ދުނިޔެ
ވިއެޓްނާމްގައި ބޮޑުވި ފެންގަނޑުގެ ސަބަބުން 90 މީހުން މަރުވެއްޖެ
ވިއެޓްނާމްގައި ފެންބޮޑުވެފައިވާ ސަރަޙައްދެއް
ވިއެޓްނާމްގެ ދެކުނާއި މެދުތެރޭ ސަރަޙައްދުތަކަށް ކުރިމަތިވި ވިއްސާރައާއި ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 90 އަށް އަރައިފި ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ވިއެޓްނާމްގެ ތިމާވެށި އަދި ޤުދުރަތީ ވަސީލަތްތަކާބެހޭ މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ނޮވެމްބަރު 16 ގެ ފަހުން މަރުވި މީހުންގެ ތެރެއިން 63 މީހުން ރިކޯޑުކުރެވިފައިވަނީ ފަރުބަދަ މަތީ ސަރަޙައްދެއް ކަމަށްވާ މެދުތެރޭ ޑަކް ލަކް ޕްރޮވިންސުންކަމަށެވެ. މި ސަރަޙައްދުގައި އެތައް ހާސް ގެއަކަށް ފެން ވަދެފައިވެއެވެ. އަދި މި ސަރަޙައްދުން މަދުވެގެން 12 މީހުން އަދިވެސް ގެއްލިގެން ހޯދަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ވީއެންއެކްސްޕްރެސް ނިއުސް ވެބްސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑަކް ލަކް ޕްރޮވިންސްގެ ބައެއް ސަރަޙައްދުތަކުގައި ފެން ހިނދެން ފަށާފައިވީ ނަމަވެސް، ގިނަ ކޮމިއުނިޓީތައް އަދިވެސް ވަނީ ފެނުގެ އަޑީގައެވެ. އަދި ސަތޭކަ އާއިލާއަށް އަދިވެސް މިކަމުގެ އަސަރު ކުރަމުންދެއެވެ.
ޑަކް ލަކްގެ 61 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ މާކް ވެން ސީ އެއެފްޕީ ނިއުސް އެޖެންސީއަށް އާދީއްތަ ދުވަހު ވިދާޅުވީ، މިހާދިސާގައި ފެނުގެ ސަބަބުން އޭނާ އާއި އޭނާގެ އަނބިމީހާ ދެ ރޭ ވަންދެން ގެއިން ބޭރުގައި ހުރި ޓިނު ފުރާޅެއްގެ މަތީގައި ތާށިވެފައި ތިބެން ޖެހުނު ކަމަށެވެ. “އަޅުގަނޑުމެންގެ އަވަށް އެއްކޮށް ހަލާކުވެއްޖެ. އެއްވެސް އެއްޗެއް ބާކީ ނެތް. ހުރިހާ އެއްޗެއް ވަނީ މަޑުން ފޮރުވިފައި،” އޭނާ ވިދާޅުވިއެވެ.
ފާއިތުވި ހަފްތާގައި، އައްސޭރިފަށުގެ ނިޔާ ޓްރާންގްގެ މުޅި ސިޓީ ބްލޮކްތައް ވަނީ ފެނުގެ ދަށަށް ގޮސްފައެވެ. އަދި ޑާ ލަޓްގެ ފަތުރުވެރިކަމުގެ މަރުކަޒުގެ ވަށައިގެންވާ އުސް ބިންތަކުގެ މަގުތަކުގައި ވަނީ ނުރައްކާތެރި ބިންގަނޑު އަޅާފައެވެ. ޑަކް ލަކް އަދި އެހެން ހަތަރު ޕްރޮވިންސްގެ 80،000 ހެކްޓަރު (200،000 އޭކަރު) އަށްވުރެ ގިނަ ހަނޑޫ އަދި އެހެނިހެން ގޮވާންތަކަށް ވަނީ ގެއްލުންވެފައެވެ. އަދި 3.2 މިލިއަނަށްވުރެ ގިނަ ގެރިބަކަރި ނުވަތަ ކުކުޅު ވަނީ މަރުވެފައި ނުވަތަ ފެންގަނޑުގައި ގެންގޮސްފައެވެ.
ސަރުކާރުގެ ނޫސް އައުޓްލެޓް ކަމަށްވާ ޓުއޯއި ޓްރޭ ނިއުސް އިން ބުނި ގޮތުގައި، ފެންބޮޑުވުމާއި ބިންގަނޑު އަޅައިގެން އެކަހެރިވެފައިވާ ކޮމިއުނިޓީތަކަށް އެހީގެ ސާމާނު ވައިގެ މަގުން އެއްލުމަށްޓަކައި އޮތޯރިޓީން ވަނީ ހެލިކޮޕްޓަރު ބޭނުންކޮށްފައެވެ. އަދި އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ހެދުން، ފެން ސާފުކުރާ ގުޅަ، އިންސްޓަންޓް ނޫޑްލްސް އަދި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ދިހަހާސް ބައެއްގެ ޕާސަނަލް ބޭނުންކޮށްފައެވެ.
އޮފިޝަލުންނާ ހަވާލާދީ އެ އައުޓްލެޓުން ބުނި ގޮތުގައި، ދެކުނުގެ އައްސޭރިފަށުގައިވާ ކާންހް ހޯއާ ޕްރޮވިންސްގައި ފާއިތުވި ހަފްތާގައި ބޯކޮށް ފެންބޮޑުވުމުގެ ސަބަބުން ދެ ސަސްޕެންޝަން ބްރިޖް ވަނީ ގެންގޮސްފައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ގޭބިސީތައް ވަނީ އެކަހެރިވެފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި، އާދިއްތަ ދުވަހު ވެސް ގައުމީ ހައިވޭތަކުގެ ބައެއް ތަންތަން ވަނީ ފެންބޮޑުވުމުގެ ސަބަބުން ނުވަތަ ބިންގަނޑު އެޅުމުގެ ސަބަބުން ބަންދުވެފައެވެ.
އަދި ރޭލްވޭގެ ބައެއް ސެކްޝަންތައް ވެސް އަދިވެސް ވަނީ ހުއްޓާލާފައެވެ. ފާއިތުވި ހަފްތާގައި އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް ނުލިބިފައިވާއިރު، 129،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބި އެބަހުއްޓެވެ. އާދިއްތަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީން ލަފާކުރި ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ފަސް ޕްރޮވިންސްއަކަށް 343 މިލިއަން ޑޮލަރުގެ އިގްތިސާދީ ގެއްލުން ލިބިފައިވެއެވެ.
ވިއެޓްނާމް ނިއުސް އައުޓްލެޓުން ރިޕޯޓްކުރި ގޮތުގައި، ބޮޑުވަޒީރު ފާމް މިނިހް ޗިންހް ވަނީ ޑަކް ލަކްގެ ރައްޔިތުންނަށް ގެދޮރު އަލުން ބިނާކުރުމަށާއި "އާންމު މުދާ އަލުން ހޯދުމަށް" އެހީވުމަށް 500 ބިލިއަން ވިއެޓްނާމް ޑޮލަރު (19 މިލިއަން ޑޮލަރު) ދިނުމަށް އޮތޯރިޓީންނަށް އަމުރުކުރައްވާފައެވެ. އޭނާ ވަނީ ލާމް ޑޮންގަށް އިތުރު 300 ބިލިއަން ވިއެޓްނާމް ޑޮލަރު (11.4 މިލިއަން ޑޮލަރު) އަދި ޖިއާ ލާއި އަދި ކާންހް ހޯއާ ޕްރޮވިންސްތަކަށް ކޮންމެ ޕްރޮވިންސަކަށް 150 ބިލިއަން ވިއެޓްނާމް ޑޮލަރު (5.7 ބިލިއަން ޑޮލަރު) ދިނުމަށް އަމުރުކުރައްވާފައެވެ.
އަދި އަސަރުކޮށްފައިވާ ރައްޔިތުންނަށް ނޮވެމްބަރު 20 ގެ ކުރިން ގެދޮރު މަރާމާތުކުރުމަށް އެހީތެރިވެ، އެކަން ނިންމުމަށާއި، ލޫނާ ނިއު ޔިއާރ ބަންދަށްޓަކައި ޖެނުއަރީ މަހުގެ ނިޔަލަށް ގެދޮރު ގެއްލުނު މީހުންނަށް ގެދޮރު ބިނާކޮށްދިނުމަށް ވެސް އޭނާ ވަނީ އޮތޯރިޓީންނަށް އަމުރުކުރައްވާފައެވެ.
ޤައުމީ ތަފާސްހިސާބު އޮފީހުން ބުނާ ގޮތުގައި، ޖެނުއަރީ މަހާއި އޮކްޓޯބަރު މަހާ ދެމެދު ވިއެޓްނާމްގައި ހިނގި ގުދުރަތީ ކާރިސާތަކުގެ ސަބަބުން 279 މީހުން މަރުވެފައި ނުވަތަ ގެއްލިފައިވާއިރު، 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ގެއްލުން ލިބިފައިވެއެވެ. މި އިރުދެކުނު އޭޝިއާގެ ގައުމަކީ ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ބޯކޮށް ވާރޭވެހޭ ޤައުމެކެވެ.
ނަމަވެސް ސައިންސްވެރިން ވަނީ އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫސުމުގެ ހާލަތު އިތުރަށް ގިނަވެ، ގެއްލުން ބޮޑުވާ ގޮތަށް ބަދަލުވަމުންދާ ކަމަށް ފާހަގަކޮށްފައެވެ.