ޚަބަރު
ހަފުތާ 104: 196 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތް!
މަސްތުވާތަކެތި.
ފަރުދުން
17 ނޮވެމްބަރު 2025، 04:38
17 ނޮވެމްބަރު 2025، 04:38
އަދުގެ ސަރުކާރަށް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 196 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިޖުތިމާޢީ ވިޔުގަތަކުގައި ޙިއްޞާކުރި ޕޯސްޓެއްގައި ކަސްޓަމްސްއިން ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް މިދިޔަ 2 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެ ގޮތުން، އެ މުއްދަތުގައި ޖުމްލަ 196 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 265 މިލިޔަން ރުފިޔާއަށް އަރާކަމަށް ވެސް ކަސްޓަމްސް ސަރވިސްއިން ހާމަކުރެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅިގެން ކަސްޓަމްސުން ވަނީ ފާއިތުވި 104 ހަފްތާގެ ތެރޭގައި ޖުމްލަ 196 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި.#Hafthaa104 pic.twitter.com/45rp2YzjPU
— Maldives Customs Service (@CustomsMv) November 17, 2025
ސަރުކާރުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް މިމަހުގެ 13 ވަނަ ދުވަހު ލޯންޗުކޮށްފައެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ޤައުމީ ފެންވަރުގައި މިހައިތަނަށް ހިންގޭ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ވެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ގުޅުންހުރި 104 ތަނެއް ބަލައި، 100 މީހުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވަނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްވުމަށް ދާންދެން މި އޮޕަރޭޝަން ނުހުއްޓާނެ ކަމަށާއި، 24 ގަޑިއިރު މި އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުންނަށް ދިރިއުޅެން އުނދަގޫވާ ވަރު ކުރައްވާނެ ކަމަށާއި، ދެން މިކަން ރާއްޖޭގައި ނުކުރެވޭނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މި މައްސަލައަށް ހަރުދަނާ ޙައްލެއް ގެނައުމަށް ކުރާ މަސައްކަތްތަކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިޔުގަތައް ހުއްޓުވައި، ނެޓްވަރކްތައް މުޅިން ނައްތާލުމަށާއި، މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޝާމިލުވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.