ސައިންސް / ދުނިޔެ / ވިޔަފާރި
ދިހަވަރަކަށް އަހަރު ތެރޭގައި އިންސާނުންނަށް މަސައްކަތް ކުރުމާއި ފައިސާގެ ބޭނުން މަޑުމަޑުން ނެތިގެން ހިނގައިދާނެ: އިލޯން މަސްކް
އިލޯން މަސްކް ފޮޓޯ:އިންޓަރނެޓް
ބިލިއަނަރެއް ކަމަށްވާ ޓެކްނޮލޮޖީގެ މާހިރު އިލޯން މަސްކް ވަނީ، ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި އިންސާނުންނަށް މަސައްކަތް ކުރުމުގެ ބޭނުން ނުޖެހި، އަދި ފައިސާގެ ބޭނުންވެސް މަޑުމަޑުން ނެތިގެން ހިނގައިދާނެ ކަމަށް ލަފާކުރައްވައި، ދުނިޔޭގައި އަނެއްކާވެސް ބޮޑު ބަހުސެއް ފަށައިފިއެވެ. މި ލަފާކުރެއްވުމަކީ ދުނިޔޭގެ އިޤްތިޞާދާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރެކެވެ.
އެމެރިކާ-ސަޢޫދީ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަމުން މަސްކް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ރޮބޮޓިކްސްގެ ދާއިރާއިން އަންނަ ހަލުވި ކުރިއެރުންތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން މިހާތަނަށް ދިމާނުވާ ގޮތްގޮތަށް ބަދަލުކޮށްލާނެ ކަމަށެވެ. މުސްތަޤްބަލުގެ މަސައްކަތުގެ ބާރާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އަންނަ "10 ނުވަތަ 20 އަހަރު" ތެރޭގައި މަސައްކަތް ކުރުމަކީ ބޭނުންތެރިކަމަކުން އަމިއްލަ އިޚްތިޔާރީ ކަމަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްކް ވަނީ މުސްތަޤްބަލުގެ މަސައްކަތްކުރުމަކީ ، ހިތްހަމަޖައްސައިލުމަށް ކުރާ ކަންކަމާ އަޅުވައި ކިއާފަައެވެ. "މިއީ ކުޅިވަރެއް ކުޅުން ނުވަތަ ވީޑިއޯ ގޭމް ކުޅުން ފަދަ ކަމަކަށް ވެގެންދާނެ – ބޭނުންވާ ނަމަ ކޮށްލާ ކަމަކަށް. ބައެއް މީހުންނަށް ފަސޭހައިން ތަރުކާރީ ގަންނަން ލިބުނަސް، ގޯތިތެރޭގައި ތަރުކާރީ ހައްދާ އުޅޭ ފަދައިން، މަސައްކަތް ކުރުން ވެގެންދާނީ އިޚްތިޔާރީ ކަމަކަށް،" އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހިސާބަށް ވާސިލްވުމަށްޓަކައި "ގިނަގުނަ މަސައްކަތެއް" ކުރަންޖެހޭނެ ކަމަށްވެސް އޭނާ ބާރުއެޅުއްވިއެވެ.
ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ ވިދާޅުވީ، އޭއައިގެ އެހީގައި ހިންގޭ ނިޒާމްތަކުން އުފެއްދުންތަކާއި ޚިދުމަތްތައް ހިންގަން ފެށުމުން، ފައިސާގެ ބޭނުންވެސް ނެތިގެން ހިނގައިދާނެ ކަމަށެވެ. އޭއައިގެ ސަބަބުން އުފެދޭނެ ކަމަށް ތަޞައްވުރުކުރެވޭ އުފާވެރި މުޖުތަމަޢުތަކުގައި ފައިސާގެ މަފްހޫމެއް ނުހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. މެޝިންތަކަށް ގިނަ އަދަދެއްގެ މުދާ އާއި ޚިދުމަތް އުފެއްދުމުގެ ކުޅަދާނަކަން ލިބުމުން، އިޤްތިޞާދީ އާދައިގެ ނިޒާމްތައް ނެތިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ – ނަމަވެސް ހަކަތަ އަދި ތަބީޢީ ވަސީލަތްތައް ފަދަ އަސާސީ ހުރަސްތައް ބާކީ ހުންނާނެއެވެ.
މަސްކް އިތުރަށް ލަފާކުރެއްވީ، އިންސާނެއްގެ ސިފައިގެ ރޮބޮޓްތައް ނުވަތަ "ހިއުމަނޮއިޑް ރޮބޮޓްސް" ކައިރި މުސްތަޤްބަލެއްގައި ދުނިޔޭގެ އެންމެ ބޮޑު ސިނާޢަތަށް ވެގެންދާނެ ކަމަށާއި، މި ސިނާޢަތް ސްމާޓްފޯން ސިނާޢަތަށްވުރެ ބޮޑުވެގެންދާނެ ކަމަށެވެ. މި ތަޞައްވުރުގެ މުހިންމު ބައެއްގެ ގޮތުގައި ޓެސްލާގެ އަމިއްލަ އިންސާނެއްގެ ސިފައިގެ މަޝްރޫޢު، "އޮޕްޓިމަސް ރޮބޮޓް" ފާހަގަކުރެއްވިއެވެ. މަސްކް ވިދާޅުވި ގޮތުގައި، ރޮބޮޓްތަކާއި އޭއައިގެ ސަބަބުން މިހާތަނަށް ފެނިފައިނުވާފަދަ އުފެއްދުންތެރިކަމާއި މުއްސަނދިކަން ލިބި، "ފަޤީރުކަން ނައްތާލެވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ އެންމެން މުއްސަނދިކުރުމަށް މަގެއް އެބައޮތް،" އޭނާ ވިދާޅުވިއެވެ. "އެ މަގަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި ރޮބޮޓިކްސްއެވެ."