ދުނިޔެ

މިޔަންމާގެ ތައި ބޯޑަރުގައި އަނެއްކާވެސް ބޮޑު ރެއިޑެއް، އޮންލައިން ސްކޭމް ބޮޑު ހަބަކުން 350 މީހުން ހައްޔަރުކޮށްފި

މިޔަންމާގެ ތައި ބޯޑަރުގައި އަނެއްކާވެސް ބޮޑު ރެއިޑެއް، އޮންލައިން ސްކޭމް ބޮޑު ހަބަކުން 350 މީހުން ހައްޔަރުކޮށްފި

މިޔަންމާގައި ހިންގި ރެއިޑުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ނޮވެމްބަރު 2025، 05:33

19 ނޮވެމްބަރު 2025، 05:33

އޮންލައިން ސްކޭމް ހަބުތަކާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ތައިލެންޑާ ގުޅިފައިވާ ބޯޑަރު ސަރަހައްދަކުން ގާތްގަނޑަކަށް 350 މީހުން ހައްޔަރުކޮށްފިއެވެ.

 މި އޮޕަރޭޝަނަކީ މިފަދަ ކަންކަން ހުއްޓުވުމަށް މިޔަންމާ ސިފައިން ހިންގާފައިވާ ކެމްޕޭނެއްގެ ބައެކެވެ.

ބުދަ ދުވަހު މިޔަންމާ ސިފައިން ބުނީ، މި ސްކޭމް ސެންޓަރުތައް ހިންގުމަށް ހުއްދަ ދެނީ ސިފައިންނާ ދެކޮޅު ހަތިޔާރު އެޅި ޖަމާއަތްތަކުން ކަމަށާއި ނަމަވެސް ސަރަހައްދުގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް ފަހު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ދައުލަތުގެ ނޫސް ކަމަށްވާ 

ދަ ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިޔަންމާ ސިފައިން މި އޮޕަރޭޝަން ހިންގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ޝްވޭ ކޮކޯ ކިޔާ ގޭމިން އަދި ފްރޯޑް ހަބަކަށެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި، "އޮޕަރޭޝަންގެ ތެރެއިން މިހާރު ތަހުޤީޤު ކުރަމުންދާ 346 ބިދޭސީން ހައްޔަރުކުރެވުނެވެ." އަދި އޮންލައިން ޖުވާ ކުޅުމަށް ބޭނުންކުރި ގާތްގަނޑަކަށް 10،000 މޯބައިލް ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ޝްވޭ ކޮކޯ ސަރަހައްދު ހިންގުމުގައި ބައިވެރިވި ފަރާތަކީ ޗައިނާ-ކެމްބޯޑިއާގެ ރެކެޓިއަރެއް ކަމަށް ތުހުމަތުކުރެވޭ ޝީ ޒިޖިއަންގްގެ ޔާޓާއި ފާމް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. ޝީ ޒިޖިއަންގް 2022 ވަނަ އަހަރު ތައިލެންޑުން ހައްޔަރުކޮށް، އޭނާ އޮންލައިން ޖުވާ ކުޅުމާއި ފްރޯޑް އޮޕަރޭޝަންތަކުގައި ބައިވެރިވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ޗައިނާއަށް ވަނީ ހަވާލުކޮށްފަ އެވެ. ޝީ އާއި އޭނާގެ ކުންފުނި، ޔާޓާއި، މީގެ ކުރިން އިނގިރޭސިވިލާތާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކެކެވެ.

ކޮވިޑް-19 ޕެންޑަމިކަށް ފަހު، ތައިލެންޑް، މިޔަންމާ، ލާއޯސް، އަދި ކެމްބޯޑިއާ ގުޅުވައިދޭ ބޯޑަރު ސަރަހައްދުތައް ވަނީ އޮންލައިން ފްރޯޑްގެ މަރުކަޒުތަކަކަށް ވެފަ އެވެ. އދ. އިން ބުނާ ގޮތުގައި، މި ސަރަހައްދުތަކުން ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދަމުންދާއިރު، އެތައް ހާސް ބަޔަކު މަޖުބޫރުކޮށް ސްކޭމް ކޮމްޕައުންޑްތަކުގައި މަސައްކަތް ކުރުވަން ޓްރެފިކްކޮށްފައިވެ އެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން މިކަމަށް ލޯ މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ނަމަވެސް، މުހިންމު އަސްކަރީ އެހީތެރިއެއް ކަމަށްވާ ޗައިނާގެ ފަރާތުން ލޮބީކުރުމަށް ފަހު ފެބްރުއަރީ މަހުން ފެށިގެން ވަނީ މިކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފަ އެވެ.

2021 ވަނަ އަހަރުގެ އިންގިލާބަށް ފަހު ދާޚިލީ ހަނގުރާމައެއް ފެށުމާ ގުޅިގެން، މިޔަންމާގެ ބޯޑަރު ސަރަހައްދުތައް ވަނީ ސްކޭމް ހަބުތަކަށް ރަނގަޅު މާހައުލަކަށް ވެފަ އެވެ. އޮކްޓޯބަރު މަހު، ސިފައިން ވަނީ ތައިލެންޑާ ގުޅިފައިވާ ބޯޑަރުގައިވާ މަޝްހޫރު ސްކޭމް ސެންޓަރެއް ކަމަށްވާ ކޭކޭ ޕާކަށް އަރައި 2،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަހު، އެމެރިކާގެ ޚަޒާނާ އޮފީހުން ވަނީ ކެމްބޯޑިއާ އާއި މިޔަންމާގެ 20 އަށް ވުރެ ގިނަ ކުންފުނިތަކާއި ފަރުދުންނަށް ސްކޭމް އޮޕަރޭޝަންތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން