ޚަބަރު
އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ޚިދުމަތް ހޮނިހިރުގައި ފަށަނީ
މާލޭގައި ޤާއިމްކުރި ފުރަތަމަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު / ފޮޓޯ: ޕީއެސްއެމް
ފަރުދުން
20 ނޮވެމްބަރު 2025، 07:03
20 ނޮވެމްބަރު 2025، 07:03
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބުދަ ދުވަހު މާލޭގައި އިފްތިތާޙުކޮށްދެއްވި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ޚިދުމަތް މި އަންނަ ހޮނިހިރު ދުވަހު ފަށާނެކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހާމަކޮށްފިއެވެ.
މި ސެންޓަރުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، ޞިއްޙީ އާންމު މަޢުލޫމާތާއި، މެޑިކަލް ޗެކަޕްތައް ހެދުމާއި އަދި އާންމު ބަލިތަކަށް ބޭސްފަރުވާ ކޮށްދިނުމެވެ. އަދި މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއ، ކުޑަކުދިންގެ ހެލްތު ކްލިނިކަކާއި، ވެލްނެސް ކްލިނިކެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.
އައިޖީއެމްއެޗުން ހާމަކޮށްފައިވާ ގޮތުގައި އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00އާ ހަމައަށް ޚިދުމަތް ދޭނެއެވެ. އަދި ހުކުރު ދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 3:30 އިން ރޭގަނޑު 10:00އަށެވެ.
އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްފައިވާ ޖީޕީ ކްލިނިކްގެ ޚިދުމަތްތައް
- ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތް
- އާންމު ބަލިތަކަށް ފަރުވާ ދިނުން
- ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
- ބޭސް ސިޓީ އައުކުރުން
- ކުދި ޕްރޮސީޖާތައް ހެދުން
- އެކްސްރޭ ނެގުން
- ބޭސް ފިހާރަ
ކުޑަކުދިންގެ ކްލިނިކްގެ ޚިދުމަތްތައް
- ފަސް އަހަރުން ދަށުގެ ކުދިން، ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
- ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
- އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް
- ޤައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
- އިޚްތިޔާރީ ވެކްސިން ޖަހައިދިނުން
ވެލްނެސް ކްލިނިކްގެ ޚިދުމަތްތައް
- ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
- ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
- ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް
- ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން
އައިޖީއެމްއެޗަށް އޮންނަ ކިއު ކުޑަކުރުމަށް ސަރުކާރުގެ ވިސްނުމަކީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމެވެ. ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.