ކުޅިވަރު
ހޮޅުދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ފުރަތަމަ ބުރު ނިމުނުއިރު ތާވަލުގެ ކުރީގައި ޗެމްޕިއަނުން
މުބާރާތުގައި ކައުންސިލާއި މެނާ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ހޮޅުދޫ އެފްއާރުސީ
ފަރުދުން
24 ނޮވެމްބަރު 2025، 07:03
24 ނޮވެމްބަރު 2025، 07:03
ނ. ހޮޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުން ކުރިޔަށްގެންދާ ހޮޅުދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2025ގެ ފުރަތަމަ ބުރު، މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ނ. ހޮޅުދޫ ކައުންސިލުން ނިންމާލީ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ތިން ޓީމުން ވާދަކުރާ މި މުބާރާތް ކުރިޔަށް ދަނީ ލީގު އުސޫލުން ދެ ބުރު ކުޅޭ ގޮތަށެވެ. އެގޮތުން ލީގު ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، މިދިޔަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފެނަކަ ހޮޅުދޫ ބްރާންޗާއި ކައުންސިލް ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗު 2-1އިން ކާމިޔާބުކުރީ ކައުންސިލް ޓީމެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ކައުންސިލް ޓީމުން މޭނާ ސްކޫލް 7-0އިން ބަލިކުރިއިރު، އާދީއްތަ ދުވަހު ކުޅުނު ފުރަތަމަ ބުރުގެ ފަހު މެޗުގައި ފެނަކައިން ވެސް މޭނާ ސްކޫލްގެ މައްޗަށް ކުރި ހޯދީ 7-0އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ މުހިންމު މެޗެކެވެ. ފެނަކައިން ލީގު ބުރުގެ އެއްވަނަ ހޯދަން ބޭނުންނަމަ، މިއަދު ކައުންސިލް ބަލިކުރަން ޖެހޭނެއެވެ.
މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ކަމުން، ފައިނަލުން ޖާގައެއް ހޯދުމަށް މޭނާ ސްކޫލަށް ޖެހޭނީ މި ބުރުގެ ދެ މެޗު ވެސް ކާމިޔާބު ކުރާށެވެ.
ފުރަތަމަ ބުރު ނިމުނުއިރު، މުބާރާތުގެ ގޯލު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ކައުންސިލްގެ ޝަރީފް އާއި ފެނަކައިގެ ވަދޫދުއެވެ. މި ދެ ކުޅުންތެރިންވެސް ވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ.
މިއީ ހޮޅުދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.