Ads by Stelco

ޚަބަރު

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ތަފާތުކުރުމެއް ނުގެންގުޅެން: ޖުޑީޝަލް ސަރވިސް ކޮމިޝަން

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ތަފާތުކުރުމެއް ނުގެންގުޅެން: ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން. / ފޮޓޯ ކްރެޑިޓް: މިހާރު.

farudhun logo

ފަރުދުން

22 ނޮވެމްބަރު 2025، 02:38

22 ނޮވެމްބަރު 2025، 02:38

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންނާ ބެހޭ ސުލޫކީ މައްސަލަތައް ބެލުމުގައި އެއްވެސް މިންވަރެއްގެ ތަފާތުކުރުމެއް ނުގެންގުޅޭ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.)އިން މިފަދައިން ބުނެފައިވަނީ، ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ކޮމިޝަނުން ބަލަމުންދާކަމުގެ ޚަބަރު ފެންމަތިވުމާ އެކު، އެ ކޮމިޝަނަށް ބައެއް ފަރާތްތަކުން އެކި ބާވަތުގެ ތުހުމަތުތައް އަމާޒުކުރަމުންދާ މި ދަނޑިވަޅުގައި އިއްޔެ ނެރުނު ބަޔާނެއްގައެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަކި ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލައަކަށްވީތީ އެއްވެސް މައްސަލަައެއް ބެލުމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، ތަޙުޤީޤުކުރުމުގައި ކޮމިޝަނުން ބަލާނީ ހުށަހެޅިފައިވާ މައްސަލަތަކަށާއި، އެ މައްސަލަތަކާ ގުޅިގެން ކޮމިޝަނަަށް ލިބޭ ހެކީގެ މައްޗަށް ކަމަށެވެ. 

ޖޭ.އެސް.ސީ.އިން ބުނީ، ކޮންމެ މައްސަލައެއް ބަލައިގަތުމާއި ތަޙުޤީޤުކުރުމުގައި ވެސް ބަލާނީ އެ ޝަކުވާއަކާ ގުޅިގެން ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ކަމަށެވެ. އެގޮތުން، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކުރާ ކަންކަމާ ގުޅޭ ގޮތުން ޤާނޫނުއަސާސީއާއި ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަޢުލޫމާތު އޮޅުން ފިލުވާ، ބަލަން ޖެހޭ ހުރިހާ ކަމެއް ކޮމިޝަނުން ބަލަމުންދާ ކަމަށް ޖޭ.އެސް.ސީ.އިން ބުނެއެވެ.

"ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ" އެ ކޮމިޝަނުން ބުނެފައިވެއެވެ. 

މި އަހަރުގެ އަދާ ހަމައަށް އެ ކޮމިޝަނަށް 176 މައްސަލަައެއް ހުށަހެޅިފައިވާއިރު، އެއިން 57 ޝަކުވާއެއް ވަނީ ބަލައިގެންފައެވެ. މި މައްސަލަތައް ބަލައި، ފިޔަވަޅުއެޅުމަށް ނިންމީ ހަ ފަނޑިޔާރަކާ މެދުގައެވެ. އެއީ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ 3.4 އިންސައްތަ މައްސަލަ ކަމުގައި ކޮމިޝަނުން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން