ޚަބަރު
ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހު ބެކަމް ޚިއްޞާ ކުރީ ރާއްޖޭގެ ތުއްތު ބަބުލްގެ ވާހަކަ
ބަބުލްގެ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް---
ފަރުދުން
21 ނޮވެމްބަރު 2025، 02:49
21 ނޮވެމްބަރު 2025، 02:49
ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މުޅި ދުނިޔޭގެ މަޤުބޫލުކަން ހޯދުމަށްފަހު ކުޑަކުދިންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ޔުނިސެފްގެ ގުޑްވިލް އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންއަންނަ އިނގިރޭސި ޝަޙްސިއްޔަތު، ޑޭވިޑް ބެކަމް، ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ތުއްތު ބަބުލްގެ ވާހަކަ ޚިއްޞާކޮށްފިއެވެ.
ބަބުލްގެ ވާހަކަ ޚިއްޞާ ކުރުމުގެ ކުރިން ބެކަމް ބުނީ، ކޮންމެ ކުއްޖަކީވެސް ފޮނި މުސްތަޤުބަލަކަށް ހުވަފެންތައް ދެކުމުގެ ޙައްޤު ލިބިފައިވުމާއެކު، ތަޢުލީމާއި ރައްކާތެރިކަމުގެ އިތުރަށް، އެކި ފުރުސަތުތައް ފަހިވެފައިވާ ކުއްޖަކަށް ވާންޖެހޭ ކަމަށެވެ. އެއަށްފަހު ބެކަމް ބުނީ، ދެން އޭނާ ގެނަސްދޭނީ ދިވެހިރާއްޖޭގެ ބަބުލްގެ ވާހަކަ ކަމަށެވެ.
އުމުރުން 3 އަހަރުގެ ތުއްތު ބަބުލް ކިޔައިދިނީ އޭނާ އެއް ދުވަސް ހޭދަކުރާ ގޮތެވެ. އެގޮތުން ހެނދުނު ހޭލައިގެން ސްކޫލަށް ގޮސް ލަވަކިޔުމުގެ ތެރެއިން މަޖާކުރާ ވާހަކަ އާއި ޕްލޭގްރައުންޑަށް ގޮސް ކުޅެލާ ހަދާކަމަށް ބަބުލް ކިޔައިދިނެވެ. އެއަށްފަހު ޓީޗަރާއެކު ސްކޫލްގެ މަސައްކަތްތައް ކުރާކަމަށް ބުންޏެވެ.
ސްކޫލުން ގެއަށް ގޮސް ބަބުލް ފުރުޓު ކައެވެ. އަދި ހަވީރު ބޭރަށް ދިއުމަށް ތައްޔާރުވުމަށް ލާނެ ހެދުމެއް ނިންމަނީ ވެސް ތުއްތު ބަބުލް އަމިއްލައަށެވެ. އެއަށްފަހު މަންމަ އަދި ބައްޕައާއެކު ބަބުލް ބޭރަށް ގޮސް އުޅޭއިރު ބިންމައްޗަށް ޕްލާސްޓިކް ފުޅިފަދަތަކެތި އުކާފައި ހުންނާތީ ހިންހަމަ ނުޖެހޭކަން ވީޑިއޯގައި ހާމަކުރިއެވެ. އަދި އޭނާ އެ ތަކެތި ނަގާތަން ދައްކައެވެ.
ބެކަމްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް މި ވީޑިއޯ ވަނީ މުޅި ދުނިޔޭގެ އެތައް މިލިޔަން ބަޔަކު ބަލާފައެވެ.
ބެކަމް ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން އެޖަމްޢިއްޔާގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕްރޮގްރާމްތައް ހިންގުމުގައި އޭނާ ވަރަށް ބޮޑަށް އެހީވެދެއެވެ.