ރިޕޯޓް
ރާއްޖޭގެ އިޤްތިޞާދަށް އާރޯކަން، މިސްރާބުހުރީ އުންމީދުން ފުރިގެންވާ ކުރިމަގަކާ ދިމާލަށް!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ މާލީ ޙާލަތު އޮތީ ނާޒުކު ފައްތަރެއްގައިކަން ނޭނގޭ ދިވެއްސަކު ނުހުންނާނެއެވެ. ޤައުމުގެ އިޤްތިޞާދު ބަލިކަށިވެ، ދަރަނި ބޮޑުވެފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވެސް ވަނީ ފާހަގަކުރައްވާފައެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި، ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކަށްވެސް ވެފައިވަނީ އިޤްތިޞާދު ފުޅާކޮށް، މާލީ ޙާލަތު ރަނގަޅުކުރުމާއި، ދަރަނިތައް އަދާކުރުމެވެ. މި ޢަމާޒުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުން ވަނީ ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލާ، ގިނަގުނަ މަސައްކަތްތަކެއް ފަށާފައެވެ.
މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ، އިޤްތިޞާދީ ކަންކަމާއި، ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ކަންކަން ކުރަމުންދާއިރުގައިވެސް، މި އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަށް ޙައްލެއް ގެނައުން. ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުން
ރައީސުލްޖުމްހޫރިއްޔާ
އިޤްތިޞާދީ ދާއިރާއިން އައު ހަރުފަތެއް:
އައު އަހަރު ފެށުނީވެސް އިޤްތިޞާދީ ދައިރާއިން ރާއްޖެ އައު ހަރުފަތެއް ގިރާކުރުމާއެކުއެވެ. އެގޮތުން އަހަރު ފެށިގެން ދިޔައީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް (ފްރީ ޓްރޭޑް އެގްރީމަންޓް - އެފްޓީއޭ) ޢަމަލުކުރަން ފެށުމާއެކުގައެވެ. މި އެއްބަސްވުމަކީ ރާއްޖެއިން ބޭރުކުރާ މަހަށް ޑިއުޓީ މަޢާފުކޮށް، ރާއްޖެ އެތެރެކުރާ މުދަލަށް ޑިއުޓީ މަޢާފުވެގެންދާ ތާރީޚީ އެއްބަސްވުމެކެވެ. މިއީ ރާއްޖެއިން ޢަމަލުކުރަން ފެށި މިފަދަ ފުރަތަމަ އެއްބަސްވުމަށް ވާއިރު، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ފައިދާއެއް ކޮށްފައިވެއެވެ.
އެފްޓީއޭއާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ވަނީ ރާއްޖެ ގެނެސް، އިފްތިތާޙުކޮށްފައެވެ. މިއާއެކު ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ 3 މަންޒިލަކަށް ފަށާފައިވާއިރު، މިއީވެސް އިޤްތިޞާދު ސިންދަފާތު ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. ނަތީޖާއެެއްގެގޮތުން އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެއްވޭކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ.

ބޭރު ފައިސާގެ ޤާނޫނު:
ރާއްޖޭގެ އިޤްތިޞާދަށް ފަހިކަމެއް ގެނެސްދިނުމަށް ރައީސްގެ ދުރުވިސްނުންފުޅާއި އެކު އެޅުއްވި ޖެހިލުންކުޑަ އަދި ހަރުދަނާ އެއް ފިޔަވަޅަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ލާޒިމުކުރުމެވެ. މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު ދައުލަތުގެ ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމުނު ޖެނުއަރީމަހުގެ ނިޔަލަށް ރިސޯޓުތަކުން ވަނީ ބޭންކުތަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައެވެ. މިއީ އެމްއެމްއޭއިން މީގެކުރިން ލިބޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ 10 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.ޑޮލަރު މާރުކުރުމުގެ މި ހަރުދަނާ ސިޔާސަތުގެ ސަބަބުން މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރި މިންވަރަށް ވުރެ 5 އިންސައްތަ ޖެނުއަރީމަހުގެ ނިޔަލަށް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އަދި ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި މިވަރުން ފުދުނީއެއް ނޫނެވެ! ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް އަދިވެސް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވުމާއި، ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކުރުމާއި، އަދި ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް އެގްރީމެންޓު ފާހަގަކުރެވެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ބޭރުފައިސާގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން، މި އަހަރުގެ ޖުލައި މަހާ ހަމައަށް ލިބުނު ބޭރުފައިސާގެ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %30 އިތުރުވެފައިކަމަށްވެސް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ އިޤްތިޞާދު ނާޒުކުކޮށް ބަލިކަށި ކުރުވި މައިގަނޑު އެއްޗަކީ މަތިމައްޗަށް ނެގިފައި ހުރި ދަރަނިތައް ކަމުގައިވީއިރު، އެ ދަރަނިތައް އަދާކުރުމުގައިވެސް މި ސަރުކާރުންވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މިއަހަރު ޖުލައި މަހުގެ ނިޔަލަށް ދަރަނި ދެއްކުމަށް އެކަނި 212.6 މިލިޔަން ޑޮލަރު ރިޒާވުން ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދާއި ބަލައި %60 އިތުރު އަދަދެކެވެ. ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓު އެތެރެކުރުމަށްޓަކައި އެސްޓީއޯއަށް މި މުއްދަތުގައި 274.3 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާކަމަށްވެސް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއެކު އުދުހެން ފެށީ ހަމައެކަނި މަތިންދާ ބޯޓުތަކެއް ނޫނެވެ. ރާއްޖޭގެ އިޤްތިޞާދުވެސް މި ޓާމިނަލުން ޗެކް-އިން ވެ އުދުހެން ފަށާނެއެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5.2 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ނެރޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ވެސް ވަނީ ލަފާކުރައްވާފައެވެ. އެއަރޕޯޓު ޓެކްސް އަދި ފީގެ ގޮތުގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 2.5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މިއަދު މިފެށޭ، މަސައްކަތަކީ، ނުވަތަ ހުޅުވިގެން މިދާ ދޮރާއްޓަކީ، އަޅުގަނޑު އެދެން، ހަމަ އެންމެ ފުޅާމިނުގައި، ރާއްޖޭގެ ވިޔަފާރިވެރިންވެސް، ޚާއްޞަކޮށް ރާއްޖޭގެ ކުދި، ބޮޑު އަދި މެދުފަންތީގެ ހުރިހާ ވިޔަފާރި ވެރިންވެސް މި ސަރަޙައްދަށް ވަޑައިގަތުމަށް. މިސަރަޙައްދުގައި އިންވެސްޓު ކުރުމަށް. މި އޮޕޮޗުނިޓީގެ ބޭނުން މިވަގުތު ހިއްޕަވަން. މީ، ވަރަށްބޮޑު ރަނުގެ ފުރުސަތެއްރައީސުލްޖުމްހޫރިއްޔާ

ގައުމުގެ އިޤްތިޞާދަކީ ހަމައެކަނި މާލެ ސަރަހައްދަށް މަރުކަޒުވާން ޖެހޭ ކަމެއް ނޫންކަމަށް ގަބޫލުކުރުމާއި އެކު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ދައްކުވައިދޭ މަސައްކަތެކެވެ. އެހާ ހަލުވި ދުވެލީގައި ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްފަހު ހުޅުވިގެން ދިއުމަކީ، ދަތުރުފަތުރުން ރާއްޖޭގެ އުތުރު ދުނިޔޭގެ އެހެން ސަރަޙައްދުތަކާއި ގުޅުވާލައި، އެ ސަރަޙައްދަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ. ަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ހުޅިވިގެން ދިއުމާއެކު މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުން ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. ވަޒީފާގެ އެތައް ފުރުޞަތަކާ ރަށު ފަތުރުވެރިކަމުން ފެށިގެން އެންމެ ކުޑަ ފިހާރައިގެ ވިކުރާއިން ތަފާތު ފެންނަންފަށާނެއެވެ.
އަޅުގަނޑު އެދެން އެންމެ ފުޅާ މިނުގައި ރާއްޖޭގެ ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަން ވަޑައިގަންނަވަން. މި ސަރަހައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕަޯޗުނިޓީގެ ބޭނުން ހިއްޕަވަން. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއަކުންވެސް. ސަރުކާރުން މިއޮތީ ތައްޔާރަށް ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ކަންކަން ފަހިކޮށްދެވޭނެ ހުރިހާކަމެއް ކޮށްދޭން، ރައީސުލްޖުމްހޫރިއްޔާ

ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދާ އާމްދަނީއަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް އެއަރޕޯޓު ޓެކުހާއި ފީގެ ގޮތުގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 2.5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ. ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 580،741 ފަތުރުވެރިންނެވެ.
ޕޭޕަލްގެ ޚިދުމަތް:
ބަވަނަވެފައިވާ މި ދުނިޔޭގައި ރާއްޖޭގެ އިޤްތިޞާދީ ބާރުވެރިކަން، މި ރާއްޖޭގެ އަސްދަނޑިން ބޭރުކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ އެއް އަމާޒެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓު ސިސްޓަމުތަކާއި އިލެކްޓްރޯނިކް ވޮލެޓުތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ ގުޅިގެން ސަރުކާރުން މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އުރީދޫގެ ފިންޓެކް ކުންފުންޏަށް ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ނުވަތަ އިންވާޑު ރެމިޓެންސް ހުއްދަ އެމްއެމްއޭއިން ދޫކުރިއެވެ. ނަތީޖާއެއްގެ ގޮތުން، އުރީދޫގެ އެމްފައިސާ ވޮލެޓު މެދުވެރިކޮށް ދިވެހިންނަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.

ޕޭޕަލްފަދަ ޚިދުމަތްތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓުކޮށްގެން، އެއިން އާމްދަނީ ހޯދުމަށް ވަރަށް ފަހި ފުރުސަތެއް ހުޅުވިގެންދާނެއެވެ. ވިޔަފާރި އުފެއްދުންތަކުގެ އިތުރުން، ރާއްޖޭގެ ކޮންޓެންޓު ކްރިއޭޓަރުންނާއި ޑިޖިޓަލް އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ރާއްޖެއިން ބޭރަށް ވިޔަފާރި ފުޅާކޮށް، އެ މަސައްކަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ރަސްމީ ރިޒާވާއި ދައުލަތުގެ އާމްދަނީ:
2024ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވުގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ. އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެން ދިއުމެވެ.
މީގެ އިތުރުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހުގެ ރޭޓުތަކަށް ގެނެވުނު ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ އާމްދަނީ 105.3 އިންސައްތަ އަދި ޑިޕާޗަރ ޓެކުހުގެ އާމްދަނީ 56.4 އިންސައްތަ އިތުރުވެފައިވެއެވެ. އަދި އެއަރޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް 61 އިންސައްތައިން އިތުރުވެފައިވެއެވެ.
ބަންކަރިންގ ޚިދުމަތް:
ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އެކި ދަރަޖަ ދަރަޖައިގައި ބޭރުގެ އޮޑިފަހަރުތަކަށް ބަންކަރިންގެ ހިދުމަތް ދެމުން އައި ގައުމެކެވެ. ނަމަވެސް މިއަދު ބަންކަރިންގެ ހިދުމަތަކީ އިޤްތިޞާދީ ގޮތުން މަތީ ދަރަޖައެއްގައި މިރާއްޖޭގައި ހިންގޭ އިޤްތިޞާދީ ބިޔަ ބޮޑު މަޝްރޫއެކެވެ
މި ދެންނެވީ ވީއެލްއެސްއެފްއޯ ކިޔާ ޕްރޮޑަކްޓެއް ދިވެހިރާއްޖެއަށް މުޅިން އަލަށް. ލޯ ސަލްފާ އޭ ކިޔާ، ދިވެހިރާއްޖެއަށް ދުވަހަކު ވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މި ދެންނެވި 7.4 މިލިއަނުގެ 95 ޕަސެންޓަކީ ވީއެލްއެސްއެފްއޯ ބަންކާ ކޮށްގެން ހޯދި ފައިސާ
ވަޒީރު މުޙައްމަދު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، އަހަރެއްހާ ދުވަހުގެ ތެރޭގައި ބަންކަރިންގ ޚިދުމަތުން 192 މިލިއަން ރުފިޔާ އާމްދަނީ އަދި 17 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ސެޕްޓެންބަރު މަހުން ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށި ފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ ދަނީ އިތުރުވަމުންނެވެ. މި ޚިދުމަތް ފެށި ފަހުން މިދިޔަ އަހަރުގެ ނިޔަލަށް އެ ޚިދުމަތުން 44.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އޭގެ ފަހުން މިއަހަރު މަހުން މަހަށް ލިބޭ އާމްދަނީ ދިޔައީ އިތުރުވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އާމްދަނީގެ %83 އަކީ ލޯ ސެލްފަރ ފިއުލުން ލިބުނު އާމްދަނީއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ޤައުމީ ތަރައްޤީއަށް ބޮޑު ހިއްސާއެއް ކުރާ ބޭންކެކެވެ. މި ބޭންކުން މިއަހަރު 6.5 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާއިރު، ރާއްޖޭގެ އާބާދުވެފައިވާ ކޮންމެ ރަށަކަށް އޭޓީއެމް އަދި ބްރާންޗް ޚިދުމަތް ފުޅާކުރުމަކީ ބޭންކިންގް ތާރީޚުގައި މިފަދަ ކަމެއް ރާއްޖޭގައި ކުރެވުނު ފުރަތަމަ ފަހަރެވެ. ހަމައެއާއި އެކު ކާޑު ލިމިޓް އިތުރުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ޑޮލަރު ލިބުން މިވަނީ ބޮޑުތަނުން ފަސޭހަވެ އިތުރުވެފައެވެ. އަދި ޔޫނިއަންޕޭ ކާޑު ތަޢާރަފުކޮށް، ޗައިނާގެ ޔުއާން އިން މުޢާމަލާތްތައް ކުރެވޭނެ ގޮތް ހެދުމަށް ރާވާފައިވުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިތައް ފަސޭހަކޮށްދޭނެ ކަމެކެވެ.
ބޭންކިންގ ސެކްޓަރުތަކުގައި ހުރި އެތައް ގޮންޖެހުންތަކުން އަރައިގަނެ އިރާދަކުރެއްވިއްޔާ މިހާރު މަޑުމަޑުން ރާއްޖޭގެ ކަންތައް ހަމަޔަކަށް އެޅި ... ހަމަނޭވާލެވިގެން ގައުމު މިދަނީ ކުރިޔަށް
ވަޒީރު މުޙައްމަދު ސަޢީދު
މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ "ފަށާ މަދަދު" ލޯނު ސްކީމް ހުޅުވާލާ 60 އަންހެނަކަށް ލޯނު ދޫކޮށްފައިވެއެވެ. ފަސް އަހަރުގެ ގެއްލުމަށްފަހު، އެސްޑީއެފްސީން މިހާރު ވަނީ މާލީގޮތުން ކުރިއެރުން ހޯދާ، 2024 ވަނަ އަހަރު 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ، ކޮންޓެންޓް އުފައްދާމީހުންނަށް ޚާއްސަ ލޯނު ސްކީމްވެސް މިވަނީ ތަޢާރަފުކޮށްފައެވެ. މި ސްކީމުގެ ދަށުން ރަހުނަކާއެކު 500،000 ރުފިޔާ އަދި ރަހުނަކާއި ނުލައި 150،000 ރުފިޔާގެ ލޯނު، %9.5 ޕްރޮފިޓް ރޭޓެއްގައި 6 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 5 އަހަރުގެ މުއްދަތަށް ލިބެއެވެ. ދިވެހި އުފެއްދުންތެރިކަން ރާއްޖޭގެ ފަސްގަނޑުން ބޭރުކޮށް، ބައިނަލްއަގުވާމީ ބާޒާރުތަކަށް ގެންގޮސްދިނުމަކީ ރައީސްގެ އުންމީދެކެވެ. އެގޮތުން ޗައިނާގެ އަލީބާބާ ކުންފުނިން ދިވެހި އުފެއްދުންތެރިންނަށް ބޭއްވި ވޯކްޝޮޕްގައި 600 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މިއީ ބޭރުފައިސާގެ އާމްދަނީ ހޯދުމަށް ދިވެހި ވިޔަފާރިތަކަށް ލިބުނު ބޮޑު ފުރުސަތެއްވެސް މެއެވެ.

އަސާސީ ކާބޯތަކެއްޗާއި މުދަލުގެ އަގުތައް މަތިވިޔަ ނުދިނުމަށް އަދުގެ ސަރުކާރުން ބުރަ އެތައް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، ރަމަޟާން މަހު އަސާސީ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔައިރު، އެސްޓީއޯއިން ވަގުތުން ފިޔަވަޅު އަޅާ އެ ބާވަތްތައް އެތެރެކޮށް، އަގު ކޮންޓްރޯލް ކޮށްފައިވެއެވެ. މިއީ ދިވެހިރައްޔިތުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދެއްވި ނުހަނު ބޭނުންތެރި ކަމެއްވެސް މެއެވެ.
މިހުރިހާ ކަމަކުން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ގޮތުން ޤައުމަށް އާރޯކަމެއް ގެނައުމަށް ކުރަމުންދާ ބުރަ މަސައްކަތްތަކެވެ. އިޤްތިޞާދީ ސިޔާސަތުތައް ހަރުދަނާކޮށް، ދަރަނި އަދާކޮށް، އާމްދަނީގެ މަގުތައް ފުޅާކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު އުންމީދުން ފުރިގެންވާ އާ ފެށުމަކަށް މަރުހަބާ ކިޔައިފިއެވެ. މި މަރުހަބާގެ ނިމުން ކާމިޔާބުވެ، ރާއްޖެއަށް އިޤްތިޞާދީ ފުދުންތެރިކަން ހާސިލުވާނެކަމުގެ އުންމީދު ބޮޑެވެ.