ޚަބަރު
ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޖަމީލްއާ ހަވާލުކޮށްފި
ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ---
ފަރުދުން
19 ނޮވެމްބަރު 2025، 09:49
19 ނޮވެމްބަރު 2025، 09:49
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފިއެވެ.
ހައިކޯޓުން މިއަދު މީސްމީޑިއާގައި ޙިއްޞާކުރި މެސެޖެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މިއަދާ ހަމައަށް ވަގުތީ ގޮތުން ހައިކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިސަލްއެވެ.
ފަނޑިޔާރު ފައިސަލްގެ ބަދަލުގައި ފަނޑިޔާރު ޖަމީލްއާ ހައިކޯޓުގެ ހިންގުން ހަވާލުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ހައިކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ޖަމީލް ވަނީ މީގެ ކުރިން ލ. ދަނބިދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުކަމާއި އަދި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޖަމީލް ކުރެއްވީ މި އަހަރުގެ އޯގަސްޓު 3ވަނަ ދުވަހުއެވެ.