ޚަބަރު
އޮޕަރޭޝަން "އަލިމަގު"ގައި 29.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ފުލުހުން
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުން. / ފޮޓޯ: އިންޓަރނެޓް.
ފަރުދުން
25 ނޮވެމްބަރު 2025، 04:23
25 ނޮވެމްބަރު 2025، 04:23
މަސްތުވާތަކެއްޗާ ދެކޮޅަށް ޤައުމީ ފެންވަރުގައި މި މަހު ފުލުހުން ފެށި "އަލިމަގު" ބޮޑު އޮޕަރޭޝަނުގައި ޖުމްލަ 29.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އެ އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ނާއިފް ވިދާޅުވީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަން "އަލިމަގު"ގެ ދަށުން، 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ މަސްތުވާތަކެތި އަތުލެވުނު ކަމަށެވެ.
ނާއިފް އިތުރަށް ވިދާޅުވީ، އެ އޮޕަރޭޝަންގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ޙާޟިރުކުރީ 38 މީހަކު ކަމަށް ނާއިފް ވިދާޅުވިއެވެ.
ނާއިފް ވިދާޅުވީ، ކޯޓަށް ގެންދެވުނު މީހުން ކޯޓަށް ގެންދިޔައީ، ކުށުގެ ރެކޯޑާއި އަތުލައިގަތް މަސްތުވާތަކެތީގެ ޢަދަދަށް ބަލާފައި ކަމަށެވެ. އަދި އެ މީހުންގެ އަތުން މަސްތުވާތަކެތި ފެންނަ ޙާލަތުގައި ވެސް ކޯޓަށް ޙާޟިރުކޮށް، ބަންދު ޖަހަން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ގދ. އަތޮޅާއި ގއ. އަތޮޅުންނެވެ. އެގޮތުން، 16 މީހަކު އެ ދެ އަތޮޅުން ހައްޔަރުކުރީ ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ކަމަށް ނާއިފް ހާމަކުރެއްވިއެވެ. އެ މީހުންގެ އަތުން ޖުމްލަ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާއިފް ވިދާޅުވީ، މި އޮޕަރޭޝަން މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެއް ކަމަށެވެ. ރާއްޖޭގައި ދެން މަސްތުވާތަކެތި ފެތުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.