Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ ވަބާގައި ޖެހި، ސަލާން ޖަހަން އުޅުނު 350 މީހަކަށް ފަރުވާދެވެމުންދޭ: ވަޒީރު އިޙުސާން

މަސްތުވާތަކެތީގެ ވަބާގައި ޖެހި، ސަލާން ޖަހަން އުޅުނު 350 މީހަކަށް ފަރުވާދެވެމުންދޭ: ވަޒީރު އިޙުސާން

ވަޒީރު އިޙުސާން ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

19 ނޮވެމްބަރު 2025، 03:36

19 ނޮވެމްބަރު 2025، 03:36

މަސްތުވާތަކެތީގެ ވަބާގައި ޖެހި، މަގުމަތީގައި ސަލާމް ޖަހަން އުޅުނު 350 ވަރަކަށް މީހުންނަށް، ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ހުންނަ ޑްރަގް ރަގް ރިމާންޑް ސެންޓަރުގައި ފަރުވާ ދެވެމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

އަދުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު އިޙުސާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ދާޚިލީ ވުޒާރާއިން ޚާއްޞަ އަހަންމިއްޔަތެއް ދީގެން ކުރަމުން އަންނަ މަސައްކަތްތައް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ޒުވާނުންގެ ބޮޑު އާބާދީއެއް މަސްތުވާތަކެތީގެ އަނދަވަޅަށް ވެއްޓިފައިވާއިރު، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ޑްރަގް ކޯޓުން ޙުކުމްކޮށް، ފަރުވާއަށް ނުގެންދެވި 700 މީހުން ތިބި ކަމަށެވެ. އަދި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން އެ އެންމެންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން 350 އެއްހައި މަގުމަތީގައި ސަލާމް ޖަހަން އުޅޭ ޑްރަގްގެ ވަބާގައި ޖެހިފައިވާ އެކި ޢުމުރުފުރާގެ މީހުން ވަކިން ހުޅުމާލޭ ހާފްވޭ ހައުސްގައި ރިމާންޑް ސެންޓަރެއް ހަދައި، ހަމަ މި ގޮތުން އެ މީހުން ނެގުމުގެ މަގު ހޯދައިގެން މިހާރު ވެސް 350 ފަރާތެއް އެ ރިމާންޑް ސެންޓަރުގައި ދަނީ ޚިދުމަތް ލިބިގަންނަމުން.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން

ވަޒީރު އިޙުސާން ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ މަސައްކަތުން ނ. ވެލިދޫ، ކ. ކާށިދޫ، އަދި ލ. ގަމުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސަައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ތަންތަނުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން، ރައްޔިތުން އެދޭ ފަދަ ނަތީޖާތަކެއް ނުކުންނާނެ ކަމަށާއި، އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލެވިފައިވާ މީހުންނަށް ވެސް ރިހެބިލިޓޭޝަން ދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ގޭންގް ކުށްތައް މަނާކުރާ ޤާނޫނެއް ކުރީން އޮތަސް، އެ ކަން ވެސް އޮތީ އެކަށީގެންވާ ގޮތެއްގައި ނުކުރެވި ކަމަށާއި، ވީމާ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނެސް، މިހާރު އެއަށް ޢަމަލުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ޙިއްޞާކުރެއްވި ގޮތުގައި، އެ ޤާނޫނާ އެކު ފުލުހުންގެ ތެރޭގައި ގޭންގްތަކާ ދެކޮޅަށް ޚާއްޞަ ޔުނިޓެއް ޤާއިމުކޮށް، މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަދި ގޭންގް ކުށްތައް 23 އިންސައްތަ ދަށްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގޭންގް މައްސަލަ ޖުމްލަ ގޮތެއްގައި ޙައްލުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ މަސައްކަތުން ގޭންގް ކުށްތައް 23 ޕަސެންޓް މިހާރު ވަނީ ދަށްކޮށްފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ޙައްލުކުރާނަން.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން

ބިދޭސީންގެ މައްސަލައާ ގުޅިގެން ވަޒީރު ވިދާޅުވީ، އެ މަސައްކަތް ފެށިއިރު، 290،000އެއްހައި އެކްޓިވް ވަރކްޕަރމިޓް ހުރި ކަމަށާއި، އެކަމަކު ބޯޑަރ ކޮންޓްރޯލް ސިސްޓަމާއި ވިސާ ސިސްޓަމުގައި ހުރި މަޢުލޫމާތު ދިމާނުވާތީ، ރާއްޖޭގައި ތިބި ބިދޭސީންގެ ސީދާ ޢަދަދު ކަށަވަރުނުވާ ކަމަށެވެ.

ބިދޭސީންގެ ތެރެއިން އެކްޓިވް މީހުންނާއި ފިލައިގެން އުޅޭ މީހުން ވަކިނުވާ ކަމަށާއި، އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރަން މަސައްކަތް ފެށީ އެހެންވެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގައި 200،000އަށް ވުރެ ގިނަ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބަޔޮމެޓްރިކްސް ދަނެގަނެވޭ ފެންވަރުގެ އެޕްލިކޭޝަނެއް އިމިގްރޭޝަނުން މިހާރު ތައްޔާރުކޮށް، ފްރަންޓް ލައިންގައި އުޅޭ އިމިގްރޭޝަން އޮފިސަރުންނާއި ފުލުހުންނަށް ވެސް މިހާރު އެކްސެސް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ސަބަބުން ބިދޭސީން މަޢުލޫމާތު ނުދިނަސް، އެ މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެއީ ކޮން ބައެއްކަން ދަނެގަނެވޭނެ ކަމަށް އިޙުސާން ވިދާޅުވިއެވެ.

އެ އެޕްލިކޭޝަންގެ އެކްސެސް، ރަށްރަށުގެ ކައުންސިލުތަކަށް ވެސް ދިނުމަށް ރާވާފައިވާއިރު، މުޅި ރާއްޖޭގައި އެ އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން، ވިސާ ނެތި އުޅޭ މީހުން ހޯދަން ނުހަނު ފަސޭހަވާނެއެވެ. އަދި ބަޔޮމެޓްރިކްސް ނެތް މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، މިހާތަނަށް 9000އަށް ވުރެ ގިނަ ބަޔަކު އަނބުރާ ޤައުމަށް ފޮނުވާފައިވާ ކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން