ޚަބަރު
ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކޮށް ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ބޮޑެތިވާ ބަޔަކަށް ހެދުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް
ވަޒީރު ޑރ ޢާއިޝާ ޝިޙާމް
ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކޮށް ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ބޮޑެތިވާ ކުދިބައެއްގެ ގޮތުގައި ހެދުމަކީ މި ސަރުކާން ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ ޢާއިޝަތު ޝިޙާމް ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަސްދީގަތުމެއްގައެވެ.
އެ ކަމަނާގެ ސްޓޭޓްމަންޓްގައި ވިދާޅުވީ ކުޑަކުދިންނަކީ ޝައްކެއްވެސް ނެތްގޮތުގައި ކޮންމެ މުޖުތަމަޢުއެއްގައިވެސް އެންމެ ބޮޑަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ އެއް އާބާދީކަމަށެވެ.
މީގެއިތުރުން އެބައެއްގެ ރައްކާތެރިކަން ކަށަވަރުކޮށް ދުޅަހެޔޮ އަމާން އުފާވެރި ދިރިއުޅުމެއް ޔަޤީންކޮށްދިނުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ކޮންމެ ސަރުކާރަކުން ވެސް ދޭންޖެހޭނެ އާބާދީ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދުޅަހެޔޮ ކަމާއެކު ދިރިއުޅެވޭނެ މަގުފަހިކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، މިގޮތުން ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް މަދުކުރުމަށްޓަކައި، ރަށްރަށުގައި އުފައްދަމުން އަންނަ އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ގްރޫޕްތައް މެދުވެރިކޮށް، އެރަށްރަށުގައި ދިރިއުޅެމުން އަންނަ ކުޑަކުދިންނާއި އާއިލާތަކުގެ ތެރެއިންނާޒުކު ހާލަތަކަށް ގޮސްދާނެ ކުޑަކުދިންނާއި ޢާއިލާތައް ދުރާލާ ދެނެގަނެ އެފަރާތްތަކުގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކުރެވުމުން އަންނަ މަސައްކަތް ހަރުދަނާކުރުމަށްޓަކައި މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.
ވަޒީރު ޢާއިޝަތު ޝިހާމް
އެ ކަމަނާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅިގެން އެ ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެސް އެ ކުދިން ބަލަހައްޓަން ޖެހޭ ހާލަތްތައް އެބަ އަންނަ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައިވެސް ސަރުކާރުން އެންމެ އިސްކަމެއް މިހާރު ދެމުން މިއަންނަނީ އެފަދަ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ދުވަހު ބޭތިއްބުމުގެ ބަދަލުގައި އެ ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އާއިލާއަކާއި ހަވާލުކުރުމަށް ކަމަށާއި، "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް މި ސަރުކާރުން ފެށި އެއް ސަބަބަކީ ވެސް އެއީކަމަށެވެ.
"މި ޕްރޮގްރާމްގެ ދަށުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އައި 101 ކުއްޖަކު ވަނީ އާއިލާ ތަކާއި ހަވާލުކުރެވި، އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެވިފަ، ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކޮށް ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ބޮޑެތިވާ ކުދި ބައެއްގެ ގޮތުގައި ހެދުމަކީ މި ސަރުކާން ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް"، ވަޒީރު ވިދާޅުވިއެވެ.
ޢާއިލާ ރޫޅުމުގެ ސަބަބުން އެކަނި ކުދިން ބަލަހައްޓަން ޖެހުމަކީ، ވަކިން ޚާއްޞަކޮށް މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ލިބޭ ބޮޑު ނުތަނަވަސްކަމަކާއި ގޮންޖެހުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހާލަތަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންނަށް ކޮންމެ ކުއްޖަކަށް ދެމުން އަންނަ އެލަވަންސް، މިހާރުގެ 1,000 ރުފިޔާއިން 3,000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ނިންމެވުމަކީ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
ނަމަވެސް އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ މުހިންމު ހަޤީޤަތަކީ މާލީ ތަނަވަސްކަމުން އެކަނި ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، އެކި ސަބަބުތަކާ ހުރެ މައިންބަފައިން ވަކިވިޔަސް، މައިންބަފައިންގެ ހައިސިއްޔަތުން ކުދިންނަށް އަދާކޮށްދޭންޖެހޭ ޒިންމާތަކަށް ނިމުމެއް ނާންނާނެކަމަށް ވެސް ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ކުދިންގެ މައިންބަފައިންގެ ތެރެއިން އެކަކުވެސް، އެ ޒިންމާތަކަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ކުދިންނަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ކޮށްފާނެ ކަމެއް ކަމަށާއި އެހެންކަމުން، ކުދިން ތަރުބިއްޔަތު ކުރުމާއި، ކުދިންނާއެކު ވަގުތު ހޭދަކުރުމާއި، ކުދިންގެ ކަންކަން ފުރިހަމަ ކުރުމުގައި މަންމައާއި ބައްޕަ ފުރިހަމައަށް ހިއްސާވުމަކީ، ކުދިންގެ ރައްކާތެރިކަމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމުގައި ކޮންމެ މައިންބަފައިންވެސް ހެޔޮހިތުން ޤަބޫލުކުރަންޖެހޭ ކަމަށް އެ ކަމަނާވިދާޅުވިއެވެ.