ދުނިޔެ
ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ޝަރީޢަތުގެ ސުވާލުކުރުމުގެ ބައި ކެންސަލްކޮށްފި
ބެންޖަމިން ނަތަންޔާހޫ
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން އޭނާއާ ސުވާލުކުރުމަށް ބުދަ ދުވަހަށް ތާވަލުކޮށްފައިވާ ޝަރީޢަތުގެ އަޑުއެހުން، 'އަމަން ބެލެހެއްޓުމުގެ ސަބަބުތަކެއް' ދައްކައި ، ޔައްފާގެ (ތެލް އަވީވް)ސެންޓްރަލް ކޯޓުން މިއަދު ވަނީ ކެންސަލްކޮށްފައެވެ.
އިސްރާއިލްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ނަތަންޔާހޫ އޭނާގެ މައްޗަށް ހިންގަމުންދާ ޝަރީޢަތާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުވެ، ޕަބްލިކް ޕްރޮސެކިއުޓަރަށް ސިއްރު މައުލޫމާތުތަކެއް ހިމެނޭ ސިޓީއުރައެއް ހުށަހެޅުމަށް ފަހު، ސުވާލުކުރުމުގެ ބައި ކެންސަލްކުރަން ނިންމީއެވެ. ނަތަންޔާހޫއަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ ފަރާތެކެވެ.
އިސްރާއިލް ނޫސް، ޔެޑިއޯތު އަހްރޮނޯތުއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ކޯޓުގެ ގާޟީންނަށް ބުނެފައިވަނީ "ބުދަ ދުވަހު އަމަން ބެލެހެއްޓުމުގެ މައްސަލައެއް އެބައޮތް، އަހަރެން ބޭނުންވަނީ އެކަން ބޭރުފުށަށް ނޭނގޭނެހެން ތިޔަބޭފުޅުންނަށް ހުށަހަޅަން،" މިހެނެވެ. ނޫހުން އިޝާރާތްކޮށްފައިވާ ގޮތުގައި ނެތަންޔާހޫ ވަނީ ޕަބްލިކް ޕްރޮސެކިއުޓަރަށް 'ސިއްރު މައުލޫމާތުތައް' ހިމެނޭ ސިޓީއުރައެއް ހުށަހަޅާފައިވާ ކަމަށާއި، އެކަން ހުށަހެޅުމަށް ފަހު، ސުވާލުކުރުމުގެ ބައި ކެންސަލްކުރަން ނިންމީއެވެ.
ޔެޑިއޯތު އަހްރޮނޯތުއިން ބުނި ގޮތުގައި، 'ފައިލް 1000' ގެ ދަށުން ނަތަންޔާހޫއާ ސުވާލުކުރުމުގެ ބައި މިއަދު ނިމުމަކަށް އަންނާނެ ކަމަށް ވަނީ ހަމަޖެހިފައެވެ. މި މައްސަލައިގައި އޭނާއަށް ތުހުމަތުކުރެވިފައިވަނީ، ވިޔަފާރިވެރިންގެ ފަރާތުން އަގުބޮޑު ހަދިޔާތައް އޭނާއާއި އޭނާގެ އާއިލާގެ މެންބަރުންނަށް ލިބިފައިވާ ކަމަށާއި، އެކަމުގެ ބަދަލުގައި އެމީހުންނަށް ތަފާތު ދާއިރާތަކުން ލުއިފަސޭހަތަކާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އިސްރާއިލްގެ ރަސްމީ ބްރޯޑްކާސްޓިން ކޯޕަރޭޝަން (ކޭއޭއެން) އިން ބުނީ، ބޮޑުވަޒީރާ ދެކޮޅަށް ހިންގާ ޝަރީޢަތުގެ 'ފައިލް 1000' ގެ ދަށުން، ރިޝްވަތު ނެގުމާއި، ހިޔާނާތްތެރިވުމާއި، އަމާނާތަށް ޚިޔާނާތްތެރިވުމުގެ ދައުވާތަކާ ގުޅިގެން، ތެލް އަވީވްގެ ސެންޓްރަލް ކޯޓުގައި ސުވާލުކުރުމުގެ ބައި އަލުން ފަށާފައިވާ ކަމަށެވެ. އަދި ހެކިބަސް ދިނުމުގެ ދުވަސް މެންދުރު 2:00 (ގްރީންވިޗް ގަޑިން 11:00) އަށް ކުރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ނަތަންޔާހޫއާ ދެކޮޅަށް 3 މައްސަލައެއްގައި ކޮރަޕްޝަނާއި ރިޝްވަތު ނެގުމާއި އަމާނާތަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތައް ކުރެވިފައިވާއިރު، އެ ތުހުމަތުތައް ސާބިތުވެއްޖެނަމަ އޭނާއަށް ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އޭނާ ވަނީ މި ތުހުމަތުތައް ޤަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.
'ފައިލް 1000' ގެ އިތުރުން، 'ފައިލް 2000' ގައި ނަތަންޔާހޫއަށް ތުހުމަތުކުރެވިފައިވަނީ ޔެޑިއޯތު އަހްރޮނޯތު ނޫހުގެ ޕަބްލިޝަރު އަނޯން މޯސިސްއާ އެކު، ނޫހުން އޭނާއަށް ހެޔޮކޮށް ކަވަރުކޮށްދިނުމަށް އެއްބަސްވުމެއް ހެދުމުގެ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި 'ފައިލް 4000' ގައި ތުހުމަތުކުރެވިފައިވަނީ، ވައްލާ ނިއުސް ވެބްސައިޓުގެ ކުރީގެ ވެރިޔާ ޝައުލް އެލޮވިޗްއަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ ވެބްސައިޓުން އޭނާއަށް ހެޔޮކޮށް ކަވަރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އެލޮވިޗްއަކީ ބީޒެކް ޓެލެކޮމިއުނިކޭޝަން ކުންފުނީގެ އޮފިޝަލެއް ވެސް މެއެވެ.