Ads by Stelco

ޚަބަރު

މުދާ އެތެރެ ކުރުމަށްފަހު، ދޫކުރުމާއި ހަމައަށް ހޭދަވާ ވަގުތުތައް ދެނެގަތުމަށް ދިރާސާއެއް

މުދާ އެތެރެ ކުރުމަށްފަހު، ދޫކުރުމާއި ހަމައަށް ހޭދަވާ ވަގުތުތައް ދެނެގަތުމަށް ދިރާސާއެއް

"ޓައިމް-ރިލީސް ސްޓަޑީ" ދިރާސާގެ ތެރެއިން

farudhun logo

ފަރުދުން

24 ނޮވެމްބަރު 2025، 06:31

24 ނޮވެމްބަރު 2025، 06:31

ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް, ހޭދަވާ ވަގުތުތައް ދެނެގަތުމަށް ދިރާސާއެއް ކުރަން ފަށައިފިއެވެ.

"ޓައިމް-ރިލީސް ސްޓަޑީ" ގެ ނަމުގައި ހިންގާ މި ދިރާސާއަކީ، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ޖަމްއިއްޔާގެ ކަމާއި ބެހޭ މާހިރުންނާ ގުޅިގެން ހިންގާ ދިރާސާއެކެެވެ.

މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހިމެނެއެވެ. މި ދިރާސާއަށް އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ހޯދޭ ހޯދުންތަކުގެ ރިޕޯރޓް ޝާއިޢުކުރުމަށް މިހާރު ރޭވިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހު މަހުގެ ތެރޭގައެވެ.

މިއީ، ކަސްޓަމްސް އިން ކުރިއަށް ގެންދާ މިފަދަ ދެވަނަ ސާވޭއެވެ. ޓައިމް ރިލީޒް ސްޓަޑީއެއް އެންމެ ފުރަތަމަ ހެދީ 2021 ވަނަ އަހަރެވެ. ވުމާއިއެކު، 2021 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، އެކަންކަމަށް ގެނެވިފައިވާ ކުރިއެރުންތައް މި ސްޓަޑީއިން އެނގިގެންދާނެއެވެ. އަދި މީގެއިތުރުން، މުދާ ކްލިއާ ކުރުމުގެ ޕްރޮސެސްތަކަށް ގެނެވިފައިވާ ތަރައްޤީއާއި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަންވެސް މި ސްޓަޑީގެ ސަބަބުން ދެނެގަނެވިގެންދާނެއެވެ.



މިގޮތުން އެއްކުރާ މައުލޫމާތުތަކުގެ ތެރޭގައި، މުދަލެއް ރާއްޖެއަށް އަންނަ ހިސާބުން އެ މުދާ ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ހުށަހެޅުމަށް ހޭދަވާ ވަގުތު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން މުދަލުގެ ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތާއި، މުދަލާއި ބެހޭގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި، ކަސްޓަމްސްއިން ބަލައި ފާސް ކުރުމަށް ހޭދަވާ ވަގުތާއި، ބަނދަރުން މުދާ ދޫކުރުމަށް ހޭދަވާ ވަގުތުތައްވެސް ދެނެގަނެވޭނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މިފަދަ ދިރާސާއެއްގެ ބޭނުމަކީ، ރާއްޖެއަށް މުދަލެއް ގެންނައިރު، އެ މުދާ ކްލިއަރކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެން ދިއުމާއި، ކަސްޓަމްސްއާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާއި ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާ ކުރުމަށް ހުރި ކަންކަން ދެނެގަނެ އެކަން ކަމަށް މަސައްކަތް ކުރުމަށް ފުރުޞަތު ލިބުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން