ޚަބަރު
ގާނޫނު ތަންފީޒްކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ފުލުހުން ދެމިއޮންނާނެ: ސީޕީ
އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގެ ތެރެއިން
ފަރުދުން
24 ނޮވެމްބަރު 2025، 07:03
24 ނޮވެމްބަރު 2025، 07:03
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ގާނޫނު ތަންފީޒްކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ތަޤްރީރް ކުރައްވަމުން ސީޕީ ނަވީން ވިދާޅުވީ މަސްތުވާތަކެތި އުފައްދައި އެކި ގައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި ގާނޫނާ ހިލާފަށް ކުރެވޭ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ގައުމުތަކަށާއި އަދި އެހެން ގައުމުތަކަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމުގައެވެ. އަދި މިފަދަ ކުށްތަކާ ދެކޮޅަށް ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ގައުމުތަކުގެ މެދުގައި މައުލޫމާތުތައް ވަގުތުން ހިއްސާކުރުމާއި، ގުޅުން ބަދަހިކުރެއްވުމަށްވެސް ސީޕީ އެދިވަޑައިގެންނެވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކަށް ފައިސާ ފޯރުކޮށްދީ، އެކަންކަން ރާވާ ހިންގާ ބޭރުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ކުށުގެ އަމަލުތައް ހިންގާ ނެޓްވޯކްތައް ދެނެގަނެ، އެނެޓްވޯކްތަކުގެ ހަރަކާތްތައް ހުއްޓުވުމަށާއި ޓްރާންސް ނޭޝަނަލް ކުށްތައް އަދި ރޭވިގެން ހިންގާ ކުށްތައް ހިންގައި، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް މައުލޫމާތުތައް ވަގުތުން ހިއްސާކުރުމާއި މިފަދަ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގައެވެ. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ގާނޫނު ތަންފީޒްކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ނޮވެމްބަރު މަހުގެ 24 އިން 27 އަށް މޮރޮކޯގައި ކުރިއަށްދާ އިންޓަޕޯލް 93 އާންމު މަޖިލިހުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ތަންފީޒްކުރާ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.