Ads by Stelco

ޚަބަރު

މިއަދުން ފެށިގެން މާލޭގައި އަލަށް ހުޅުވި ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ލިބޭނެ

މިއަދުން ފެށިގެން މާލޭގައި އަލަށް ހުޅުވި ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ލިބޭނެ

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

22 ނޮވެމްބަރު 2025، 11:46

22 ނޮވެމްބަރު 2025، 11:46

ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބުދަ ދުވަހު މާލޭގައި އިފްތިތާޙުކޮށްދެއްވި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ޚިދުމަތް މިއަދުން ފެށިގެން ލިބޭނެކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ވިދާޅުވެއްޖެއެވެ. 

އައިޖީއެމްއެޗްއިން ވިދާޅުވީ މެޑިކަލް ސެންޓަރުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދޭނެ ކަމަށެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފައެވެ. އަދި މި ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށާއި، ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ޖީޕީ ކްލިނިކްގެ ޚިދުމަތްތައް:


• ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތް
• އާންމު ބަލިތަކަށް ފަރުވާ ދިނުން
• ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
• ބޭސް ސިޓީ އައުކުރުން
• ކުދި ޕްރޮސީޖާތައް ހެދުން
• އެކްސްރޭ ނެގުން
• ބޭސް ފިހާރަ

ކުޑަކުދިންގެ ކްލިނިކްގެ ޚިދުމަތްތައް:


• ފަސް އަހަރުން ދަށުގެ ކުދިން، ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
• ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
• އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް
• ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
• އިޚްތިޔާރީ ވެކްސިން ޖަހައިދިނުން

ވެލްނެސް ކްލިނިކްގެ ޚިދުމަތްތައް:


• ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
• ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
• ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް
• ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން

ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެެ. 

Ads by MSS

މި ލިޔުން ކިޔާލުމުން