ޚަބަރު
ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުން: ފޮޓޯ: ކަރެކްޝަނަލް ސަރވިސް
ފަރުދުން
23 ނޮވެމްބަރު 2025، 06:40
23 ނޮވެމްބަރު 2025، 06:40
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އެވެ. މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމްނާމާއަކީ ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލުގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން އެކުލަވާ ލެވިފައިވާ، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޛު ކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާގުޅޭ ގޮތުން ސޮއިކުރި ފަހުމްނާމާއެކެވެ.

އެގޮތުން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީންނަށް ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އަދި މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުންނާއި، ގުޅުން ހުރި އެން.ޖީ.އޯ ތަކުން އަދި މިނޫންވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ އެމް.ސީ.އެސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެމް.ސީ.އެސްއަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމް.ސީ.އެސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.