Ads by Stelco

ޚަބަރު

ދުނިޔޭގެ މަސްރަޙުގައި ރާއްޖެއަކީ ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ޤައުމަކަށް ވަނީ ވެފައި: ޚާރިޖީ ވަޒީރު

ދުނިޔޭގެ މަސްރަޙުގައި ރާއްޖެއަކީ ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ޤައުމަކަށް ވަނީ ވެފައި: ޚާރިޖީ ވަޒީރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް.

farudhun logo

ފަރުދުން

17 ނޮވެމްބަރު 2025، 05:35

17 ނޮވެމްބަރު 2025، 05:35

ދިވެހިރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ބަސްހިނގާ، ބަސްވިކޭ، އަދި ބަސްކިޔާ ޤައުމަކަށް ވަނީ ވެފައި ކަމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، އެކްސްގައި ޙިއްޞާކުރެއްވި ލިޔުއްވުމެއްގައެވެ.

ވަޒީރު ޑރ. ޚަލީލްގެ ލިޔުއްވުމުގެ ފެށުމުގައި ވަނީ، "ދިވެހީންގެ ރާއްޖެއެއް" ބިނާކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ތާރީޚީ މަސައްކަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، ދައުލަތުގެ ހީވާގި މުވައްޒަފުންނަށާއި، އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިއާ އަރިސްކުރައްވާ ކަމަށެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަނީ ރާއްޖޭގެ މަޞްލަޙަތަށް ރިޢާޔަތްކުރެއްވުމާ އެކުގައި ކަމަށެވެ. އަދި މި ކަމުގައި އެ މަނިކުފާނު ގެންގުޅުއްވަނީ ވަރަށް ހަރުދަނާ، ހާމަކަން ބޮޑު އުޞޫލެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ، ރައީސް އިސްކަން ދެއްވަނީ އަވައްޓެރީންނާއި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހި ކުރެއްވުމަށާއި، އިޤުތިޞާދީ ބައިވެރީންނާ އެކު އެއްބާރުލުން އިތުރުކުރެއްވުމަށް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އިސްކަން ދެއްވަނީ ރާއްޖޭގެ ނަން، ބޭރު ދުނިޔޭގައި އުފުލުމަށް. މަސައްކަތްޕުޅު ކުރައްވަނީ ޚާރިޖީ ސިޔާސަތު ހިންގުމުގައި ހަރުދަނާ އުޞޫލުުތަކެއް، ނިޒާމެއް ބައްޓަންކުރުމަށް." ވަޒީރުގެ މެސެޖުގައި ވެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު، މި ހަރުދަނާ އަދި ހާމަކަން ބޮޑު ސިޔާސަތުގެ ސަބަބުން، ބޭރު ޤައުމުތަކާ އެކު ރާއްޖެއިން އޮންނަ ގުޅުން ބަދަހިވެ، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މި ގޮތުން، އ.ދ.ގެ ޢާންމު މަޖިލިހުގެ 80ވަނަ ސެޝަންގެ ނާއިބު ރައީސްކަމާއި، އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ ނާއިބު ރައީސްކަން މި އަހަރު ރާއްޖެއިން އަދާކުރާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ، އަންނަ އަހަރު ބާއްވާ ކޮމަންވެލްތް ކުދި ޤައުމުތަކުގެ ބައްދަލުވުން ދިވެހިރާއްޖެއިން ކޯޗެއާކުރުމަށް ހަމަޖެހި، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް އިންތިޚާބުވެފައިވާ ކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އިސްތިޤުލާލަށް ބައުނަލްއަޤުވާމީ ގޮތުގައި އިޙުތިރާމު ލިބިފައިވާ ކަމަށެވެ. "ރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ޤައުމަކަށް ވަނީ ވެފައި." ވަޒީރުގެ މެސެޖުގައި ވެއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ބަލައިގަނެވޭ ފަދަ ގޮތަކަށް ރާއްޖޭގެ އިޤުތިޞާދީ، އިޖުތިމާޢީ، އަދި ވެށީގެ ގުޅުންތައް ހަރުދަނާކޮށް، އެ ގުޅުންތައް ދަމަހައްޓާ ހިންގުމުގައި ޚާރިޖިއްޔާގެ ޓީމުން ތައްޔާރަށް ތިބި ކަމަށެވެ.

ވަޒީރުގެ މެސެޖު ނިންމަވައިލައްވަމުން ލިޔުއްވީ، ރާއްޖެއަށް އަދަށް ވުރެ ފަހި މާދަމައެއް މިންވަރުކުރެއްވުމަށް އެދިވެޑައިގަންނަވާ ކަމަށާއި، ޚާރިޖިއްޔާގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާ، ކާމިޔާބީ މިންވަރުކޮށްދެއްވުމަށް ދުޢާކުރައްވާ ކަމަށެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން