ޚަބަރު
ހަފްތާ 104: ހޯމް ޓީމުން ވަނީ 1100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައި
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރުވެގެންދާއިރު، ހޯމް ޓީމުން 1،150.50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހޯމް ޓީމްގައި ހިމެނޭ ތަންފީޒީ އިދާރާތަކުން ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުވުމަށް ނޮވެމްބަރ 2023 އިން ފެށިގެން 30 ސެޕްޓެމްބަރ 2025އަށް ވަނީ 353 ޑްރަގް އޮޕަރޭޝަން ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާޒާރު މަތީ އަގު 2،217 މިލިއަން ރުފިޔާއަށް އަރާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އަދި މިއީ މިހާތަނަށް ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަ މަސްތުވާތަކެތި ހިފެހެއްޓުނު 2 އަހަރުކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.
ހަމައެއާއެކު މި މުއްދަތުގައި ހިންގާފައިވާ އޮޕަރޭޝަންތަކުގައި، ޤަވާއިދާ ޚިލާފަށް ވިއްކަމުން ދިޔަ 15،520 ފުޅި ބަނގުރާ ވެސް ވަނީ ހޯދާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، މާލޭގެ މަގުތަކުގައި ސަލާންޖަހާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ 346 ފަރާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެން.ޑީ.އޭ ގުޅިގެން އަލަށް ޤާއިމުކުރެވުނު ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރާ ހަވާލުކޮށް ފަރުވާދޭން ފެށުމާއި، ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާއި އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ 700 ފަރާތްތަކަށް އަމާޒުކޮށް، އޮޕަރޭޝަން ފަނާރުގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި އެ ހުރިހާ ފަރާތްތަކަށް ފަރުވާގެ ކަންތައްތައް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އަދި ކޮމިއުނިޓީ ފަރުވާއަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމުގައި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށް، އެމީހަކު ހުރި ރަށަކުން ފަރުވާ ކުރިޔަށް ގެންދިޔުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތުގެ އެހީގައި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ގުޅިގެން ރަށްރަށުގައި ފަރުވާ ކުރިޔަށް ގެންދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
އަދި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރގެ ޚިދުމަތް ފުޅާކޮށް ހުޅުމާލޭ ހާފްވޭހައުސް އަދި ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް ރިހެބިލިޓޭޝަން ސެންޓަރާއި، ޏ. ފުވައްމުލައް، ގދ. ތިނަދޫ ސެންޓަރުގައި ރިމާންޑް ޚިދުމަތް ދެވޭގޮތް ހަމަޖެއްސުމާއި، މެތަޑޯން މެއިންޓެނަންސް ޓްރީޓްމެންޓް ޕްރޮގްރާމްގެ ތެރެއިން، ހުޅުމާލޭ ހާފްވޭހައުސްގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މެތަޑޯން ބޭސް ހުޅުމާލެއިން (ހާފްވޭހައުސް އިން) ލިބޭނެގޮތުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލުމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ވަނީ ޕްރޮގްރާމެއް ފަށާފައެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.