ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފި
ނޭޝަނަލް ޑްރަގް އޭޖެންސީ / ފޮޓޯ: ޕީއެސްއެމް
ފަރުދުން
25 ނޮވެމްބަރު 2025، 06:44
25 ނޮވެމްބަރު 2025، 06:44
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހަރު ހައްޔަރުކުރީ ގދ. ގައްދޫއަށް ނިސްބަތްވާ، އުމުރުން 42 އަހަރުގެ އިސްމާޢިލް އަބްދުاللهއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ 5 ދުވަހަށް އޭނާ ބަންދުކުރުމަށެވެ.
ކޯޓުގައި ފުލުހުން ބުނީ، އިސްމާޢިލް އަބްދުالله ހައްޔަރުކުރީ އޭނާ ވައްޓާލި އެއްޗެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފެނުމުންނެވެ.
މީގެ އިތުރުން، އޭނާގެ ކުޑަކަމުދާ ތަކެތި ތަޙުލީލުކުރިއިރު ޓީއެޗުސީއަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އިސްމާޢިލް އަބްދުالله ކޯޓުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އޭނާ ބުނީ ވަކީލަކު ބޭނުންވާ ކަމަށާއި، އެންޑީއޭގެ ވަޒީފާގައި އުޅޭ ކަމަށެވެ. މީގެ އިތުރުން އޭނާއަކީ ކުޑަ ދަރިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މިފަދަ މައްސަލައެއްގައި މިދިޔަ ހަފްތާގައި ވެސް ފުލުހުން ވަނީ އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފައެވެ. ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙް ނަމަކަށް ކިޔާ މި މީހާ ހައްޔަރުކުރީ މިމަހުގެ 4 ވަނަ ދުވަހު އެންޑީއޭއިން ހުށަހެޅި މި މައްސަލައާ ގުޅިގެންނެވެ.
އޭނާއަކީ އެ އިދާރާގެ ޕިއަރ މެންޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.