ރިޕޯޓް

އެހީތެރިކަމަށް އެދެން ފަސްނުޖެހޭ!

އެހީތެރިކަމަށް އެދެން ފަސްނުޖެހޭ!

ކްލިޕް އާރޓް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

29 އޯގަސްޓު 2024، 03:55

29 އޯގަސްޓު 2024، 03:55

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނުންގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމެވެ. ކޮންމެ މީހަކީވެސް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެ މީހެކެވެ. ގިނަ ފަހަރަށް ހަމަޖެހޭ ދިރިއުޅުމަކަށް ހުރަސް އެޅެނީ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ދިމާވާ ކަމަކާ ގުޅިގެން މީހާއަށް ކުރާ ނަފްސާނީ ގެއްލުމެއްގެ ސަބަބުންނެވެ.

 "ޕާސްޓް ޓްރޯމާ" ނުވަތަ މީހެއްގެ ހަޔާތުގައި ކުރިން ދިމާވެފައިވާ ހިތްދަތި، ނުވަތަ ބިރުވެރި، ނުވަތަ ނުރައްކާތެރި ހާދިސާއަކުން ލިބިފައިވާ ނަފްސާނީ އަނިޔާއެއްގެ ސަބަބުން މުޅި އުމުރުގައި އެކަމުގެ ހިތްދަތިކަން ކުރިމަތިވެއެވެ. މިފަދަ ކަމެއް ދިމާވެފައިވާ މީހެއްގެ މިހާރުގެ ދިރިއުޅުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުން އެކަށީގެންވެއެވެ. މިފަދަ ކަންކަމަކީ ނަފްސާނީ ޑޮކްޓަރުންނާއި ނަފްސާނީ މާހިރުންގެ އެހީތެރިކަން ހޯދަން ޖެހޭ ކަންކަމެވެ. އެއްވެސް ހާލެއްގައި ލަދުގަނެ ފަސްޖެހެން ވާނެ ވަރުގެ ކަންކަމެއް ނޫނެވެ. މީހަކު ނުވަތަ ބަޔަކު ކިޔާފާނެ އެއްޗަކަށް އަމިއްލަ ނަފްސު ޤުރުބާން ކުރުމެއް ނުވެއެވެ. ނަމަވެސް، ގިނަ ބަޔަކު ނަފްސާނީ އެހީތެރިކަން ހޯދުމަށް ފަސްޖެހެއެވެ. މިކަމުގެ ސަބަބުން ތިމާއާއި ތިމާގެ ގާތް އެތައް ބަޔަކަށް ނޭދެވޭ ނަތީޖާތަކާ ކުރިމަތިލާން ޖެހެއެވެ.

އެހީތެރިކަމަށް އެދެން ފަސްނުޖެހޭ!

ނަފްސާނީ ކަމެއް ދިމާވުމުން އެކަމަށް ލަސްނުކޮށް ފަރުވާ ހޯއްދަވާ


ނަފްސާނީ ގޮތުން އެންމެ ފުރަތަމަ ދިމާވާ ކަމަކީ ބޮޑު ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ފަރުވާ ނުހޯދައިފިނަމަ، ކުދިކުދި މައްސަލަތައް ބޮޑެތި ބަލިތަކަށް ބަދަލުވެދާނެއެވެ. ނިދަން އުނދަގޫވުމާއި ކުއްލި ކުއްލިއަށް ހޭލެވުމާއި ބައެއް ފަހަރު މާގިނައި ނިދުންވެސް މިއީ ނަފްސާނީ ގޮތުން ދިމާވެފައިިވާ ކަމެއްގެ ސަބަބުން ދިމާވާ ކަންކަމަށްވެސް ވުން އެކަށީގެންވެއެވެ.  ނަފްސާނީ ކަންކަމަށް ފަރުވާ ނުހޯދައިފިނަމަ ދިމާވެދާނެ އިތުރު ކަމަކަށް ބަލާއިރު، އާއިލީ ގުޅުން ހީނަރުވެ މުހިންމު ގުޅުންތަކަށް އަސަރު ކޮށްފާނެއެވެ. ހަމައެއާކު ވަޒީފާ އަދާކުރާ ފަރާތެއްނަމަ މަސައްކަތުގެ ފެންވަރު ދަށްވުން ހިމެނެއެވެ. އެއްވެސް މީހަކީ އެމީހާ ކާންބޯން ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ހުރަހެއް އެޅުމަށް އެދޭނެ މީހެއް ނޫނެވެ. އެހެން ނަމަވެސް ނަފްސާނީ ދަތިތަކުގެ ސަބަބުން މަސައްކަތަށް އަސަރުކޮށް، ވަޒީފާ ގެއްލުމުގެ ފުރުސަތު އޮވެއެވެ.

ބައެއް ހާލަތްތަކުގައި ނަފްސާނީ ބަލިތައް ގޯސްވެ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު އާދެއެވެ. މިއީ މަދުން ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން މިހާރުވެސް ފެންނަ މަންޒަރެކެވެ. މިފަދަ ކަމަކީ އެއްވެސް ހާލެއްގައި ތިމާއާއި ތިމާގެ ގާތް މީހަކުވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫންކަން ޔަޤީނެވެ. ކަން މިހެން ހުރުމާއެކުވެސް ނަފްސާނީ ކަމެއް ދިމާވުމުން އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުން މުހިންމެވެ. މިސާލަކަށް ކައުންސިލަރއެއް ނުވަތަ ސައިކޮލަޖިސްޓެއްގެ އެހީތެރިކަަމަށް އެދެވިދާނެއެވެ. 

ދީނީ ނަޒަރަކުން ބަލާނަމަ އިސްލާމްދީނުގައި ބަލިވުމަކީ ކުށެއް ނޫނެވެ. އަދި ބައްޔަށް ފަރުވާކުރުމަކީވެސް އެދެވިގެންވާ ކަމެކެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: "އޭﷲގެ އަޅުތަކުންނޭވެ! ބޭސްފަރުވާ ކުރާށެވެ! ހަމަކަށަވަރުން، ﷲ ތަޢާލާ އެއްވެސް ބައްޔެއް ލައްވާފައި ނުވެއެވެ. އޭގެ ޝިފާއެއް ލެއްވުމަކާ ނުލައެވެ." (ބުޚާރީ)

ނަފްސާނީ މާހިރެއްގެ އެހީ ހޯދުމަކީ އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމުގެ ނިޝާނެކެވެ. މިއީ ހަށިގަނޑުގެ ބައްޔަކަށް ޑޮކްޓަރަށް ދެއްކުމާ އެއްފަދަ ކަމެކެވެ. 



މި ލިޔުން ކިޔާލުމުން