެއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ޞިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު ވަނީ 2024 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލާފައެވެ. އަބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމުކަމަށް ވުމާއެކު، އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


އަތޮޅުތެރެއަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް!

ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ އުނދަގޫ ދަތުރަކަށް ވުމާއެކު، އެކަންކަން ފަސޭހަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، މި ސިޔާސަތުގެ ދަށުން އަތޮޅުތަކަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ޑައިލިސިސް ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ.

ސެޕްޓެމްބަރާ ހަމައަށް ދާންވާއިރަށް މި ޚިދުމަތް ފުޅާކުރާނަން. އަދި އަޅުގަނޑުމެން ބަލާނަން ވަކި އަދަދަކަށްވުރެ ޑައިލިސިސް ޕޭޝަންޓް ގިނަ ރަށްތައް. ބަލާފައި އެ ރަށްތަކަށް އަމާޒުކޮށްގެން ވެސް މި ޑައިލިސްސްގެ ޚިދުމަތް ކުރިއަށް ފުޅާކުރާނަން.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރީޖަނަލް ހޮސްޕިޓަލުތަކުގައި މީގެ 12 އަހަރު ކުރިން ޤާއިމުކުރަން ފެށި ޑަޔަލިސިސް ޚިދުމަތާއެކު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް 10 އަތޮޅެއްގައި 11 ޑައިލިސިސް ސެންޓަރުގައި 42 ޔުނިޓުވަނީ ޤާއިމުކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިއަދާ ހަމައަށް 8 އަތޮޅެއްގައި 18 ޔުނިޓު ޤާއިމުކޮށްފައިވާއިރު މިމުއްދަތުގެ ތެރޭގައި ކުރިން ހުރި 2 ސެންޓަރެއްގައި ޚިދުމަތް ފުޅާކޮށް، އިތުރު 4 ޔުނިޓުވަނީ ޤާއިމުކޮށްފައެވެ.

ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކު ވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ޚިދުމަތް ހޯދާ ކޮންމެ ދުވަހަކު ވެސް 4 ގަޑިއިރަށްދޭ ޚިދުމަތެކެވެ.


އެއަރ އެމްބިއުލާންސްގެ ޚިދުމަތް

ވައިގެމަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ދިނުމަށް، ވަކި ޚާއްޞަ މަތިންދާ ބޯޓެއް ބޭއްވުމަކީ ޞިއްޙީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދެވެ. އޭގެ ދަށުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި މިދިޔަ އަހަރުގެ މާރިޗް މަހު ފަށާފައިވާއިރު، މި ޚިދުމަތަށް ޚާއްޞަކޮށް ޑޭޝް 8 މަރުކާގެ ބޯޓަކާއި ސީޕްލޭނެއް ވެސް ވަނީ ކަނޑައަޅާފައެވެ.

ބަލި މީހުން އުފުލުމަށް މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް އެއަރ އެމްބިއުލާންސްގެ 787 ދަތުރު ބާއްވާފައިވާއިރު، މި ދަތުރުތަކުގައި ޖުމްލަ 931 މީހުން އުފުލާފައިވެއެވެ. ރާއްޖޭގައި ބަލިމީހުން އުފުލުމުގެ ޚިދުމަތް ހަރުދަނާކުރުމަށް، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކާ މިކަމަށް ޚާއްޞަކޮށް 15 މީހުންގެ ޓީމެއް ވަނީ ތަމްރީންކޮށްފައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ޑޭޝް-8 ގެ އެއަރ އެމްބިއުލާންސް ބޯޓަކީ އެއްފަހަރާ ދެ މީހުން އުފުލޭ ކެޕޭސިޓީގެ ބޯޓެކެވެ.

އެމަރޖެންސީ ޙާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންވާ ވަޞީލަތްތައް މިހާރު މިވަނީ ޤާއިމްކޮށްފައި. މިއީ ޚަރަދު ބޮޑު މަސައްކަތެއް ނަމަވެސް، ރައީސް އެދިވަޑައިގަތީ މި ޚިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ. 

އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ޚިދުމަތުގައި މިހާރު، ވެންޓިލޭޓަރާއި އިންކިއުބޭޓަރއާއި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. އެއަރ އެމްބިއުލާންސް ތަޢާރަފްކުރުމުގެ ކުރިން ރާއްޖޭގައި ބަލިމީހުން އުފުލާފައިވަނީ އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައާއި މޯލްޑިވިއަންގެ ޢާންމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބޯޓުތަކުގައެވެ. ސަރުކާރުގެ ޢަމާޒަކަށްވީ ބަލި މީހުން އުފުލުމަށް ޚާއްޞަ ބޯޓަކާއެކު، އެ މަސައްކަތުގައި ދިވެހިން ހަރަކާތްތެރިވުމެވެ.


ތެލެސީމިއާ ކުދިންނަށްޓަކައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ހަޤީގަތަކަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ އިންތިޚާބުގައި ތެލެސީމިއާ ކުދިންނަށްޓަކައި ހާމަކުރެއްވި ތަޞައްވުރާއި ވީ ވަޢުދުތަކުގައި މިވަނީ ހަޤީގީ ކުލަ ޖައްސަވައިދެއްވާފައެވެ. ތެލެސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ވާހަކަތައް އަޑުއައްސަވައި، ރާއްޖޭގައި ތެލެސީމިއާއަށް ދެވޭ ފަރުވާގެ ކަންކަން ސީދާ އެމަނިކުފާނު ބައްލަވަމުން ގެންދަވާކަން ހާމަކުރައްވާ ރައީސް ވަނީ އެތައް އަހަރެއްވަންދެން ބޮއްސުންލާފައި އޮތް ތެލެސީމިއާއާއި ގުޅޭކަންކަން ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުން އެކުދިންނާއި އެ ޢާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެމަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ އެމަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވަނީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިމަސައްކަތް ސިފައިންނާ ހަވާލުކުރެއްވުމާއި ގުޅިގެން، މިމަސައްކަތް ސިފައިން ފެއްޓެވީ މާރިޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތް ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.

މީގެ އިތުރުން، ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، މި އެލަވަންސް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.


ހުޅުމާލެ ހޮސްޕިޓަލުގައި ޒަމާނީ އިމަރޖެންސީ ރޫމެއް!

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުންދިޔަ ވަރަކަށް، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުއްލި ޙާލަތުގައި އިމަރޖެންސީކޮށް ފަރުވާ ދިނުމުގެ ޤާބިލުކަން ވެސް އޮތީ އިތުރުކުރަން ޖެހިފައެވެ. އެގޮތުން، ވޭތުވެދިޔަ 7 އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އީ.އާރްގެ ޚިދުމަތް ދެމުން އައީ 7 އެނދުގެ ތަނެއްގައިކަމުން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީ.އާރް އެކްސްޕެންޝަން ޕްރޮޖެކްޓު ހިންގެވުމަށް ނިންމެވިއެވެ. އަދި މިދިޔަ ނޮވެމްބަރު މަހު އާރްޑީސީއާ ޙަވާލުކޮށް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 8 ޑިސެމްބަރު 2024 ގައެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުންކުރަމުންދިޔަ އިމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ 14 އެނދަށް އިތުރުކޮށްފައެވެ. ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ މި ރޫމުގައި ކްރިޓިކަލް ބަލި މީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވަނީ ޤާއިމުކޮށްފައެވެ. ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަރޖެންސީ ޙާލަތްތަކަށް ޚާއްޞަ އިސްކަމެއްދީގެންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ހުޅުމާލޭގައި ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލުކަމުން، ހުޅުމާލޭގައި ދިމާވާ އެކްސިޑެންޓް އަދި އިމަރޖެންސީ ގިނަ ކޭސްތަކެއް އެ ހޮސްޕިޓަލަށް ރިޕޯޓްކުރެވެއެވެ. ނަމަވެސް އިމަރޖެންސީ ރޫމުގެ ޖާގައިގެ ދަތިކަމާއި، ކްރިޓިކަލް ހާލަތުގައި ބަލިމީހުންނަށް ފަރުވާ ދެވޭނެ އެކަށީގެންވާ ރިސަސިޓޭޝަން ރޫމެއް މީގެކުރިން ނެތުމުގެ ސަބަބުން، އެހެން ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފަރކޮށް ފޮނުވަން ޖެހުމަކީ ޚިދުމަތް ދިނުމުގައި ދިމާވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.


'އައިޖީއެމްއެޗްގެ އައު މަލްޓި - ސްޕެޝަލިޓީ ސަރޖިކަލް ވިންގާއެކު ޚިދުމަތުގެ ފެންވަރު މެކުހަށް'

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި - ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. އަލަށް ހުޅުވި 75 އެނދުގެ މަލްޓި - ސްޕެޝަލިޓީ ސަރޖިކަލް ވިންގަކީ އޮޕަރޭޝަން ބަލިތަކުގެ ބަލި މީހުންގެ ތެރެއިން ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ.

މި ވިންގުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، މިތަން ވަނީ އެކި ކަހަލަ ބަލިތަކުގެ ހާލުދެރަ ފަރާތްތަކަށް ވެސް ފަރުވާ ދެވޭ ގޮތަށް ފަރުމާ ކޮށްފައެވެ. މިގޮތުން، ސަރޖިކަލް ސްޕެޝަލިޓީގެ އެޗް.ޑީ.ޔޫއަކާއި، ސްޓެޕް ޑައުން ޔުނިޓަކާއި، ސަރޖިކަލް ޖެނެރަލް ޔުނިޓަކާއި، އޯތޯޕީޑިކް ޕޯސްޓްއޮޕަރޭޓިވް ކެއަރ ޔުނިޓަކާއި އަދި އޯތޯޕީޑިކް ޖެނެރަލް ޔުނިޓެއްވެސް މި ވިންގުގައި ހިމެނެއެވެ.

މިތަނުގެ ޖެނެރަލް ވޯޑުގައި 44 އެނދާއި ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު ހިމެނެއެވެ. މީގެ އިތުރުން، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑަކާއި، ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ 2 އެނދުގެ ވަކި ޔުނިޓެއްވެސް ހިމެނެއެވެ. ހަމަ އެހެންމެ، 28 ފާހާނާއާއި 6 ނަރސިންގ ސްޓޭޝަނެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. މި ހުރިހާ ވަޞީލަތްތަކާއެކު، މި ވިންގުން ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ސަރޖިކަލް އަދި އޯތޯޕީޑިކް ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވޭނެއެވެ.


ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދާ ބަލި މީހުންނަށް ފަސޭހަތަކެއް

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިއަހަރުގެ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް، އަދި އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިދެއްވާފަ އެވެ.

އަމިއްލަ ޚަރަދުގައި ފަރުވާއަށް ދާ މީހުންނަށް ވެސް ބީއެމްއެލް މެދުވެރިކޮށް ލިބޭނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންކަމުން، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.

ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކޮށް އެއަރލައިން ޓިކެޓު ގަތުމަށާއި، ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށް ޑެބިޓް ކާޑުން ޚަރަދު ކުރެވޭ އަދަދު 3000 ޑޮލަރަށް ވަނީ އިތުރުކޮށްދެއްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޑޮލަރު އަގު ބޮޑުކޮށް ބްލެކް މާކެޓުން ގަންނަންޖެހޭ ޖެހުން ނިމުމަކަށް އައިސް، މިކަމަކީ އަގު ބޮޑުކޮށް ޑޮލަރު ގަނެގެން އުޅެންޖެހޭ އަޅުވެތިކަމުން ރައްޔިތުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


އެމްސީޖީއެޗް އޮޕްޓިކަލްސް: އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު!

އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ޤާއިމްކުރި އައިނު ފިހާރައެކެވެ. އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތަކަށްވާއިރު، މި ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

އައިޖީއެމްއެޗް އިން މަޢުލޫމާތުދޭ ގޮތުގައި، އައިނު ފިހާރައިން މިހާތަނަށް 3200 މީހުން ވަނީ  ޚިދުމަތް ހޯދާފައެވެ. އަދި  އޭގެތެރެއިން 1080 ފަރާތެއްގެ އައިނު ނިންމައި ހަވާލުކޮށްފައިވާއިރު، 900 އަށް ވުރެ ގިނަ އައިނު ނިންމައި އަދި ވެރިފަރާތުން ހަވާލުނުވެ އެބަހުރިކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އައިޖީއެމްއެޗްގެ އައިނު ފިހާރައިން 1200 އެއްހާ އައިނު އުފެއްދުމުގެ މަރުޙަލާގައި ހުރިއިރު، މީގެތެރެއިން ބައެއް އައިނުތައް ލަސްވަނީ ބޭރުން ބައެއް ލެންސްތައް ގެންނަންޖެހޭތީކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަޅުގަނޑުމެނަށް އެނގޭ ރައްޔިތުން ބޭނުން ޚިދުމަތެއްކަން މިއީ، އެކަމަކު އަޅުގަނޑުމެން އުއްމީދެއް ނުކުރަން މިހާބޮޑަށް ރައްޔިތުން މިކަމަށް ބޭނުންޖެހިފައިވާކަމެއް. އަޅުގަނޑުމެން މިޚިދުމަތް ފެށުމާއެކު މިހާރު އަގުހެޔޮކޮށް އައިނު ހެދޭނެ އިންތިޒާމުތައް ހަމަޖެހިގެންދިޔުމުން އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ.

 މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ. އެގޮތުން، ރައްޔިތުންގެ މި ތަކުލީފަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އައިނު ފިހާރައެއް މިހާރު ވަނީ ހުޅުވާފައެވެ. މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހަމައަށް ގެންދިޔުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ 6 ސަރަޙައްދަކަށް ޑީކޮމްޕްރެޝަން ޗެމްބަރުތައް

ރާއްޖޭގެ 6 ސަރަޙައްދެއްގައި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑީކޮމްޕްރެޝަން ޗެމްބަރު ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިކަމަކީ، މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަކަށް ވީއިރު، ރައީސް ވިދާޅުވީ، ސަރުކާރުން ޑީކޮމްޕްރެޝަން ޗެމްބަރުތައް އަތޮޅުތަކުގެ ރަށްތަކުގައި ބެހެއްޓުމުގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރައްވަމުންދާކަމަށާއި، ރިޔާސީ ވައުދުގެ ދަށުން ރަށްރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނޭ ކަމަށެވެ.

މިކަމަށް ބޭނުންވާ މެޝިންތައް ގަތުމާއި ހޯދުމުގެ މަސައްކަތުގެ އިތުރުން އިންސްޓޯލްކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާއިރު، މާލެއިން ބޭރުން ޤާއިމުކުރާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރު ތ. ގުރައިދޫގައި ވަނީ ހުޅުވާފައެވެ. އެ ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވި ނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން އއ. ރަސްދޫއާއި، ގއ. ވިލިނގިލީ، އަދި މާލޭގައި ވެސް މި ޗެމްބަރުތައް ބަހައްޓާނެއެވެ.


އެމްއާރުއައިގެ ޚިދުމަތް ޓަރޝަރީ ހުރިހާ ހޮސްޕިޓަލަކަށް ފުޅާކުރަނީ

ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް، ފަރުވާއަށް މާލެއަށް އައުމަށް ރައްޔިތުން އުފުލާ ތަކުލީފު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަތޮޅުތަކުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން އެމްއާރްއައިގެ ޚިދުމަތް މިވަގުތު ލިބެން ނެތް، ހޮސްޕިޓަލުތަކުގައި އެޚިދުމަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މިއީ ވެސް ހުރިހާ ކަމަކަށް މާލެއަށް މިއިން ކޮންމެކަމެއް ކުރަން އަންނަޖެހޭވަރު މަދުކޮށްދީ ރަށުގަ ތިބެގެން، އަތޮޅުގައި ތިބެގެން، އެ ސަރަޙައްދުން އެޚިދުމަތް ހޯދުމަށް ފަސޭހަކޮށްދީ ރައްޔިތުން ބާރުވެރިކޮށްދީ މާލެއަށް އަންނަން މިޖެހޭ އަޅުވެތިކަމުން ސަލާމަތްކޮށްދިނުމަށް، ޞިއްޙީ ދާއިރާ ވަރުގަދަކުރުމަށް، ޖުމްލަކޮށް ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިފަދަ ހުރިހާ ވަޞީލަތެއް ރަށްރަށުގައި ޤާއިމުކުރުމަށް ކުރިއަށްގެންދާކަންކަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ދަނީ ތަފާތު އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމަށް، ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް އެކި ރަށްރަށުގައި ކުރިއަށްދާއިރު، އިންސާނީ ވަޞީލަތާއި، މެޑިކަލް ކޮންޒިއުމަބަލްސް ހަމަކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ހަލުވި ދުވެލީގައި ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.


ނުރައްކާތެރި 3 ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ، ތާރީޚީ ކާމިޔާބީއެއް!

މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ވެފައެވެ. މައިންގެ ފަރާތުން ދަރިފުޅަށް އެޗްއައިވީއާއި، ސިފިލިސްއާއި، ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ގައުމަކަށް ރާއްޖެވުމާއެކު، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ އެކަން ފާހަގަކޮށް ރާއްޖެއަށް މަރުހަބާ ކިޔާފައެވެ.

އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ރާއްޖެއިން ސިއްޙީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއް. އަދި މި ބަލިތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ހުރިހާ ޞިއްޙީ އެހީތެރިންނަށް ޝުކުރު ދަންނަވަން. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތުއްތު ދަރިފުޅާއި މައިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ޚިދުމަތްތެރިން ކޮށްދެއްވި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ފެނިގެންދާއިރު، ރާއްޖެއިން މިވަނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ނަމޫނާ ދައްކުވައިދީފައެވެ. އެގޮތުން، ޞިއްޙީ ނިޒާމު ހަރުދަނާކޮށް ބަލިތަކާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ އެންމެން އެއް މިސްރާބެއްގައި ކުރާ މަސައްކަތަކަށް ހެދުމުން ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނެކަން ރާއްޖެއިން ވަނީ ސާބިތުކޮށްދީފައެވެ.


'ޖެނެރޭޝަނަލް ބޭން : އުޖާލާ ކުރިމަގަކަށް "ގަޓު" ނިންމެވުމެއް'

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު، މިހާރު ރާއްޖެއިން ދަނީ ވަކި ޢުމުރެއް ކަނޑައަޅައި، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު، މިއަހަރުގެ މޭއި މަހު ތަސްދީޤުކޮށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށައިފައެވެ. މި އިސްލާޙުގެ ދަށުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން އުފަންވި ކުދިން ދުންފަތުގެ އިސްތިއުމާލުރުން މަނާވާނެއެވެ. އަދި އެކުދިންނަށް ދުންފަތް ވިއްކުމާއި، ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

ރާއްޖެ އާއި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ދުންފަތާއި ދެކޮޅަށް މިހާ ވަރުގަދަ ފިޔަވަޅެއް އެޅުމަށް މީގެ ކުރިން މަސައްކަތް ކުރިނަމަވެސް ރާއްޖޭއިން މިފަދަ ނިންމުން ނިންމައި ޢަމަލީ ސިފަ މި ގެނެވުނީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ޞިއްޙީ ދާއިރާގެ ބޭފުޅުންގެ މަސައްކަތުންނެވެ. މިކަން ކާމިޔާބުކުރުމަށް ޢާންމުންގެ އެއްބާރުލުން މުހިންމެވެ. އަދި މި ވަބާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް، މިކަމުން އަރައިގަތުމަށް މިއީ ލިބޭ ރަނުގެ ފުރުޞަތެއްކަން ވިސްނައިދީ، މިފުރުޞަތުގެ ބޭނުންކުރުމަށް ބާރުއަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ދުންފަތް މަނާ ޖީލެއް ކަނޑައެޅުމުގެ އިތުރުން ދިވެހި މުޖުތަމަޢުގައި އާދަވެ ދެވިހިފާފައިފާވާ ވޭޕު ބޭނުންކުރުމުގެ ޢަމަލު ހުއްޓުވުމަށް، އެކަން ކުރުމާއި ވޭޕާއި އީ - ސިނގިރޭޓް ރާއްޖެ އެތެރެކުރުން ވެސް ސަރުކާރުން ވަނީ މަނާކުރައްވާފައެވެ. މި ފިޔަވަޅުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ޤާބިލު އަޚްލާޤު ރަނގަޅު މުރާލި ރައްޔިތެއް ބިނާކުރުމުގެ އަމާޒަށް ވާޞިލުވެވިދާނެކަމަށް ޞިއްޙީ، އިޖުތިމާޢީ މާހިރުން ޤަބޫލުކުރައްވާއިރު، ސަރުކާރުގެ މި ނިންމެވުންތަކަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ވެސް ކުރަމުންނެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިންވެސް ވަނީ، މަރުހަބާ ކިޔާ ތަޢުރީފުކުރައްވާފައެވެ. އެގޮތުން މިއީ އެމަނިކުފާނުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާފައިވެއެވެ.


ޤައުމީ ލެބޯޓަރީ އަކާއެކު، ޞިއްޙީ ޚިދުމަތް އައު ހަރުފަތަކަށް

ރާއްޖޭގެ ޞިއްޙީ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޤައުމީ ލެބޯޓަރީގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވިގެން ދިއުމަކީ، އެކަމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން، މިފަދަ ލެބޯޓަރީއެއް ނެތުމުން އެތައް ދަތިތަކެއް ވަނީ ދިމާވެފައެވެ. އެގޮތުން، ބޭރަށް ފޮނުވައިގެން ތަހްލީލުތައް ފުރިހަމަ ކުރަން ޖެހުމަކީ ޚަރަދުބޮޑު ކަމަކަށްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ތަހްލީލުތަކުގެ ނަތީޖާ ލިބުމުގައި ގިނަ ދުވަސްތަކެއް ހޭދަވެއެވެ.

ޤައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ތަފާތު ބޭސްތައް ތަޙްލީލު ކުރުމާއި ކާނާގެ ބާވައްތައް ތަޙްލީލު ކުރުމާއި މިފަދަ އެހެނިހެން ކަންކަމަށް އަޅުގަނޑުމެން ބަރޯސާވާން ޖެހެނީ ބޭރުގެ ލެބޯޓަރީތަކަށް. މިކަމުގެ ސަބަބުން ހިނގާ ވަގުތު އިތުރުވެ ޚަރަދު ބޮޑުވެ އެންމެ އެކަށީގެންވާ ވަގުތުގައި ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ޖަރުމަނުގެ ޖައިޓެކް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ ލެބޯޓަރީގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާ މި މަޝްރޫޢު ކުރިއަށް ގެންދަން ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ 12 ފަންގިފިލާގެ އިމާރާތަކަށް ވާއިރު، މިތަނުން މި ދާއިރާއަށް މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މިވަގުތު ރޯޝަނީ ބިލްޑިންގައި ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބޯޓަރީވެސް މިތަނަށް ބަދަލު ކުރެވިގެންދާނެއެވެ.


ޞިއްޙީ ޚިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ބަލާލެވޭނެ ޚާއްޞަ ސޮފްޓްވެއަރއެއް

ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ޞިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު އެއްވިއުގައަކުން ބެލޭގޮތަށް، ޚާއްޞަ ސޮފްޓްވެއަރ އެއް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިފްތިތާޙުކޮށްފައެވެ. ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) އަކީ، ޞިއްޙީ ޚިދުމަތްތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. މި ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ޞިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ބަލާލެވޭނެއެވެ. މިއީ ބަލިމީހުންގެ އިތުބާރު ޞިއްޙީ ނިޒާމަށް ބޮޑުވެ، ބަލިމީހުންގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް

ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދޭ ސިޔާސަތުތަކުގެ ތެރެއިން 2 ވަނަ ސިޔާސަތުކަމަށް ވާއިރު، މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، އަތޮޅުތެރޭގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށް ވެސް މަސައްކަތްކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ އަމާޒަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ތަކުލީފުގައި ރާއްޖެއިން ބޭރަށްގޮސް ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ނިމުމަކަށް ގެނައުން. އެކަން ނިމުމަކަށް ގެނައުމަށް ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކޮށް ރަނގަޅު ފެންވަރަށް ޤާއިމްކުރަނީ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅު ކުރަނީ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ފުޅާކުރުމުގެ އިތުރަށް އިންސާނީ ވަޞީލަތްތައް ބިނާކުރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މިހާތަނަށް އައިއިރު މާލެ ސަރަޙައްދުން އެކަނިވެސް 700 އަށްވުރެ ގިނަ ވަޒީފާ ޞިއްޙީ ދާއިރާއިން ހަމަޖައްސާފައިވާކަމަށާއި، އަދި މުޅި ރާއްޖެއިން 1200 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނި ފާހަގަކުރައްވާފައެވެ.

ދިވެހި ރައްޔިތުންނަށް މިހާރު ލިބެމުންދާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ. މާޒީގައި ކުރިމަތިވި ހިތްދަތި ތަޖުރިބާތަކުން އަރައިގަނެ، އާސަންދައިގެ ދަށުން ލިބޭ ޚިދުމަތްތައް ފުޅާވެ، އެއްވެސް ދަތިކަމެއްނެތި ފައިސާ ލިބޭނެ ގޮތްތައް ހަމަޖެހިފައިވުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. ސަރުކާރުގެ 104 ހަފްތާގެ ތެރޭގައި، ޞިއްޙީ ދާއިރާއަށް ގެނެސްފައިވާ މި ބަދަލުތަކަކީ، ޤައުމީ ތަރައްޤީގެ ތެދު މަގަށް އެޅިގެންދާ މުހިންމު ފިޔަވަޅުތަކެކެވެ. މިހާރު ފެންނަމުންދާ ކުރިއެރުންތަކާއެކު، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ މުޅިން އެހެން ލެވަލްއަކަށް އަރައި، ރައްޔިތުންނަށް އުންމީދުގެ ހުޅުކޮޅެއް ދައްކައިދީފައިވާކަން ޔަޤީނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން