ވިޔަފާރި / ޚަބަރު
ވިލާތުގެ ތިން މަންޒިލެއްގައި ރާއްޖެ އިސްތިހާރުކުރަން "އައިއެމް މޯލްޑިވްސް"ގެ ނަމުގައި ރޯޑް ޝޯއެއް ފަށައިފި
ވިލާތުގައި ކުރިއަށްދާ ރޯޑް ޝޯގެ ތެރެއިން ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ދިވެހިރާއްޖެ އިޝްތިހާރުކޮށް، ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ މަޤްސަދުގައި 'އައި އެމް މޯލްޑިވްސް'ގެ ނަމުގައި ވިލާތުގެ ތިން ޤައުމެއްގައި ރޯޑް ޝޯވއެއް ފަށައިފިއެވެ. މި ރޯޑް ޝޯވއަކީ، ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ޖީ.އެޗް.އޭ.އެމް) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ރޯޑް ޝޯވގައި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 26 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ފަރާތްތަކުގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި، ލައިވް ބޯޑުތަކާއި، ޓްރެވަލް އެޖެންސީތައް ހިމެނެއެވެ.
'އައި އެމް މޯލްޑިވްސް'ގެ ނަމުގައި ކުރިއަށް ގެންދާ މި ރޯޑް ޝޯވ ވިލާތުގެ ތިން މަންޒިލް ކަމަށްވާ، ޕޮލެންޑް، ރޮމޭނިއާ، އަދި ޗެކް ރިޕަބްލިކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިމަހުގެ 17 ވަނަ ދުވަހު ޕޮލެންޑުގެ ވެރިރަށް ވާރސޯގައި މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ރޮމޭނިއާގެ ބުކަރެސްޓްގައި ރޯޑް ޝޯވ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހުކުރު ދުވަހު ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައިވެސް މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ވީ.އެމް.ސީއިން ވިދާޅުވެއެވެ.
މި ރޯޑް ޝޯވގެ މައިގަނޑު މަޤްސަދުތަކަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމެވެ. މީގެއިތުރުން، ރާއްޖެއާ ބެހޭ މަޢުލޫމާތުތައް ޙިއްސާ ކުރުމާއި، މާކެޓިންގ މަސައްކަތްތަކަށް ބޭނުންވާ ފަތުރުވެރިންގެ އިޚްތިޔާރުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަކީވެސް މި ރޯޑް ޝޯވ ބޭއްވުމުގެ ބޭނުމެއް ކަމަށް ވީ.އެމް.ސީއިން ފާހަގަކުރެއެވެ.
މި ހަރަކާތުގައި ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މީޑިއާވެސް ބައިވެރިވެއެވެ. ރޯޑް ޝޯވގެ ތެރެއިން ރާއްޖޭގެ ފުރިހަމަ މެހެމާންދާރީއާއި، ލަގްޒަރީ ތަޖުރިބާތަކާއި، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ އިސްނެގުންތަކާއި، ތަފާތު ޓޫރިޒަމް އުފެއްދުންތައް ދައްކާލާފައިވެއެވެ. އަދި ޕްރެޒެންޓޭޝަންތަކާއި، ބިޒްނަސް-ޓު-ބިޒްނަސް (B2B) ބައްދަލުވުންތަކަށް ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ.
މި ރޯޑް ޝޯވއާއި ގުޅޭގޮތުން ވީ.އެމް.ސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، 'އައި އެމް މޯލްޑިވްސް' ރޯޑް ޝޯވއަކީ، ކުރިއަރަމުން އަންނަ ވިލާތުގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވޭނެ ހަރަކާތެއް ކަމަށެވެ. އަދި މި ސަރަޙައްދުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ގުޅުން ބަދަހިކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ސަބަބުން، އިތުރު ފަތުރުވެރިން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ސަޤާފަތާއި، ލަގްޒަރީގެ ތަފާތު ތަޖުރިބާ ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެން.ޖީ.އެޗް.އޭ.އެމްގެ ރައީސް ޢަބްދުﷲ ނަޝީދު ވިދާޅުވީ، މިހާތަނަށް ކުރިއަށް ގެންދިޔަ ރޯޑް ޝޯވތަަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. ލޯކަލް ރަށްރަށުގައި ހިންގާ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ އިސްނެގުންތަކުން ފެށިގެން ވޯލްޑް ކްލާސް ރިސޯޓްތަކުގެ ތަޖުރިބާތަކަށްވެސް އެމީހުންގެ ޝައުޤުވެރިކަން ވަރަށް ބޮޑު ކަމަށާއި، މި ރޯޑް ޝޯވގެ ސަބަބުން ރާއްޖޭގައި ހުރި ތަފާތު ތަޖުރިބާތައް ދައްކާލުމުގެ އިތުރުން، ވިޔަފާރީގެ ކުރިއެރުމަށް ބޭނުންވާ އަމިއްލަ ގުޅުންތައް ބިނާކުރުމަށް އެހީތެރިވެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާތަކީ، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދެކެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވިލާތުގެ ޤައުމުތަކުން 86,860 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަދަދަކީ 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ރެކޯޑު ކުރި 86,574 ފަތުރުވެރިންގެ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ.
މިއީ، ވިޒިޓް މޯލްޑިވްސްއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އަދި އެން.ޖީ.އެޗް.އޭ.އެމުން ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް 'އައި އެމް މޯލްޑިވްސް' ބްރޭންޑުގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ރޯޑް ޝޯވއެވެ. މިދިޔަ އަހަރު ޖޯޖިއާއާއި އަޒަރުބައިޖާންގައިވެސް މީގެ ރޯޑް ޝޯވއެއް ވަނީ ބާއްވާފައެވެ.