ކުޅިވަރު
ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އިރު މެދު ވިލީގެ އަރާކުރި ހޯދައިފި
ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި އިރު މެދު ވިލީގެ އަރާކުރިން ތަށި އުފުލާލަނީ / ފޮޓޯ: ހޮޅުހިޔަލަ
ފަރުދުން
22 ނޮވެމްބަރު 2025، 06:51
22 ނޮވެމްބަރު 2025، 06:51
ވަރަށް ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ހުޅަނގު ދެކުނު ވިލީގެ އަރާތަރި ބަލިކުރުމަށްފަހު، ނ. ހޮޅުދޫގައި ކުރިޔަށްދިޔަ ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގެ ޗެމްޕިއަންކަން، އިރު މެދު ވިލީގެ އަރާކުރި ހޯދައިފިއެވެ. އަރާކުރިން ފައިނަލް މެޗު ކާމިޔާބުކުރީ 11-0އިންނެވެ.
މުޅި މުބާރާތުގައި ވެސް ގޯލާ އެންމެ ރަށްޓެހިކޮށް ފެނުނު ފާޠިމަތު އަޙްނާ ޢަލީ ވަނީ ފައިނަލު މެޗުގައި 8 ގޯލު ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގެ ރާނީގެ މަޤާމު ވެސް ހޯދީ އަޙްނާއަށެވެ. އަޙްނާގެ އިތުރުން، ފައިނަލުގައި މިންހާ ވަނީ އަރާކުރިއަށް 3 ގޯލު ކާމިޔާބުކޮށްދީފައެވެ.
ހޮޅުދޫގެ އަވަށްތަކަށް ޚާއްޞަކޮށް ބޭއްވި ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދައި، "މުބާރާތުގެ ރާނީ"ގެ ތަހުތުގައި އިށީނީ އަޙްނާއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.
ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގެ މަޤާމުތަކަށް ހޮވުނު ފަރާތްތައް:
މުބާރާތުގެ ރާނީ: ފާޠިމަތު އަޙްނާ ޢަލީ (އިރު މެދު - އަރާކުރި)
މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: ފާޠިމަތު އަޙްނާ ޢަލީ (އިރު މެދު ވިލީ އަރާކުރި)
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ: ސާރާ ބިންތް އަހުމަދު (އިރު ދެކުނު)
މުބާރާތުގެ އެންމެ މޮޅު ކޯޗު: ސަލާމް އަހުމަދު (އިރު މެދު – އަރާކުރި)
މި މުބާރާތުގައި ހޮޅުދޫގެ 6 ވިލީގެ ތެރެއިން 5 ވިލިއަކުން ވަނީ ޓީމުތައް ބައިވެރިވެފައެވެ. އަދި މުބާރާތް ކުރިޔަށްދިޔައީ ރައުންޑް ރޮބިން އުސޫލަށެވެ. އަދި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބުނުއިރު، ދެވަނަ ޓީމެއް ހޮވީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނައަށް ދިޔަ ދެ ޓީމުގެ މެދުގައި ޕްލޭއޮފް މެޗެއް ކުޅުމަށްފަހުއެވެ.
ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025 އިންތިޒާމުކުރި ހޮޅުހިޔަލައަކީ، ހޮޅުދޫގެ އަންހެން ކަނބަލުންގެ ކުރިއެރުމަށް ޚާއްޞަކޮށް އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އުފައްދާފައިވާ ބްރޭންޑެކެވެ. މިއީ އެ ބްރޭންޑުން އިންތިޒާމުކުރި ފުރަތަމަ މުބާރާތް ވެސް މެއެވެ.
ހޮޅުހިޔަލައިގެ މައިގަނޑު އެއް މަޤުސަދަކީ ހޮޅުދޫގައި ކުޅިވަރުގެ ހަރަކާތްތަކުގައި އުޅެމުން އަންނަ ޒުވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމުން، މި މުބާރާތަކީ ހަމައެކަނި ހޮޅުދޫއަށް ނިސްބަތްވާ ކުޅުންތެރިންނަށް ވާދަކުރެވޭ ގޮތަށް ކުރިޔަށްގެންދިޔަ މުބާރާތެކެވެ.
އަންހެން ކަނބަލުންގެ ކުރިއެރުމާއި ދުޅަހެޔޮކަމަށް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ އިތުރުން، ހޮޅުހިޔަލައިގެ ހަރަކާތްތަކުގެ ތެރެއިން ރަށުގެ އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވާނެ ޖީލެއް އުފެއްދުމަކީ ވެސް ހާސިލްކުރަން ބޭނުންވާ ކަމެއްކަމަށް، ހޮޅުހިޔަލައިގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޢަލީ ޒާއިދު ވަނީ ބުނެފައެވެ.